31 މެއި 2018 - 08:36

މި ފޮޓޯއަށް ބަލައިލުމުން ފެންނަނީ ހައި ހީލްސް އަކަށް އަރައިގެން ހުރި ފިރިހެނަކު ގޮނޑިއެއްގައި އިން އަންހެނެއްގެ ގައިގައި ބައްދާލަނިކޮށެއް ނޫންހެއްޔެވެ؟
އެންމެ ފުރަތަމަ، ސީޖޭ ފެންޓްރޯއީ ކިޔާ މީހަކު ޓްވީޓްކުރި މި ފޮޓޯއިން ފެންނަ ގޮތުގައި އޮފީހެއްގެ ތެރޭގައި ދެ މީހަކު ހެމުން ބައްދާލަނީ އެވެ. ފިރިހެން މީހާ ހުންނަނީ ނޫކުލައިގެ ގަމީހަކާއި ހުދު ކުލައިގެ ސްކިނީ ޖިންސެއް ލައިގެން ކަޅު ކުލައިގެން ހައި ހީލްސް އަކަށް އަރައިގެންނެވެ. އަންހެން މީހާ އިންނަނީ މެޖެންޓާ ޝޭޑްތަކުގެ ހެދުމެއް ލައިގެން ގޮނޑީގައި އިށީނދެ އެވެ.
އެކަމަކު މި ފޮޓޯ އާންމުކުރި މީހާ ފޮޓޯގައި ޖަހާފައިވާ ކެޕްޝަން ކިޔާލުމާ އެކު މި ފޮޓޯއިން ފެންނަ މަންޒަރު ތަފާތުވާން ފަށާނެ އެވެ. "އެންމެ ފުރަތަމަ ހީކުރީ ފިރިހެން މީހާ ހައި ހީލްސް އަކަށް އަރައިގެން ހުރި ކަމަށް" ކެޕްޝަންގައި އިނެވެ.
ފޮޓޯއަށް ރަނގަޅަށް ބަލައިލާށެވެ. ހައި ހީލްސްގައި އެ ފެންނަނީ ކާކުގެ ފައެއް ހެއްޔެވެ؟
އަސްލު ތި ފެންނަނީ ގޮނޑީގައި އިށީނދެ އިން ފިރިހެނެއްގެ ގައިގައި އަންހެނަކު ބައްދާލަނިކޮށެވެ.
މީގެ ކުރިން، އިންޓަނެޓްގައި ވަނީ ހެދުމެއްގެ ކުލަޔާ މެދު ވެސް ބޮޑު ބަހުސެއް ހިނގައި އެންމެ ފަހުން ސައިންޓިފިކް ދިރާސާތަކާ ހިސާބަށް ގޮސްފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ވައިރަލްވީ އޯޑިއޯއެކެވެ. އޭގައި ބުނާތީ އިވެނީ "ޔެނީ" ކަމެއް "ލޯރެލް" ކަމެއް ޔަގީނެއް ނުވެ އެވެ.
ބައެއް މީހުންނަށް މިތަނުން ކޮންމެވެސް އެއް ނަމެއްގެ އަޑު އިވޭއިރު އަނެއް ބަޔަކަށް ދެ ނަން ވެސް އިވެ އެވެ.