ފުރަތަމަ މައި ތަނބާ ހަމަޔަށް ބްރިޖުގެ ސުޕަސްޓްރަކްޗާ ގުޅުވާލައިފި
ފުރަތަމަ މައި ތަނބާ ހަމަޔަށް ބްރިޖުގެ ސުޕަސްޓްރަކްޗާ ގުޅުވާލައިފި

ބްރިޖުގެ މައި ތަނބުތަކުގެ ތެރެއިން ފުރަތަމަ ތަނބާ ހަމަޔަށް ސުޕަސްޓްރަކްޗާ އިން ގުޅާލައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭކޮޅުން ބްރިޖުގެ ސުޕަސްޓްރަކްޗާ 715 މީޓަރަށް ދިގު ދެމިގެންދާނެ ކަމަށެވެ. ބްރިޖަށް ހާއްސަކޮށް ޗައިނާގައި ހަދައިގެން ގެނައި ސުޕަސްޓްރަކްޗާ އިން ތަނބުތައް ގުޅުވާލަން ފެށީ މި މަހު 1 ގަ އެވެ.

ބްރިޖުގެ މައި ހަތް ތަނބު އިންނައިރު، އެންމެ އުސްވާނީ ބްރިޖުގެ މެދުގައި އިންނަ ތަނބެވެ.

މިނިސްޓަރު ކުރިން ވިދާޅުވެފައިވާ ގޮތުގައި މެއި މަހުގެ ނިޔަލަށް ސުޕަސްޓަރަކްޗާއިން މާލެ އިން ހުޅުލެއާ ހަމައަށް ބްރިޖު ގުޅުވާލައި ނިމޭނެ އެވެ.

ތަނބުތައް ގުޅުވާލުމަކީ ބްރިޖުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތަކެވެ.

ސުޕަސްޓަރަކްޗާގެ މަސައްކަތް މި ފެށީ، މެއިން ބްރިޖުގެ 35 ތަނބާއި އެޕްރޯޗް ބްރިޖުގެ 88 ތަނބަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް މުޅިން ނިންމުމަށް ފަހު އެވެ. މިހާރު ވަނީ ބްރިޖުގެ މައި ހަތް ތަނބުގައި، ވީ އަކުރެއްގެ ސިފައިގައި ކެޕިން ވެސް އަޅައި ނިންމައިފަ އެވެ.

މިހާރު ކުރިއަށް ދާ ސުޕަސްޓްރަކްޗާގެ މަސައްކަތުން އަތް ދޫކޮށްލާ ހިސާބުން، ބްރިޖުގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމުނީ އެވެ. އޭގެ ފަހުން ދެން އޮންނާނީ، ބްރިޖުގެ ލޭންތަކާއި އެ ނޫން ވެސް ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތެވެ.

ބްރިޖުގެ މަސައްކަތް ނިންމަން ސީސީސީސީއާ އެކު އެއްބަސްވީ ސެޕްޓެމްބަރު 2018ގެ ނިޔަލަށެވެ. އެކަމަކު އޭގެ ކުރިން ބްރިޖް ނިންމައި، ޖުލައި 26 ގައި ހުޅުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.