ކުށް ސާބިތު ނުވުމުން ސަލްމާނަށް ޖޯކު ޖަހަނީ
ކުށް ސާބިތު ނުވުމުން ސަލްމާނަށް ޖޯކު ޖަހަނީ

ހިމާޔަތްކޮށްފައިވާ ދެ ޖަނަވާރެއް މެރިކަމަށް ބުނާ މައްސަލައިގައި ސަލްމާނާ ދެކޮޅަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ނެތްކަމަށް ރާޖަސްތާނު ހައިކޯޓުން ނިންމުމާ އެކު ސޯޝަލް މީޑިއާގައި ސަލްމާނަށް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ދަށު ކޯޓުން މި މައްސަލައިގައި ސަލްމާން ކުށްވެރިވާ ކަމަށް ނިންމައި ފަސް އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމް ހައި ކޯޓުން ނިންމީ ސަލްމާނާ ދެކޮޅަށް ކުށް ސާބިތުކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ.

"މަރުވެފައި އޮއްވާ ފެނުނު ދެ ޖަނަވާރު މަރުވީ ސަލްމާންގެ ބަޑިން ހަމަލާ ދިނުމުންކަން ޔަގީންކުރެވޭ ވަރަށް ހެކި ލިބިފައެއް ނުވޭ،" ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

މި ހުކުމަށް ޖޯކު ޖަހައި ސަލްމާނަށް އެތައް ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ވިނޭ ބާޓިއާ ކިޔާ މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ "ސަލްމާންގެ އެކްޓްކުރުމުގެ ހުނަރު ފެނިފައި އެ ޖަނަވާރު އަމިއްލައަށް މަރުވީ ކަމަށް ވެދާނެ" ކަމަށެވެ.

ވެޖް ޕަންޖާބީ ކިޔާ މީހަކު ވަނީ "ބްލެކްބަކް ސަލްމާންގެ ޑްރައިވަރު އަތުން ބަޑި ވަގަށް ނަގައިގެން އަމިއްލަ ބަޑިޖަހައިގެން މަރުވީ" ކަމަށް ބުނެ ޓްވީޓްކޮށްފަ އެވެ.

"މިހާރު ބޮޑު ކުށްވެރިއެއްގެ ފަހަތުން އުޅޭ އެހާ ގިނަ ސަޕޯޓަރުން ފެނުނީމަ ހައިރާންވޭ،" އަނީކޭޓު ބަވޭ ކިޔާ މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެ އެވެ.

ދި ވަން ކިޔާ މީހަކު ސަލްމާން ބަޑި ޖެހި ކަމަށް ބުނާ ޒާތުގެ ދެ ޖަނަވާރު ކާރެއްގެ ތެރޭގައި ތިބި ގޮތަށް ދައްކާފައިވާ ފޮޓޯއަކާ އެކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ދެ މައްސަލަ ވެސް ހައްލުވެފައިވާ ކަމަށެވެ. އަދި އިންޑިއާގެ ހައިކޯޓުގެ ފަނޑިޔާރުންނަކީ މޮޔައިން ނޫން ކަމަށް އެމީހާގެ ޓުވީޓްގައި ބުނެފައިވެ އެވެ.

ސޯރަބް ޕޭންޓް ކިޔާ މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ދެ މައްސަލައިން ސަލްމާން ސަލާމަތްވުމުން ހައިރާން ނުވާ ކަމަށެވެ.

"އެއް މައްސަލައިގައި ހެކިން ހެކިބަސް ދޭން ތައްޔާރެއް ނޫން. މިފަހަރުގެ މައްސަލައިގައި އެމީހުންނަކަށް ހެކިބަސް ދޭންވީ ގޮތެއް ނޭނގޭ"

ޓުވީޓްކުރާ ގިނަ ބަޔަކު ސަލްމާނަށް މަލާމަތްކުރިޔަސް ބޮލީވުޑް ގިނަ ބަޔަކު ސަލްމާން މި ދައުވާއިން ސަލާމަތް ވީތީ މަރުހަބާ ކިޔައި އުފާ ފާޅުކޮށްފައިވެ އެވެ.

ސަލްމާން ވަނީ އޭނާއަށް ހެޔޮ އެދުންތައް ފޮނުވި އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.

ސަލްމާންގެ މައްޗަށް ކޮށްފައިވާ މި ދައުވާ އަކީ 1998 ވަނަ އަހަރު އޭނާ "ހަމް ސާތު ސާތު ހޭ" ކުޅުމަށް ޖޯދްޕޫރުގެ ޖަންގަލިތެރޭގައި އުޅުނު ދުވަސްވަރު، ހިމާޔަތްކޮށްފައިވާ ދެ ޖަނަވާރެއް ޝިކާރަ ކުރިކަމަށް ބުނެ ކޮށްފައިވާ ދެ ދައުވާ އެކެވެ. މި ދައުވާ ދަށުކޯޓުގައި ސާބިތުވެ 2006 ގައި އޭނާ ވަނީ ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. އަދި ހަފުތާއެއްހާ ދުވަހު ޖަލުގައި ހުރުމަށްފަހު ކަފާލާތުގެ ދަށުން މިނިވަންވެ މިހާތަނަށް ވެސް އޭނާ ހުރީ އެ މައްސަލައިގައި ތާށިވެފަ އެވެ.