ފްރާންސްގައި އެއް އަހަރުން އެއް މިލިއަން މީހުން ދުންފަތާ ދުރަށް
ފްރާންސްގައި އެއް އަހަރުން އެއް މިލިއަން މީހުން ދުންފަތާ ދުރަށް

ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ފްރާންސްގައި އަޅަމުން އަންނަ ފިޔަވަޅުތަކާ އެކު، 2016 އިން 2017 އަށް އެއް މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވާ ކަމަށް ދިރާސާއެއްގައި ލަފާކޮށްފި އެވެ.

މި ދިރާސާކުރި، ފްރާންސްގެ ޕަބްލިކް ހެލްތުން ބުނީ މިހާ ގިނަ ބަޔަކު ދުންފަތާ ދުރުވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި މިވަރުގެ ބޮޑު ކުރިއެރުމެއް މި ފަހުގެ ތާރީހެއްގައި ލިބިފައި ނެތް ކަމަށެވެ.

މަދުން އާމްދަނީ ލިބޭ ފުރާވަރުގެ ކުދިން ދުންފަތާ ދުރުވި އަދަދު ވެސް ދަށަށް ގޮސްފައިވާ ކަމަށް ދިރާސާއިން ދައްކަ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް ފްރާންސްގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ދުންފަތުގެ ބާވަތްތައް ބަންދުކޮށްފައި ހުންނައިރު އެއްވެސް ލޯގޯއެއް ނުޖަހައި، ހުރިހާ އެއްޗެއް އެއްގޮތަކަށް ބެހެއްޓުމާއި ދުންފަތުގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރަން އެދޭ މީހުންނަށް އެކަމުގައި ބަދަލު ދިނުމާއި ސިގެރެޓްގެ އަގު ބޮޑުކުރުން އަދި ކޮންމެ އަހަރަކު ވެސް، އެއް މަސް ދުވަސް، ދުންފަތުގެ އިސްތިއުމާލު ނުކުރާ މަހެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެ އެވެ.

ދިރާސާއިން ދެއްކި ގޮތުގައި 2017 ވަނަ އަހަރު 18-75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރީ 26.9 ޕަސެންޓް މީހުންނެވެ. އޭގެ ކުރީ އަހަރު މި ނިސްބަތް ހުރީ 29.4 ޕަސެންޓުގަ އެވެ. މިއީ 13.2 މިލިއަނުން 12.2 މިލިއަނަށް ދަށްވުމެކެވެ.

ދިރާސާގައި ބުނީ މި ކާމިޔާބީގެ ސަބަބަކީ، ފްރާންސްގައި ދުންފަތާ ދެކޮޅަށް ހިންގާ ކެމްޕޭނުތައް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.