31 މެއި 2018 - 08:36

މަޝްހޫރު އެކްޓަރު މޯގަން ފްރީމަން ގިނަ އަދަދެއްގެ އަންހެނުންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނެ ސީއެންއެން މިދިޔަ ހަފުތާގައި އާންމުކުރި ރިޕޯޓަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެ އެކަމަށް ސީއެންއެން މާފަށް އެދެން ގޮވާލައިފި އެވެ.
މޯގަންގެ ވަކީލު ރޮބަޓް އެމް ޝުވާޒް ސީއެންއެންގެ ރައީސް ޖެފް ޒުކާ އަށް ފޮނުވި ސިޓީއެއްގައި ބުނީ މޯގަންއާ ބެހޭ ގޮތުން ސީއެންއެން އިން މި މަހުގެ 24 ވަނަ ދުވަހު އާންމު ކުރި ރިޕޯޓްގެ ސަބަބުން މޯގަންގެ އަނބުރަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.
މިއީ ސީއެންއެނުން ސީދާ އޭނާގެ ޝަހުސު ކަތިލަން ދިން ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުގައި މޯގަންގެ ފަރާތުން ޖިންސީ ގޯނާތަކާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެ އިންޓަވިއު ދިން މީހުން ދައްކާފައި ހުރި މުޅިން ވެސް ދޮގު ވާހަކަތަކެވެ. އަދި ކަމުގެ ހަގީގަތް ނުބަލައި، ސީއެންއެން ކަހަލަ ނިއުސް ޗެނެލަކުން ހަބަރުތައް ފެތުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ބުނެފައިވެ އެވެ.
ސީއެންއެން އިން އާންމުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މޯގަންގެ ފަރާތުންގެ 16 އަންހެނަކަށް ޖިންސީ ގޯނާއާ އެކި ފަހަރު އެކި ދުވަސްމަތިން ކުރިމަތިލާން ޖެހުނެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ވާހަކަތައް ވަރަށް ތަފުސީލުކޮށް ކިޔައި ދީފައިވެ އެވެ.
މިކަމާ ގުޅިގެން ސީއެންއެން އިން ނެރުނު ބަޔާނެއްގައި ބުނީ މޯގަންގެ ވާހަކަ އެ ޗެނެލުން އާންމުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ބަޔަކަށް ޖިންސީ ގޯނާއެއް ކުރެވިފައިވާ ނަމަ އެކަމަށް މާފަށް އެދޭ ކަމަށް މޯގަން ބުނެފައިވާ ކަމަށެވެ.
އެހެންވެ ސީއެންއެން އިން ގެނެސް ދިން ރިޕޯޓާ ގުޅިގެން އެ ޗެނެލުން މާފަށް އެދެން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެ މީހުން ގެނެސް ދިން ރިޕޯޓްގައި ދޮގު ވާހަކަތަކެއް ނުހުންނާނެ ކަމަށް ބުންޏެވެ.
މޯގަން، 80، ގެ މައްޗަށް ތުހުމަތު ކުރި ކަންތައްތަކާ ގުޅިގެން އޭނާ އަށް މިހާރު ވަނީ ބައެއް ކަހަލަ ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން ވެންކޫވާގައި އޮންނަ މާކެޓިން ކެމްޕޭނެއްގައި ބައިވެރިވާ އޭނާ ކުރަން އޮތް ދަތުރު ވިސާ ކެންސަލް ކުރުމުގެ ސަބަބުން ވަނީ ހުއްޓައިލަން ޖެހިފަ އެވެެ.
ރިޕޯޓްތައް ބުނާ ގޮތުން މި އަހަރު ކުރީކޮޅު މޯގަން އަށް އެރުވި ސްކްރީން އެކްޓާސް ގިލްޑް-އެމެރިކަން ފެޑެރޭޝަން އޮފް ޓެލެވިޝަން އެންޑް ރޭޑިއޯ އާޓިސްޓް (އެސްއޭޖީ-އޭއެފްޓީއާރްއޭ) ގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ވެސް އަނބުރާ ނަގަން ވަނީ ނިންމައިފަ އެވެ.