30 މެއި 2018 - 12:19

މެޑްރިޑް (މެއި 30) - މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ގިނަ ޓީމުތަކެއް، ސްޕެއިނާ ދެކޮޅަށް ކުޅެން ޖެހިއްޖެނަމަ ޖެހިލުންވާނެ ކަމަށް ސްޕެއިނުގެ ކޯޗު ޖޫލެން ލޮޕެޓީގު ބުނެފި އެވެ.
ލޮޕެޓީގު ސްޕެއިނާ ހަވާލުވީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އެ މަގާމުގައި ހުރި ތަޖުރިބާކާރު ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ މަގާމުން ރިޓަޔާކުރުމުންނެވެ. ސްޕެއިނުގެ 21 އަހަރުން ދަށުގެ ޓީމަށް ކުރިން ކޯޗުކޮށްދިން ލޮޕެޓީގު އަންނަނީ ސީނިއާ ޓީމާ ހަވާލުވި ފަހުން ތަފާތު ދައްކަމުންނެވެ.
އަންނަ މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ނުކުންނައިރު، ސްޕެއިނަކީ މުބާރާތް ފޭވަރިޓެކެވެ.
"އެންމެ ފަހުން ވޯލްޑް ކަޕްގައި އަހަރެމެން ގްރޫޕް ސްޓޭޖުން ކެޓިޔަސް މި ފަަހަރު އަހަރެމެންނަކީ ފޭވަރިޓެއް. ސަބަބުތަށް ބައިވަރު އެބައޮތް. ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު ސްޕެއިން ވަރުގަދަ. ދެން އަނެއް ކަމަކީ ފަހުގެ ތާރީހެއްގައި ވޯލްޑް ކަޕް ކާމިޔާބު ކޮށްފިއްޔާ އެއީ ދެން އަބަދުވެސް ފޭވަރިޓަކަށްވާނެ،" އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ލޮޕެޓީގު ބުންޏެވެ.
ސްޕެއިނުން ވަނީ 2008 އިން 2012 ވަނަ އަހަރު ދުނިޔޭގެ ފުޓްބޯޅައިގައި ތަފާތު ދައްކައިފަ އެވެ. އެ މުއްދަތުގެ ތެރޭގައި އެ ޓީމުން ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް ދެ ފަހަރު އަދި ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެެވެ. އެކަމަކު އެންމެ ފަހުން އޮތް ދެ މުބާރާތުގައި ނާކާމިޔާބީ ކުރިމަތިވެފައިވާތީ ސްޕެއިނަށް އޮތީ އަލުން އެ އިތުބާރު ހޯދުމެވެ.
"އަމާޒަކީ ކުރިން އެ އޮތް ވަރުގަދަ ރޫހު ގެނައުން. އެ ވިސްނުމުގައި ފިލާވަޅު ހޯދައިގެން ކާމިޔާބަށް މަސައްކަތް ކުރުން،" ސްޕެއިނުގެ ހަތަރު އުމުރުފުރައެއްގެ ގައުމީ ޓީމުތަކަށް މީގެ ކުރިން ކޯޗުކޮށްދިން ލޮޕެޓީގު ބުންޏެވެ.
މި ފަހަރުގެ މުބާރާތަކީ ސްޕެއިނުގެ ލެޖެންޑް އަންދްރެސް އިނިއެސްޓާގެ ފަހު ވޯލްޑް ކަޕް ކަމަށާއި މިއީ އޭނާގެ ފަރާތުން ދެން ތިބި ކުޅުންތެރިން މިސާލު ނަގަން ޖެހޭ މުބާރާތެއް ކަމަށް ލޮޕެޓީގު ވަނީ ބުނެފަ އެެވެ.
ވޯލްޑް ކަޕަށް ސްޕެއިނުން ނެގި ޓީމުގައި މަޝްހޫރު ނަން ތަކެއް ވަނީ ބާކީވެފަ އެވެ. ސެސް ފަބްރެގަސް އާއި އަލްވާރޯ މޮރާޓާ ފަދަ ކުޅުންތެރިންނަށް ފުރުސަތު ނުލިބެ އެވެ. ލޮޕެޓީގު ބުނީ ވަކި ވަކި ކުޅުންތެރިންގެ ނަންތަކަށް ބަލައިގެން ޓީމު ނެގުމަކީ ކޯޗިންގައި އޭނާގެ ވިސްނުން ނޫން ކަމަށެވެ. އޭނާގެ ނަޒަރުގައި ސްޕެއިންގައި އޮތީ ބޭނުންވާ ޕްލޭނަށް އެންމެ ރަނގަޅު ކުޅުންތެރިންނެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އަންނަ ހޯމަ ދުވަހު ސްޕެއިން އެކުވެރިކަމުގެ މެޗެއްގައި ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ. ވޯލްޑް ކަޕް ފުރަތަމަ މެޗުގައި އަންނަ މަހު 15 ވަނަ ދުވަހު ސްޕެއިން ބައްދަލުކުރާނީ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލްއާ އެވެ.