30 މެއި 2018 - 12:11

ލަންޑަން (މެއި 30) - ނަޕޯލީގެ ކުރީގެ ކޯޗު މައުރީޒިއޯ ސާރީ ނުލިބިއްޖެނަމަ ކުރިން ޕީއެސްޖީ އަށް އިރުޝާދުދިން ފްރާންސްގެ ލޯރެންޓް ބްލޮންކް ގެންނަން ޗެލްސީން ވިސްނާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސާރީ ގެންނަން ޗެލްސީން ކުރަމުން އަންނަ މަސައްކަތުގައި ހުރަސްތަކެއް ކުރިމަތިވެފައިވަނީ ސާރީ ކުރިން ކޯޗުކޮށްދިން ނަޕޯލީއާ އެކު ހަދާފައި އިން އެއްބަސްވުން އެއްކޮށް އުވާލަން ދައްކަން ޖެހޭ 6.9 މިލިއަން ޕައުންޑް ދައްކަން ޗެލްސީން ދެކޮޅު ހަދާތީ އެވެ. ނަލޯލީން ވަނީ ސާރީ އެ ކްލަބް ދޫކޮށްލާނެ ކަމަށް ނިންމައި، ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީއާ ޓީމު ހަވާލުކޮށްފަ އެެވެ.
ޗެލްސީން އެކަމަަށް ދެކޮޅު ހަދަނީ އެ ޓީމުގެ ކޯޗުކަމުގައި ހުރި އެންޓޯނިއޯ ކޮންޓޭ ދޫކޮށްލާއިރު އޭނާ އަށް ވެސް ކޮމްޕެންސޭޝަން ފީއެއްގެ ގޮތުގައި 9 މިލިއަން ޕައުންޑް ދައްކަން ޖެހޭތީ އެވެ. ކޮންޓޭ ދޫކޮށްލައި ސާރީ ގެންނަން ދައްކަން ޖެހޭ ހުރިހާ ހަރަދެއް ދައްކަން ޗެލްސީން އެއްބަސްވެއްޖެނަމަ އެ ޓީމު އަތުން ގާތްގަނޑަކަށް 16 މިލިއަން ޕައުންޑް ހަރަދުވާނެ އެވެ.
މިދިޔަ ސީޒަނުގައި ޗެލްސީ އަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދިން ކޮންޓޭ ދޫކޮށްލަން ނިންމީ އެ ޓީމުގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗާ އޭނައާ ދެމެދު މައްސަލަތަކެއް ޖެހިގެންނެވެ. އަދި ލީގުގެ ގަދަ ހަތަރަކުން ޗެލްސީ އަށް ފުރުސަތު ގެއްލި އަންނަ އަހަރު ޗެމްޕިއަންސް ލީގުގައި ވާދަކުުރުމުގެ ފުރުސަތު ނުލިބުމަކީ ކޮންޓޭ ދޫކޮށްލަން އެ ޓީމުގެ ބޯޑުން ވެސް ބޭނުންވި އެއް ސަބަބެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ފްރާންސްގެ ޑިފެންޑަރު ބްލޮންކް އެންމެ ފަހުން ކޯޗުކޮށްދިނީ ޕީއެސްޖީ އަށެވެ. އޭނާ ހުރީ 2016 ވަނަ އަހަރު ޕީއެސްޖީ ދޫކޮށްލި ފަހުން ވަޒީފާއެއް ނެތި އެވެ. އާސެނަލް ކޯޗުކަމަށް އުނާއި އެމެރީ ގެނައުމުގެ ކުރިން އެ ކްލަބުން ވަނީ ބްލޮންކާ ވެސް ވާހަކަ ދައްކައިފަ އެވެ.
ޗެލްސީ މަސައްކަތްކުރަނީ ވޯލްޑް ކަޕް ފެށުމުގެ ކުރިން އާ ކޯޗެއްގެ ކަންތައްތައް ނިންމާލުމަށެވެ.