އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމުގެ އަމުރަކަށް އެދި ކޯޓަށް
އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމުގެ އަމުރަކަށް އެދި ކޯޓަށް

މިއަދު ބާއްވާ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވުމުގެ އަމުރަކަށް އެދި އިލެކްޝަންސް ކޮމިޝަނުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އެނގިފައިވާ ގޮތުގައި، އީސީގެ އެދުމަށް ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ ނަމަ އެ ޕްރައިމަރީ ގާނޫނާއި ގަވައިދުތަކާ ޚިލާފުވާނެ ކަމަށް އީސީން ކުރިން ބުނެފައިވެ އެވެ. އެއީ، ނަޝީދަކީ ޖަލު ހުކުމެއް އޮތް ބޭފުޅަކަށް ވެފައި ސިޔާސީ ޕާޓީއެއްގެ މަސްއޫލުވެރި މަގާމެއްގައި ހުރުން ގާނޫނުން މަނާކުރާތީ އާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ޝަރުތު ވެސް ހަމަނުވާތީ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

އެކަމަކު ޕްރައިމަރީ ބާއްވާނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށް އެމްޑީޕީން އަންގާފައިވާ ކަމަށާއި އެހެންވެ ޕްރައިމަރީ އަށް ފުރުސަތު ދިނުމާ މެދު އެންމެ ފަހު ވަގުތާ ހަމައަށް ވެސް ބަލާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

އެމްޑީޕީން ގަބޫލުކުރާ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނަޝީދަށް އޮންނާނެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަދު މެންދުރު ފަހު 2:00 އިން މެންދަމު 12:00 އަށެވެ.