30 މެއި 2018 - 15:33

ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެންގެވީ ނުބައި ނިޔަތެއް އޮވެގެން ކަމަށާއި އެއީ ގާނޫނީ ގޮތުން ކުށެއް ކަމަށް ބެލެވޭނެ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެކި ފަހަރު މަތިން ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވާލަން އެންގި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކޮށްފަ އެވެ.
އެ މައްސަލަ އުއްތަމަ ފަނޑިޔާރުގެ ފަރާތުން އިސްތިއުނާފްކޮށް، ހައި ކޯޓުގައި ފާހަގަކުރާ އެއް ނުކުތާއަކީ ޖެމްސް ސިސްޓަމް ބޭނުންކުރުން ސުޕްރީމް ކޯޓަށް ލާޒިމްނުވާ ކަމަށާއި އެހެންވެ އެ ސިސްޓަމް ހުއްޓުވުމަކީ ކުށަކަށް ނުވާނެ ކަމަށެވެ. އަދި ޖެމްސް ސިސްޓަމަކީ ހަމައެކަނި ސަރުކާރުގެ އިދާރާތަކުގެ މެދުގައި ލިޔުންތައް ބަދަލުކުރަން އޮންނަ ނިޒާމެއް ކަމަށް އުއްތަމަ ފަނޑިޔާރުގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ.
އުއްތަމަ ފަނޑިޔާރުގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ޖަވާބުދާރީވަމުން މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ އައިޝަތު މުނާ ޝަމީމް ވިދާޅުވީ ޖެމްސް ސިސްޓަމަކީ ލިޔުންތައް ބަދަލު ކުރުމަށްޓަކައި 2010 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އިދާރާތަކުގެ މެދުގައި އޮންނަ ނިޒާމެއް ކަމަށާއި އެ ނިޒާމު މިހާތަނަށް ސުޕްރީމް ކޯޓުން ވެސް ބޭނުން ކުރަމުން އައިސްފައިވާ ކަމަށެވެ. އެހެންވެ، އެކަމުން އެނގިގެންދަނީ އެ ނިޒާމް ބޭނުން ކުރަން އެ ކޯޓުގެ މައްޗަށް ވެސް ލާޒިމްވުން ކަމަށް ވަކީލާ ވިދާޅުވި އެވެ.
މުނާ ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރަކީ ސުޕްރީމް ކޯޓުގެ އިސް ފަރާތް ކަމަށް ވެފައި، އެ ކޯޓުގައި ޖެމްސް ހުއްޓުވާލީ ދައުލަތުގެ އިދާރާތަކުން އެ ކޯޓަށް ލިޔުންތައް ފޮނުވަން ހުރަސް އެޅުމުގެ ގޮތުން ކަމަށް ވާތީ އެކަމުގައި އުއްތަމަ ފަނޑިޔާރުގެ ނުބައި ނިޔަތެއް އޮތްކަން އެނގެ އެވެ.
އޭނާ ވިދާޅުވީ އެކަން އެނގެނީ ޖެމްސް ކަނޑާލާފައި ހުރި ވަގުތުތަކުގައި ސުޕްރީމް ކޯޓުން އެކި އިދާރާތަކަށް ފޮނުވަން ބޭނުންވާ ލިޔުންތައް ފޮނުވުމަށް ޖެމްސް ސިސްޓަމް އަލުން ގުޅުމަށާއި އެ ލިޔުންތައް ފޮނުވައި ނިމުމުން އެ ސިސްޓަމް އަނެއްކާވެސް ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގިކަން ހެކިންގެ ބަހުން އެނގެން އޮތުމުންނެވެ. އެހެންވެ އެ އަމަލަކީ ގާނޫނުލް އުގޫބާތުގައި ބުނާ ފަދައިން، މާއްދީ ގޮތުން ދައުލަތަށް ހުރަހެއް ކުރިމަތި ކުރުވުން ކަމަށް ބެލެވޭނެ ކަމަށް ވަކީލާ ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ދަށު ކޯޓުގައި ހެކިބަސް ދިން މީހުންނަކީ ޖެމްސް ކަނޑާލުމުގައި ބައިވެރިވި ފަރާތްތަކެއް ކަމަށްވާތީ އެ މީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ދިފާއީ ވަކީލުން ބުނާ ބުނުމަށް ވެސް ދައުލަތުން ރައްދު ދިނެވެ. އޭގެ ރައްދުގައި ދައުލަތުގެ ވަކީލާ މުނާ ވިދާޅުވީ ކުށުގެ އަމަލުގައި އެންމެ ބޮޑަށް ބައިވެރިވާ މީހާއާ ދެކޮޅަށް ހެކިބަސް ހޯދުމަށްޓަކައި، އެކަމުގައި ބައިވެރިވާ އެހެން މީހުންނަށް ދައުވާ ނުކޮށް، އެ މީހުންގެ ހެކިބަސް ހޯދުމަކީ ދައުލަތުން ކުރިން ވެސް އަމަލު ކުރަމުން އައިސްފައިވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ ދިފާއުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނުނަގާ އޮތް މައްސަލަ ދިފާއީ ވަކީލުން ފާހަގަ ކުރާތީ އެކަމަށް ވެސް ދައުލަތުން ރައްދު ދިނެވެ. އެކަމާ ގުޅިގެން ވަކީލާ މުނާ ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ފަރާތުން ދިފާއުގައި ހުށަހެޅީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ކަމަށް ވާއިރު، އެ ބޭފުޅުންނަކީ ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ޖިނާއީ ތުހުމަތުތަކެއް ކުރެވިފައިވާ ފަރާތްތަކެއް ކަން އެނގޭތީ އެ ފަރާތްތަކުގެ ހެކިބަސް ނުނަގަން ނިންމީ ރަނގަޅަށް ކަމަށެވެ.
އެ މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކަނޑައެޅި އަދަބާ މެދު ދިފާއީ ވަކީލުން ސުވާލު އުފައްދާފައިވާތީ އޭގެ ރައްދުގައި ވަކީލާ ވިދާޅުވީ އެ މައްސަލާގައި ކަނޑައެޅި އަދަބު ރަނގަޅު ކަމަށެވެ. އެ މައްސަލާގައި އުއްތަމަ ފަނޑިޔާރަށް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވާއިރު، އެއީ ގާނޫނުލް އުގޫބާތުގައި އެ ކުށަށް އަސާސީ މިންގަނޑުން އޮންނަ އަދަބު ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ. އަދި އިތުރަށް އަދަބު ލުއިކުރަންޖެހޭ ހާލަތެއް އެ މައްސަލާގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ދައުވާ ފޯމްގައި ސޮއިކުރީ ޕްރޮސެކިއުޓާ ޖެނެރަލް ހުއްދަ ދެއްވި ފަރާތެއް ކަން އެނގެން ނެތް މައްސަލަ އާއި ކުށުގެ އަމަލު ހިނގި ވަގުތު ދައުވާ ފޯމްގައި ނެތް މައްސަލާގެ އިތުރުން ގާޒީ ބަދަލުވި މައްސަލާގެ އިތުރުން ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފަށް ހެކި ސިއްރުކުރި ކަމަށް ބުނެ އެކަންކަން ދިފާއީ ވަކީލުން ފާހަގަ ކުރަމުންދާތީ އެކަމަށް ވެސް ދައުލަތުން ރައްދު ދިނެވެ.
އެކަމާ ގުޅިގެން ވަކީލާ މުނާ ވިދާޅުވީ ދައުވާ ފޯމްގައި ސޮއިކުރީ ޕީޖީ ހުއްދަ ދެއްވާފައިވާ ފަރާތެއް ކަމަށާއި އެކަން ދައުވާ ފޯމުން ކޮންމެހެން އެނގެން ނުޖެހޭ ކަމަށެވެ. އަދި ކުށުގެ އަމަލު ހިނގި ސީދާ ވަގުތެއް ދައުވާގައި ނެތަސް، ފެބްރުއަރީ، 4 ވަނަ ދުވަހާއި 5 ވަނަ ދުވަހުގެ އެކި ވަގުތުތަކުގައި ޖެމްސް ކަނޑާލާފައިވާ ކަން ދައުވާގައި އެބައޮތް ކަމަށާއި އެހެންވެ ގާނޫނުގައި ބުނާ މިންވަރަށް އެ މައުލޫމާތު ދައުވާގައި ހިމެނުނީ ކަމަށް ދެކޭ ދައުލަތުން ބުންޏެވެ.
