ނަޝީދާ ގުޅޭގޮތުން އަމީން ދެއްކެވި ވާހަކަތަކާ މެދު ހަސަން ހިތްހަމަނުޖެހިއްޖެ
ނަޝީދާ ގުޅޭގޮތުން އަމީން ދެއްކެވި ވާހަކަތަކާ މެދު ހަސަން ހިތްހަމަނުޖެހިއްޖެ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުކުމެވަޑައިގަތުމަކީ އިދިކޮޅު ސަޕޯޓަރުންނަށް ލިބޭނެ މާޔޫސްކަމެއް ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ރައްދު ދެއްވައިފި އެވެ.

ނަޝީދާ ގުޅޭގޮތުން އަމީން ދެއްކެވި ވާހަކަތަކާ މެދު ހަސަން ހިތްހަމަނުޖެހިއްޖެ
ނަޝީދާ ގުޅޭގޮތުން އަމީން ދެއްކެވި ވާހަކަތަކާ މެދު ހަސަން ހިތްހަމަނުޖެހިއްޖެ

އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ، އަމީން "މިހާރު" އަށް ވިދާޅުވީ ނަޝީދު އަމަލު ކުރައްވާ ގޮތުން އިދިކޮޅު ކޯލިޝަންގެ ތެރޭގައި އެއްވެސް ގުޅުމެއް ނެތް ކަމާއި ބައިބައިވެފައިވާ ކަމަށް އާންމުންނަށް ހީވާ ކަމަށެވެ. އޭގެ ނަތީޖާ އަކީ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ މީހުން، ނަޝީދާ ހެދި މާޔޫސްވެ، ކޯލިޝަނަށް ކުރާ އުންމީދު ފަނޑުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕާޓީގެ ޕްރައިމަރީއާ، އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރުމަށް ޚާއްސަ ކޮމެޓީއަކުން މިހާރު ކުރާ މަސައްކަތާ އެއްވެސް ގުޅުމެއް ނެތެވެ.

އަމީންގެ ވާހަކަތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ހަސަން ސިފަކުރެއްވި ގޮތުގައި، އެއް ކެންޑިޑޭޓަކު ކަނޑައަޅަން އެކުލަވާލި ކޮމެޓީގައި މަޝްވަރާކުރެވުނު ކަންކަން އަމީނަށް މާ ރަނގަޅަށް ސާފުވެވަޑައިގެންފައެއް ނުވެ އެވެ.

އޭނާ ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރުމަށް އެކުލަވާލި ކޮމެޓީގައި ޖުމްހޫރީ ޕާޓީގެ ދެ ބޭފުޅުން ތިއްބަވާ ކަމަށެވެ. އޭގެއިތުރުން އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މަންދޫބުން އެ ކޮމެޓީގައި ތިއްބަވާއިރު، މިހާތަނަށް އެ ކޮމެޓީގައި އެއްބަސްވެފައި ހުރި ކަންކަން އެ ދެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެއްބަސްވުންތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.

ބެލެވޭ ގޮތުގައި، އޭނާ އެ އިޝާރާތް ކުރެއްވީ، ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުން ކެންޑިޑޭޓަކު އިޚްތިޔާރު ކުރަން ފުރުސަތު ދިނުމަށް ފަހު، އެ ކެންޑިޑޭޓުންނާ އެކު ގުޅިފައިވާ ޕާޓީތަކުގެ ޕްރައިމަރީއެއް ބާއްވަން މަޝްވަރާކުރި ވާހަކަ އަށް ކަމަށް ބެލެވެ އެވެ.

އެއް ކެންޑިޑޭޓަކު ކަނޑައަޅަން އެކުލަވާލި "އަށާރަ، ނަވާރަ" ކޮމެޓީގައި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވަނީ، މިހާރު ޖަލަށް ލާފައިވާ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ޑެޕިއުޓީ ލީޑަރު ހުސެއިން ރަޝީދު ހަސަން އެވެ. އެމްޑީޕީން ތިއްބެވީ ހަސަން ލަތީފާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަންނަވާނީ އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން އަދި އާމިނަތު ނާދިރާ އެވެ.

އަދާލަތު ޕާޓީން ބައިވެރިވެވަޑައިގަންނަވާނީ އެ ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފާއި ސެކްރެޓަރީ ޖެނެރަލް ޝަރީފެވެ.

ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ އަމިއްލަފުޅު ގޮތުން، ކޯލިޝަނާ މުޅިން ވަކިން ކަމަށް އަމީން ވިދާޅުވެފައި ވަނިކޮށް، ނަޝީދު މިއަދު ވިދާޅުވީ އިދިކޮޅު ޕާޓީތަކަށް އެއް ކެންޑިޑޭޓަކު ނުނެރެވޭނެ ކަމަށް އުއްމީދު ކަނޑާލަން އަދި ގާތްވެސް ނުވާ ކަމަށެވެ. އިންތިހާބަށް ޕާޓީތައް ނުކުންނާނީ އެކުގައި ކަމަށާއި އެ އިންތިހާބު އިދިކޮޅަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.