"މޮރޮކޯގެ ވޯލްޑް ކަޕް ވާނީ ޔޫރަޕުގެ މުބާރާތަކަށް"
"މޮރޮކޯގެ ވޯލްޑް ކަޕް ވާނީ ޔޫރަޕުގެ މުބާރާތަކަށް"

ލަންޑަން (މޭ 30) – މޮރޮކޯގައި ބާއްވާ ވޯލްޑް ކަޕެއް ވެގެންދާނީ ގާތްގަނޑަކަށް ޔޫރަޕުގެ މުބާރާތަކަށް ކަމަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މޮރޮކޯގައި ބާއްވަންކޮށްފައިވާ ބިޑުގެ ކޮމިޓީގެ އިސްވެރިޔާ ވިދާޅުވެއްޖެ އެވެ.

މީގެ އަށް އަހަރު ފަހުން އޮންނަ އެ ވޯލްޑް ކަޕް ބާއްވަން ދެން ބިޑްކޮށްފައިވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެންނެވެ. މި އަހަރުގެ ވޯލްޑް ކަޕް ރަޝިއާގައި އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ގަތަރުގައި އޮންނާތީ 2026 ވަނަ އަހަރުގެ މުބާރާތް ބޭއްވުމުގެ ފުރުސަތު ޔޫރަޕާއި އޭޝިއާ އަށް ނޯންނާނެ އެވެ.

ވޯލްޑް ކަޕް ބާއްވާނެ ގައުމެއް ނިންމާނީ ޖޫން 13 ވަނަ ދުވަހު ބާއްވާ ފީފާގެ ކޮންގްރެސްގަ އެވެ. ވޯޓްލުމުގެ ހައްގު ފީފާގެ ކޮންމެ މެމްބަރަކަށް ވެސް ލިބެ އެވެ.

"މޮރޮކޯގައި ބާއްވާ ވޯލްޑް ކަޕް ވެގެންދާނީ ހަމައެކަނި އެފްރިކާގެ ވޯލްޑް ކަޕަކަށް ނޫން. ގާތްގަނޑަކަށް ޔޫރަޕުގެ ވޯލްޑް ކަޕަކަށް ވެސް ވެގެންދާނެ ސަބަބަކީ ދެކުނު ސްޕެއިން އެއޮތީ އެންމެ 14 ކިލޯމީޓަރު ދުރުގައި ކަމަށްވާތީ،" ބިޑުގެ ޗީފް އެގްޒެކެޓިވް ހިޝާމް އެލް އަމްރާނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޮރޮކޯ އޮތީ ޔޫރަޕުގެ ގައުމުތަކުގެ ވެރިކަން ކުރާ ސިޓީތަކުން މަތިންދާބޯޓުގެ ކުރު ދަތުރަކުން އާދެވޭ ހިސާބެއްގައި ކަމަށާއި އޭގެ ސަބަބުން ޔޫރަޕުން ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނާނެ ކަމަށެވެ.

އަނެއްކޮޅުން އުތުރު އެމެރިކާއާ ހިލާފަށް މޮރޮކޯގައި އެތެރޭގެ އުދުހުންތަކަށް ހޭދަކުރާ ވަގުތު ވެސް ކުރު ވާނެ އެވެ. މޮރޮކޯގެ ވޯލްޑް ކަޕުގައި ބިޑުގައި ވަނީ ވޯލްޑް ކަޕަށްޓަކައި އެއާޕޯޓުގެ ޖާގަ އިތުރުކޮށް ބާރު ސްޕީޑުގެ ރޭލު ތައާރަފްކުރާނެ ވާހަކަ ވެސް ހިމަނައިފަ އެވެ. ވޯލްޑް ކަޕުގައި 14 ސްޓޭޑިއަމް ބޭނުންކުރާއިރު އޭގެ ތެރެއިން ނުވަ ސްޓޭޑިއަމަކީ މުޅިން އަލަށް ބިނާކުރާނެ އެވެ. އަދި އަލަށް ސްޓޭޑިއަމްތަކުގެ ތެރެއިން ހަ ސްޓޭޑިއަމެއް ހަދާނީ މުބާރާތަށް ފަހު ޖާގަ ކުޑަކުރެވޭ ގޮތަށެވެ. ކުޑަކުރުމަށް ފަހު އެ ސިޑިބަރިތައް މޮރޮކޯ އާއި އެފްރިކާގެ އެހެން ހިސާބުތަކަށް ހަދިޔާކުރާނެ އެވެ.

އެފްރިކާގެ ހުޅަނގު ބިތުގައި އޮންނަ މޮރޮކޯ އަކީ ފަތުރުވެރިކަމުގެ މަންޒިލެކެވެ. ކަނޑުގެ އައްސޭރީގެ ހިތްގައިމުކަމުގެ އިތުރުން ފަތުރުވެރިންގެ ލޯ އަމާޒުވަނީ އެ ގައުމުގެ މުއްސަނދި ތާރީހާއި ސަގާފަތަށެވެ.