30 މެއި 2018 - 14:12

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވައި ދިނުމުގެ އަމުރަކަށް ބަންޑާރަ ނައިބުގެ އޮފީހުން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ޕްރައިމަރީގެ ވޯޓުލުން ދެންމެ ފަށައިފި އެވެ.

މާލޭގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގެ އިތުރުން، ރަށްތަކާއި ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ވަނީ ވޯޓު ފޮށި ބަހައްޓައިފަ އެވެ. ވޯޓު ފޮށި ބަހައްޓާފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވޯޓުލުން ކުރިއަށް އެބަދާ ކަމަށް އެމްޑީޕީން ބުންޏެވެ.

ރިޔާސީ ޕްރައިމަރީ އަށް އެމްޑީޕީން ކުރިމަތިލެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.
އެމްޑީޕީގެ ވޯޓުލުން ފަށާފައި މިވަނީ، އެމަނިކުފާނު ބައިވެރިކޮށްގެން ޕްރައިމަރީ ބާއްވާނަމަ، ހުއްޓުވައިދޭން އެދި އިލެކްޝަންސް ކޮމިޝަނުން ފުލުސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިފައި ވަނިކޮށެވެ.
އިލެކްޝަންސުން ބުނެފައިވާ ގޮތުގައި ނަޝީދަަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވާ ބޭފުޅަކަށް ވާތީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ. އެހެންކަމުން އެމަނިކުފާނު ބައިވެރިކޮށްގެން ސިޔާސީ އެއްވެސް ހަރަކާތެއް އެމްޑީޕީން ހިންގުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށެވެ.
ނަޝީދު ބައިވެރިކޮށްގެން ޕްރައިމަރީ ބާއްވައިފި ނަމަ އެމްޑީޕީ އުވާލާނެ ކަމުގެ އިންޒާރު ވެސް އީސީން ވަނީ ދީފަ އެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ޕްރައިމަރީ އަށް އީސީން ނުފޫޒު ފޯރުވަނީ ގާނޫނާ ޚިލާފަށެވެ. ޕްރައިމަރީ ބާއްވާނެ ގޮތާއި އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަކީ އެ ކޮމިޝަނުގެ ގާނޫނީ ޒިންމާއެއް ނޫން ކަމަށް ބުނެ ސިޔާސީ ޕާޓީގެ ގާނޫނާއި އެމްޑީޕީގެ އަސާސީ ގަވާއިދުގެ އިމުގެ ތެރޭގައި ޕްރައިމަރީ ބޭއްވުމުގެ ފުރުސަތު ދޭން އެމްޑީޕީން ވަނީ އިލެކްޝަންސްގައި އެދިފަ އެވެ.