އެ މައްސަލަ ދަށު ކޯޓުގައި ބެއްލެވި ގާޒީ ބަދަލުވީ ގާނޫނާ ޚިލާފަށް ކަމަށާއި ހެކިން ސިއްރު ކުރީ ގާނޫނާ ޚިލާފަށް ކަމަށް ދިފާއީ ވަކީލުން ބުނާ ބުނުމަށް ރައްދުދީ، ދައުލަތުން ބުނީ އެކަންކަން ހިނގީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
ޖެމްސް ހުއްޓުވުމަކީ ކުށަކަށް ވާނެ ކަމަށް ދައުލަތުން ބުނި ބުނުމަށް ރައްދު ދެއްވައި، އުއްތަމަ ފަނޑިޔާރުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ޖެމްސް ބޭނުން ކުރަން އަންގައި، ރައީސް އޮފީހުން ނެރެފައިވާ ލިޔުމުގައި މުޅިން ވެސް އޮތީ ސަރުކާރުގެ އިދާރާތަކުގެ ވާހަކަ ކަމަށެވެ. ސުޕްރީމް ކޯޓުން އަމަލު ކުރަންޖެހޭ ގޮތްތައް އެންގުމަކީ ސަރުކާރުގެ އިދާރާތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކޯޓުތަކާ ބެހޭ ގާނޫނުން އެނގޭ ކަމަށް ވެސް ވަކީލް ނޫރު ވިދާޅުވި އެވެ. އަދި ޖެމްސް ބޭނުން ކުރަންޖެހޭ ކަމަށް ބުނާ ވާހަކައެއް ސުޕްރީމް ކޯޓުގެ އެއްވެސް ގަވާއިދެއްގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޫރު ވިދާޅުވީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހެކިބަސް ދިން ދެ މީހުން ތެރެއިން އެއްވެސް އުއްތަމަ ފަނޑިޔާރުގެ ނަން ބުނެފައިވަނީ ވެސް އެންމެ މީހެއް ކަމަށާއި އޭނާއަކީ އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށް ބުނެ ޖެމްސް ކަނޑާލަން އެންގި މީހާ ކަމަށެވެ. ޖެމްސް ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް އެ ހެކިވެރިޔާ ބުނުމުން އެ ކުރެވެނީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ތުހުމަތެއް ކަމަށާއި ތުހުމަތެއް އުފައްދާ މީހެއްގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޝައްކު ކުރެވޭ ނުވަތަ ދެކޮޅުވެރިކަން އޮތް ކަމަށް ބެލެވޭ މީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ގުރުއާނާއި ސުންނަތުން އޭނާ ދަލީލު ދެއްކެވި އެވެ.
ކުށް ކުރުމުގައި ބައިވެރިވާ ބައެއް މީހުންނާ ދެކޮޅަށް ދައުވާ ނުކޮށް، އެކަމުގައި ބައިވެރިވާ އެހެން މީހުންނާ ދެކޮޅަށް ހެކިންގެ ގޮތުގައި ބޭނުން ކުރުމަކީ ކުރިން ވެސް ކުރަމުން އައިސްފައިވާ ކަމެއް ދައުލަތުން ބުނި ބުނުމަށް ރައްދު ދެއްވައި، ވަކީލް ނޫރު ވިދާޅުވީ އެގޮތަށް އަމަލުކުރި މައްސަލައެއް ދައުލަތުން ފާހަގަ ނުކުރާ ކަމަށެވެ. އަދި ކުށުގެ ހަގީގީ އަމަލު ހިންގި މީހާއަށް ދައުވާ ނުކޮށް، އެ ކުށްކުރަން އެންގި މީހާއަށް ދައުވާ ކުރުމަކީ ކުރިން ވެސް ކޮށްފައިވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަށު ކޯޓުން ކަނޑައެޅި އަދަބާ ބެހޭގޮތުން ވަކީލް ނޫރު ވިދާޅުވީ ކުށްކުރަން އުޅުމާއި ކުށްކުރަން އެންގުމަކީ އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ ދަށްވާނެ ކަމެއް ކަމަށް ގާނޫނުލް އުގޫބާތުގައި އެބައޮތް ކަމަށެވެ. އެހެންވެ، ޖެމްސް ހުއްޓުވަން އެންގި ކަން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވިޔަސް، ކަނޑައެޅޭނެ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖެމްސް ހުއްޓުވަން އެންގެވި މައްސަލާގެ އިތުރުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި ވެސް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އެ މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާތައް ނިމޭއިރު، ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ ފަނޑިޔާރުކަމުން ވަކިވާނެ އެވެ.
މީގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ. އެ މައްސަލަ ދަށު ކޯޓުގައި ދަނީ ހިނގަމުންނެވެ.