27 ޖުލައި 2016 - 07:19

އެމެރިކާގެ ނިއުޖާޒީގައި އުޅޭ ކެޓީ ޕޭޖް، 36، އަކީ ލައިޕޮޑީމާ ކިޔާ ބައްޔެއް ޖެހިފައިވާ މީހެކެވެ. މި ބަލި ޖެހުމުން އުނަގަނޑުން ތިރީގެ ހިސާބުތަކަށް ގިނަ އަދަދެއްގެ ފެޓީ ޓިޝޫ ޖަމާވެ އެވެ. އެހެންވެ މި ބަލި ޖެހުމުން އޭނާގެ ދެ ފައި ވަނީ އާދަޔާ ޚިލާފަށް ފަލަވެފަ އެވެ. މިހާރު އޭނާގެ ދެ ފައިގައި ހަތަރު ފޫޓު ފުޅާމިން އެބަހުއްޓެވެ.

އަލަތު ކައިވެންޏަށް ތައްޔާރުވަމުންދާ ކެޓީ މިހާރު ދަނީ ފައި އިތުރަށް ފަލަ ނުވޭތޯ ފަރުވާ ހޯދަމުންނެވެ. ކެޓީ ބުނި ގޮތުގައި އެއްވެސް ސާޖަރީއެއް ހެދުމުގެ ކުރިން އޭނާގެ ފައިގައި 50 އިންޗި އާއި 54 އިންޗި އާ ދެމެދުގެ ފަލަމިނެއް ހުއްޓެވެ.
ކެޓީގެ ބައްޔަށް މިހާރު ދެމުންދާ ފަރުވާއިން ނަތީޖާ ފެންނަމުންދާ ކަމަށާއި މަޑުމަޑުން ފައި ކުޑަވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
މެއިލްއޮންލައިންގައި ބުނެފައިވާ ގޮތުގައި ކެޓީ އަށް ފަރުވާ ދެއްވާ ޑރ.ލިޒީ ކޮޓްސިގަން ގަބޫލުކުރައްވަނީ އަދިވެސް ކެޓީއަށް އާދައިގެ ދިރިއުޅުމެއް އުޅެވޭނެ ކަމަށެވެ. އެކަމަކު އެއީ ވަރަށް ގިނަ ދުވަހުގެ ފަރުވާއަށް ފަހުގައި ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.
ކެޓީއަށް ޖެހިފައިވާ މި ބައްޔާއި ދެވޭނެ ފަރުވާތައް އެނގޭ ޑޮކްޓަރުން ވަރަށް މަދު ކަމަށް ވެސް ޑރ. ލިޒީ ވިދާޅުވެފައިވެ އެވެ.
"ކެޓީ ސާޖަރީ ނުހަދައި، ބެންޑޭޖް ވެސް ނުކޮށް އަދި ހަރަކާތްކޮށް އުޅުމުގެ ހިތްވަރު ނެތް ނަމަ އޭނާއަށް މާ ގިނަ ދުވަހަކު ދުނިޔެއަކު ނުހުރެވޭނެ،" ޑރ. ލިޒީ ވިދާޅުވި އެވެ.
މި ހާލުގައި އިނދެގެން ވެސް ކެޓީ އަބަދުވެސް ހަރަކާތްކޮށް ތަންތަނަށް އަމިއްލައަށް ދެވޭތޯ މަސައްކަތް ކުރެ އެވެ. އޭނާއަށް ހަރަކާތް ނުކުރެވޭވަރު ވެއްޖެ ނަމަ އުމުރު ކުރުވާނެކަން ކެޓީއަށް އެނގެ އެވެ.
ކެޓީ ފެންނަ ގިނަ ބަޔަކު ހީކުރަނީ އޭނާއަށް އެހެން ވެފައިވަނީ ގިނައިން ކެއުމުގެ ސަބަބުން ފަލަވެގެން ކަމަށެވެ. އޭނާގެ ގައިގައި ހުރީ ފުރާނައަށް ނުރައްކާވާ ވަރުގެ ބޮޑު ބައްޔެއް ކަމާއި އެ ބަލިން ސަލާމަތްވާން އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަން އެނގެނީ މަދު ބަޔަކަށެވެ.
މީހުން އޭނާއާ ދޭތެރޭ ކިތަންމެ ގޯސްކޮށް ވިސްނިޔަސް ކެޓީ ދަނީ އެންމެ ކުރިއްސުރެ ވެސް ކައިވެންޏާ މެދު ދެކެމުންއައި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ތައްޔާރު ވަމުންނެވެ.
"އަހަންނަކީ ސްމާޓް، ރަނގަޅަށް ކިޔަވައިގެން ހުރި މީހެއް. އަހަންނަށް ކައްކަން އެނގޭ. އެހެންވީމާ ގިނަ ފިރިހެނުން ގަބޫލުކުރާނެ އަހަންނަކީ ކައިވެނިކުރަން ވަރަށް ކަމުދާ އަންހެނެއް ކަމަށް،" ކެޓީ ބުނެފައިވެ އެވެ.
"ހަމަ ތެދެއް މި ބުނީ އޭނާ (ވާން އުޅޭ ފިރިމީހާ) އަހަރެން ދެކެ ވަރަށް ލޯބިވޭ. އެހެންވެ އަހަރެން ވެސް ބޭނުން ކައިވެނީގެ ދުވަހަކު ވެވުނު އެންމެ ރީއްޗެއް ވާން،" ކެޓީ ބުންޏެވެ.
ކެޓީގެ ބައްޔަކީ ކޮބައިކަން ޑޮކްޓަރުންނަށް ދެނެގަނެވުނީ މިދިޔަ އަހަރު އެވެ. އޭރު އޭނާގެ ދެފައި ހަތަރު ފޫޓަށް ބޮޑުވެއްޖެ އެވެ. އަދި އޭނާގެ ބަލި މިހާރު ވަނީ ހަތަރު ވަނަ ސްޓޭޖްގަ އެވެ.
ކެޓީ ބުނި ގޮތުގައި އޭނާގެ ބަލީގެ ނިޝާންތައް ފުރަތަމަ ފެންނަން ފެށީ އުމުރުން ހަތް އަހަރުގަ އެވެ. ނަމަވެސް ބޮޑަށް ފައި ފަލަވާންފެށީ 20 އަހަރު ފުރުނު ފަހުން ކަމަށް އޭނާ ބުންޏެވެ. ކެޓީގެ ބަލި މިހާރު ހުރީ އެންމެ ފަހު ސްޓޭޖްގައި ކަމަށް ވާތީ ބައެއް ދުވަސްދުވަހު ރިއްސާވަރުން އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ފައި ފަލަވަމުން ގޮސް މިހާރު ވަނީ ކެޓީގެ އުނަގަނޑަށް ވުރެ ފައި ފަލަވެފަ އެވެ.