01 ޖޫން 2018 - 09:23

ފެން ނުވަންނަ ގޮތަށް ވަންޕްލަސް އިން އުފައްދާ ފުރަތަމަ ފޯނަކަށް، ވަންޕްލަސް 6 ވާނެ ކަމަށް ބުނެވުނެވެ. އެކަމަކު އެކަން ޔަގީންކުރެވޭނެ ގޮތެއް އަދި ނެތެވެ. ވަންޕްލަސް 6 ތައާރަފުކޮށް މިހާރު ވަނީ ވިއްކަން ވެސް ފަށައިފަ އެވެ.
ވަންޕްލަސް 6 އަށް ރަސްމީކޮށް "އައިޕީ ރޭޓިން" ދީފައެއް ނުވެ އެވެ. އެ ކުންފުނިން ބުނާ ގޮތުގައި ފެން ފޮދެއް ބުރުވާލުމަކުން ވަންޕްލަސް 6 އަށް ފެނެއް ނުވަންނާނެ އެވެ. ތުނި ވާރޭގައި ދެމި އޮންނާނެ އެވެ. އެކަމަކު ފެނަށް ގަންބާލުމުން ދެން ވާނެ ގޮތެއް ނުބުނެ އެވެ.
ވަންޕްލަސް 6 މާކެޓަށް ނެރުމާ އެކު ތަފާތު ޓެސްޓްތަކަށް ހުށަހެޅުނެވެ. ފޯނު ބަނޑިކޮށް، ލަންބާލެވޭތޯ ބެލި އެވެ. ފޯނުގައި އެންމެ ފަސޭހައިން ކޫރުއެޅެނީ ކޮން ތަނެއްގައިތޯ ވެސް ބެލި އެވެ. އަދި އަލިފާނަށް ކެތްތެރިވުމުގައި ވަންޕްލަސް 6 ލިބިފައިވާ ކުޅަދާނަކަން ޓެސްޓްކުރި އެވެ. އެ ހުރިހާ ޓެސްޓަކުން ވެސް ވަންޕްލަސް ވަނީ ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ.
ވަންޕްލަސް 6 އަކީ ރޫޅާލަން އެހާ ފަސޭހަ ފޯނެއް ނޫނެވެ. ނަމަވެސް ބެޓެރީ ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރެވޭ ހިސާބަށް ފޯނު ރޫޅާލުން ފަސޭހަކަމަށް ވަނީ ރެކޯޑްކުރެވިފަ އެވެ.
ވަންޕްލަސް 6 އަށް ފެން ނުވަންނަ މިންގަޑު ކަނޑައެޅުމުގައި، އެ ކުންފުނިން އަދި ގޮތެއް ނުނިންމި ނަމަވެސް، ފެނުން ހިމާޔަތްކުރުމަށް ކޮށްފައި ހުރި މަސައްކަތަކަށް ވަނީ ބެލިފަ އެވެ. އެ ގޮތުގައި ފޯނު ރޫޅައި ހޯދި ހޯދުމުން، އެއީ ތައުރީފު ހައްގު ފޯނަކަށް ވަނީ ފެވަ އެވެ. ފޯނަށް ފެން ވަދެފާނެ ކަމަށް ބެލެވޭ ހިސާބުތައް ވަނީ ޕެކިނުން ބަންދުކޮށް، ސްމާޓްފޯނެއް ފެނުން ސަލާމަތްކުރަން އެހެން ކުންފުންޏަކުން ވެސް ކޮށްފާނެ މިންވަރަށް މަސައްކަތްކޮށްފަ އެވެ. އެހެންކަމުން، ވަންޕްލަސް 6 ގައި ފެންފޮދެއް ޖެހިދާނެ ކަމަށް އޮތް ބިރު ފިލީ އެވެ.
ސްމާޓްފޯން މާކެޓްގައި ނަގާކިޔާ ފޯނެއް، އަގު ހެޔޮ ފޯނެއް ނެތެވެ. ވަންޕްލަސް 6 އަކީ ވެސް ޖީބަށް ލުއި ފޯނެއް ނޫނެވެ. އެހެންނަމަވެސް، ވަންޕްލަސް މަރުކާ އަށް މަރުދީގެން ތިބި މީހުންނަށް 12 ހާސް ރުފިޔާ އަކީ އެވަރުގެ ފޯނަކަށް ކުޑަ އަދަދެކެވެ.