ސަރުކާރުން ބޭނުންވަނީ އިންތިހާބުގެ ކުރިން މީޑިއާތައް ހުއްޓުވަން: ޖޭޕީ
ސަރުކާރުން ބޭނުންވަނީ އިންތިހާބުގެ ކުރިން މީޑިއާތައް ހުއްޓުވަން: ޖޭޕީ

ސަރުކާރުން މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބުގެ ކުރިން މީޑިއާތައް ހުއްޓުވަން ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.

ހުކުމް ތަންފީޒުކުރާ މީހުންގެ ބަޔާންތަކާއި އިންޓަވިއުތައް ބްރޯޑްކާސްޓް ކުރުމުން ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓްރީންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން އިންޒާރު ދިނުމުން، އެކަން ކުށްވެރިކުރަން ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ސެކެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ނޫސްވެރިންނަށް ބިރުދައްކައި މީޑިއާތަށް ފަހަތަށް ޖައްސަން ކުރާ މަސައްކަތް ބަލައިނުގަންނަ ކަމަށެވެ.

"ސަރުކާރުން މި އުޅެނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މީޑިއާގެ ދައުރު. ރައްޔިތުންނަށް ތެދު މައުލޫމާތު ވަގުތުން ވަގުތަށް ގެނެސްދީފާނެތީ ބިރުން ރާއްޖޭގެ މީޑިއާތައް ފަހަތަށް ޖައްސައި އެހާ ހިސާބަށް ދާއިރު ހަމައެކަނި ޓީވީއެމް އިން އެކަނި ބްރޯޑްކާސްޓް ކުރެވޭ ކަހަލަ ގޮތަކަށް ކަންތައްކުރަން،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ ދައުލަތުން ހަރަދުކުރާ ޓީވީއެމުން ޕުރޮމޯޓްކޮށް ގެނެސް ދެނީ ހަމައެކަނި ސަރުކާރުގެ ހަބަރުތައް ކަމަށެވެ.

"ނޫސްވެރިން ފަހަތަށް ޖައްސައި ރާއްޖޭގެ ކަންކަން އޮޅޭގޮތަށް ހަބަރު ފެތުރުމަށް ބާރު އަޅައި އިންޒާރު ދިނުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން،" ސަމީރު ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބޭނުންހާ ގޮތަކަށް ކަންތައް ކުރަނީ ރައީސް އަބްދުﷲ ޔާމީންގެ ނުފޫޒުން ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަނީ މީޑިއާތަކަށް ހުރަސް އަޅާށެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ކުށްވެރިން ނޫން ކަމަށް ނިންމާފައިވާތީ އެބޭފުޅުންނަކީ ކުށްވެރިން ނޫން ކަމަށް ސަމީރު ވިދާޅުވި އެވެ.

ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އެ އަމުރުގެ ބައެއް ބައިތައް ފަހުން ވަނީ ތިން ފަނޑިޔާރުންގެ އަމުރަކުން ބާތިލްކޮށްފަ އެވެ.

ސަމީރު ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނާއި ގާނޫނާ ހިލާފަށް އަމަލު ކުރާ އެހެން ފަރާތްތަކުން މައްސަލަތައް ދެން އަންނަ ސަރުކާރަކުން ހައްލުކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ.