29 މެއި 2018 - 17:35

ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކަނޑައެޅީ ބޮޑު އަަދަބެއް ކަމަށް ދައުލަތުން ވެސް ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ދަށު ކޯޓުތަކުގެ ދެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށަށް އޮންނަ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށްވިޔަސް، އެ އަދަބު ބޮޑުވީ ކުށްކުރި ގޮތާއި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، އަސާސީ މިންގަނޑަށް ވުރެ ހަތަރު ދަރަޖަ މަތި ކުރުމުންނެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ފަރާތުން އެ ހުކުމް އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި އަދަބާ ގުޅޭ ނުކުތާ އެންމެ ފުރަތަމަ ފާހަގަކުރެއްވީ އުއްތަމަ ފަނޑިޔާރުގެ އިސްތިއުނާފް ޝަރީއަތުގައި އެމަނިކުފާނުގެ ވަކީލުންނެވެ. އުއްތަމަ ފަނޑިޔާރުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އަދަބުގެ ހަތަރު ދަރަޖަ މަތިކުރީ ގާނޫނުލް އުގޫބާތުގައި ބުނާ އުސޫލުން ނޫން ކަމަށެވެ. ކުށް ސާބިތު ވިޔަސް، އަދަބު ހަތަރު ދަރަޖަ މަތި ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ދައުލަތުގެ ވަކީލް އަހުމަދު ތައުފީގް ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަކީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ބާރުގައި ހިމެނޭ ފަރާތްތައް ކަމަށްވާތީ، އެ ކުށާ ގުޅިގެން އެ ބޭޭފުޅުންގެ މައްޗަށް އަދަބު ކަނޑައަޅާއިރު އަދަބު ދަރަޖަ މަތި ކުރެވިދާނެ ކަމަށެވެ. ދަރަޖަ މަތި ކުރުމުން އަންނާނެ ކަމަށް ދައުލަތުން ގަބޫލުކުރާ އަދަބު ސާފުކޮށް ދިނުމަށް ފަނޑިޔާރުންގެ ބެންޗުން އެންގެވުމުން ދައުލަތުން އެދުނީ އެކަން ބެލުމަށް އިތުރު ވަގުތުކޮޅެއް ދިނުމަށެވެ.
އެ ފުރުސަތު ދައުލަތަށް ދިނުމަށްޓަކައި އަޑުއެހުން މެދުކަނޑާލުމަށް ފަހު އަލުން ފެށުމުން، ތައުފީގް ވިދާޅުވީ އަދަބު މަތިވާނެ ކަމަށް ހުކުމުގައި ފާހަގަކުރި ސަބަބުތަކަށް ބަލާއިރު އަދަބުގެ ދަރަޖަ މަތި ކުރެވޭނީ އަސާސީ މިންގަނޑަށް ވުރެ ތިން ދަރަޖައަށް ކަމަށެވެ. ތިން ދަރަޖަ މަތި ކުރުމުން އޮންނަ އަދަބަކީ އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.
އުއްތަމަ ފަނޑިޔާރުގެ ވަކީލް ނޫރު ވިދާޅުވީ އަދަބު ބޮޑުވި ސަބަބެއްގެ ގޮތުގައި މުއައްސަސާއެއްގެ އިތުބާރު ގެއްލުން ހިމަަނާފައި ވިޔަސް، އިތުބާރު ގެއްލުނީ ކޮން ގޮތަކުން ކަން ދައުލަތަށް ބުނެދެވިފައި ނެތް ކަމަށެވެ. އަދި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދަށު ކޯޓުން ދީފައި ނުވާ ކަމަށާއި އެހެންވެ، އަދަބާ މެދު ވާހަކަ ދެއްކުމަށް އެ މައްސަލަ އަލުން ދަށު ކޯޓަށް ފޮނުވަން އޭނާ އެދިވަޑައިގަތެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އަދަބު ކަނޑައަޅަން ޖެހޭނީ އަސާސީ މިންގަނޑަށް ވުރެ ވެސް ދެ ދަރަޖަ ދަށްކޮށް، ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
އުއްތަމަ ފަނޑިޔާރުގެ އިސްތިއުނާފް މައްސަލާގައި އަދަބާ ބެހޭގޮތުން ދެ ފަރާތުން ވާހަކަ ދެއްކިޔަސް، އެ އަޑުއެހުމަށް ފަހު ބޭއްވި އަލީ ހަމީދުގެ އިސްތިއުނާފް މައްސަލާގައި އެ ވާހަކަ އެއްވެސް ފަރާތަކުން މާ ބޮޑަށް ފާހަގައެއް ނުކުރެ އެވެ. އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ، އެ ނުކުތާ އަލީ ހަމީދުގެ ވަކީލުން ވެސް ފާހަގަކުރި އެވެ.
އެގޮތަށް އެ ނުކުތާ ފާހަގަ ކުރުމުން އެ ނުކުތާއަށް ވަކިން ޖަވާބު ދެއްވަންވީތޯ ދައުލަތުގެ ވަކީލް ސުވާލު ކުރެއްވުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އިތުރު އާ ވާހަކައެއް އެބައޮތްތޯ ސުވާލު ކުރައްވައިފަ އެވެ. އާ ވާހަކައެއް ނެތް ކަމަށް ދައުލަތުން ވިދާޅުވުމުން މިއަދުގެ އަޑުއެހުން ވަނީ ނިންމާލައިފަ އެވެ.
އިސްތިއުނާފް ނުކުތާތައް ހުށަހެޅުމާއި އެއަށް ދައުލަތުން ޖަވާބު ދިނުން ކުރީގެ އަޑުއެހުމުގައި ނިމިފައިވާތީ މިއަދުގެ އަޑުއެހުމުގައި އޮތީ އަޑުއެހުންތައް ނިންމާލުމުގެ ކުރިން ދެ ފަރާތުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމެވެ. އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ވަކީލުން ވިދާޅުވީ އެ މައްސަލާގައި ނުފޫޒު ފޯރުވި ކަމަށް ބުނެ ހެކިބަސް ދިން ސިއްރު ހެކިންނަކީ ނުފޫޒު ފޯރުވުނު މީހުން ކަމަށާއި އެހެންވެ އެ މީހުންނަކީ އަނިޔާ ލިބުނު މީހުން ކަމަށް ބަލަންޖެހޭނެ ކަމަށެވެ.
އަނިިޔާލިބޭ މީހުންގެ ހެކިބަހަކީ އެ ދައުވާ ސާބިތުކުރަން ފުދޭނެ ހެކިބަހެއް ނޫން ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށާއި އެހެންވެ ސިއްރު ހެކިންގެ ހެކިބަހަށް އެކަނި ބިނާކޮށް، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ނުފޫޒު ފޯރުވިކަން ސާބިތު ނުކުރެވޭނެ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ނުފޫޒު ފޯރުވުމުން އެގޮތަށް އަމަލުކުރި ކަމަށް ހެކިން ބުނެފައިވާތީ އެ މީހުންނަކީ ނުފޫޒުގައި ޖެހުނު ބައެއް ކަން އެނގޭ ކަމަށާއި އެހެންވީއިރު، އެ މީހުން ހެކިބަސް ދިނީ ނުފޫޒެއް އޮވެގެން ކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ. އަދި އެ މީހުންގެ ހެކިބަސް އިތުރަށް ކަށަވަރު ކުރުމަށްޓަކައި އިތުރު ހެކި ހުށަހަޅާފައި ނުވާތީ އެކަން ވެސް ދިފާއީ ވަކީލުން ފާހަގަކުރި އެވެ.
މީގެ އިތުރުން ނުފޫޒު ފޯރުވި ކަމަށް ބުނާ ވަގުތު ދައުވާގައި ނެތުމާއި ދައުވާ ފޯމްގައި ސޮއިކުރީ ޕީޖީ ހުއްދަ ދިން ފަރާތެއް ކަން އެ ފޯމުން އެނގެން ނެތް މައްސަލަ އާއި ދިފާއީ ހެކިން ހުށަހަޅަން ފުރުސަތު ނުލިބޭ ކަމަށް ބުނެ އެކަން ވެސް ދިފާއީ ވަކީލުން ފާހަގަކުރި އެވެ.
ރައްދުގައި ދައުލަތުގެ ވަކީލް ތައުފީގް ވިދާޅުވީ އެ މައްސަލާގައި ދައުލަތުން ސާބިތު ކޮށްދޭން ޖެހޭނީ ގާނޫނުން މަނާ ކޮށްފައިވާ ގޮތެއްގެ މަތިން ފަނޑިޔާރުންނަށް މުވާސަލާތުކޮށް، ނުފޫޒު ފޯރުވިކަން ކަމަށެވެ. އެކަން އެގޮތަށް ހިނގާފައިވާ ކަން ހެކިންގެ ބަހުން އެނގޭ ކަމަށް ތައުފީގް ވިދާޅުވި އެވެ.
ނުފޫޒު ފޯރުވި ވަގުތެއް ދައުވާގައި ބަޔާން ކޮށްފައި ނެތް މައްސަލަ ދިފާއީ ވަކީލުން ފާހަގަ ކޮށްފައިވާތީ އެކަމާ ގުޅިގެން ތައުފީގް ވިދާޅުވީ އެ މައުލޫމާތު ދައުވާގައި ނުހިމެނީ ސިއްރު ހެކިންގެ މައުލޫމާތު އާންމު ވެދާނެތީ ކަމަށެވެ. އަދި ސީދާ ވަކި ވަގުތެއް ބަޔާންކޮށްފައި ނެތަސް، 2016 އިން ފެށިގެން އެކި ފަހަރު މަތިން އެ ބޭފުޅުން ނުފޫޒު ފޯރުވަމުން އައިސްފައިވާ ކަމަށް ދައުވާގައި އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.
ދައުވާ ފޯމްގައި ސޮއިކުރި ޕީޖީ ހުއްދަ ދެއްވި ފަރާތެއް ކަން އެނގެން ނެތް މައްސަލަ ވަކީލުން ފާހަގަ ކުރަމުންދާތީ ޖަވާބުގައި ތައުފީގް ވިދާޅުވީ ދައުވާ ފޯމްގައި ސޮއިކުރީ ޕީޖީ ހުއްދަ ދޭ ފަރާތެއް ކަން އެ ފޯމުގައި ކޮންމެހެން ބަޔާން ކޮށްފައި އޮންނަން ނުޖެހޭ ކަމަށެވެ. އަދި ދިފާއީ ހެކިން ހުށަހެޅުމުގެ ފުރުސަތު ދިފާއީ ވަކީލުންނަށް ގެއްލުނީ އެކަމަށް ދަށު ކޯޓުން ދިން މުއްދަތުގައި ހެކިން ހުށަނޭޅުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު، ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެ ދެ މައްސަލާގައި ވެސް އަޑުއެހުންތައް ނިމުނީ ކަމަށެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ އެ ދެ މައްސަލާގެ ހުކުމް އިއްވުން ކަން ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ ދެ މައްސަލަ ވެސް ބައްލަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބަލަހައްޓަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.
ފަނޑިޔާރުންގެ ގާނޫނު އޮންނަ ގޮތުން އެ ބާވަތުގެ މައްސަލަތައް 30 ދުވަސް ތެރޭގައި ހައި ކޯޓުން ނިންމަން ޖެހޭނެ އެވެ. އެ މައްސަލާގެ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމޭއިރު، ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ފަނޑިޔާރުކަމުގެ މަގާމުން އޮޓަމެޓިކުން ވަކިވާނެ އެވެ.