27 ޖުލައި 2016 - 07:18

ފޭސްބުކްގެ ހުރިހާ ކަމެއް ވެސް ބައްޓަން ކޮށްފައި ވަނީ އެ ބޭނުންކުރާ މީހެއްގެ ޒާތީ ކަންކަމާ ގުޅިގެންދާ ގޮތަށެވެ. އެ މީހަކު ކުރާ ކަމަކާއި ކުރެވޭ އިހްސާސެއް ހާމަކުރުމަށް ނުވަތަ އެހެން މީހަކާ އެކު ހާއްސަ ކަމެއް ހިއްސާކޮށްލުމަށް އިސްކަން ދީގެންނެވެ. މިހާތަނަށް ފޭސްބުކް ބޭނުންކުރަމުން އައީ މިހެން ނަމަވެސް މިކަމަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފަހުގެ ދިރާސާއަކުން ހާމަވެ، ފޭސްބުކްގެ ވެރިން ވެސް ކަންބޮޑުވާ ހިސާބަށް ހިނގައްޖެ އެވެ.
ފޭސްބުކް ބޭނުންކުރާ މީހުން މިހާރުވެސް ވަރަށް ގިނަ އެއްޗެހި ޕޯސްޓްކުރެ އެވެ. އެކަމަކު އެ މީހެއްގެ އަމިއްލަ ކަންކަމާ ގުޅުން ހުރި އެއްޗެހި ޕޯސްޓްކުރުން ވަރަށް ބޮޑަށް މަދުވަމުން އަންނަ ކަމަށާއި އެހެން ސައިޓްތަކުގެ ލިންކުތައް ޝެއާކުރުމާއި ތިމާއާ މާބޮޑު ގުޅުމެއް ނެތް ކަންކަމުގައި ފޭސްބުކް ބޭނުންކުރުން ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށް "ދަ އިންފޮމޭޝަން" އިން އާންމުކުރި ދިރާސާ ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން މިހެން ދިމާވަމުން އަންނަނީ ފޭސްބުކް ބޭނުންކުރާ މީހުންނާ މާ ގިނަ ގުޅުންތައް އުފެދި ކޮންމެ ކަމަކީ އެ ހުރިހާ އެންމެންނާ ހިއްސާކުރަން ބޭނުންވާ ކަމަކަށް ނުވާތީ ކަމަށް ވެދާނެ އެވެ. މިހެން ވުމުން މީހުންގެ ޒާތީ މައުލޫމާތު ފޭސްބުކްގައި އާންމުކުރުމުން ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް މަދުވެގެން ހިނގައްޖެ ކަމަށް ދިރާސާ ރިޕޯޓްގައި ވަނީ ބުނެފަ އެވެ. އަދި ވަރަށް "ކުދި ސޯޝަލް ނެޓްވޯކް" ތައް ކަމަށްވާ ސްނެޕްޗެޓް އާއި އިންސްޓަގްރާމް ފަދަ ސައިޓްތައް ބޭނުންކުރާ މީހުން ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަން ވެސް ވަނީ ފާހަގަވެފަ އެވެ.
ފޭސްބުކްގައި މީހުން އާންމުކުރާ މައުލޫމާތަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް މިހާރު ވަނީ އަމިއްލަ ވާހަކަތައް ޝެއާކުރުން އިތުރުވާނެ ގޮތްތަކެއް ހޯދުމަށް ފޭސްބުކްގެ މުވައްޒަފުންނަށް އަންގަވައިފަ އެވެ. ބެލެވޭ ގޮތުން، މި ފަހަކަށް އައިސް ފޭސްބުކްގައި އަލަށް ދީފައިވާ ފީޗާތައް ވެސް އަމާޒުކޮށްފައި ވަނީ މިކަމަށެވެ. އެގޮތުން، ކުރީގެ ހަނދާތައް އާކޮށްދިނުމަށް "އޮން ދިސް ޑޭ" ގެ ނަމުގައި ތައާރަފްކުރި ފީޗާ އާއި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަސްތައް ހަނދާންކޮށް އެ ދުވަސްތަކާ ގުޅިގެން ސްޓޭޓަސް އަޕްޑޭޓް ކުރުމަށް ބާރުއެޅުން ފަދަ ކަންތައްތައް ތައާރަފްކޮށްފައިވެ އެވެ.
ފޭސްބުކް އަމާޒުކުރި ދިމާލަށް ނުދިއުމަކީ ޒަކަބާގަށް ގޮންޖެހުމަކަށް ވާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެ އެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި ފޭސްބުކުން ބޮޑެތި ބަދަލުތަކެއް ފެނުން ގާތެވެ.