ޓީމް ޕްރޮފައިލް: ޖަރުމަން
ޓީމް ޕްރޮފައިލް: ޖަރުމަން

ޖަރުމަނަކީ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މިހާތަނަށް ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައި ވުމުން އެއީ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު އެއް ގައުމެވެ. ޖަރުމަނުން ވޯލްޑް ކަޕް ތަށި އުފުލައިލީ 1954، 1974، 1990، އަދި 2014 ގަ އެވެ.

ޓީމް ޕްރޮފައިލް: ޖަރުމަން
ޓީމް ޕްރޮފައިލް: ޖަރުމަން

ޖަރުމަން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1934 ވަނަ އަހަރެވެ. އޭގެ ފަހުން ޖަރުމަނުން ވަނީ ޖުމްލަ 18 ފަހަރު ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އޭގެ ތެރެއިން 13 ފަހަރު ސެމީ ފައިނަލްގައި އަދި އަށް ފަހަރު ފައިނަލްގައި ކުޅުނެވެ.

މި ފަަހަރުގެ ވޯލްޑް ކަޕަށް ޖަރުމަން ނުކުންނަނީ ތަށި ދިފާއުކުރުމަށެވެ. ވޯލްޑް ކަޕްގެ ތަށި މިހާނަތަށް ދިފާއުކުރި ހަމައެކަނި ގައުމަކީ ބްރެޒިލް އެވެ. އެކަމަކު ޖަރުމަނަކީ މި އަހަރުގެ މުބާރާތުގެ ވެސް އެއް ފޭވަރިޓެވެ. އެހެންކަމުން 1962 ގެ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމަކީ އެ ޓީމަށް ވެދާނެ ކަމެއް ކަމަށް ގިނަ ތަޖުރިބާކާރުން ގަބޫލްކުރެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ޖަރުމަން ކޮލިފައިވީ ފަސޭހަކަމާ އެކު އެވެ. ގުރޫޕް ސީގެ އެއްވަނަ ޖަރުމަނުން ހޯދީ 30 ޕޮއިންޓާ އެކު އެވެ. ކުޅުނު 10 މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. އެ ޓީމާ އެންމެ ގާތުން ވާދަކުރި އަޔަލޭންޑަށް ލިބުނީ 19 ޕޮއިންޓެވެ. ޖަރުމަނުން ކޮލިފައިންގައި ކުޅުނު 10 މެޗުގައި 43 ލަނޑު ޖެހިއިރު، އެ ޓީމު ކޮޅަށް 10 މެޗުން ވަނީ އެންމެ ހަތަރު ލަނޑެވެ.

ކޯޗު: ޖަރުމަން ކޯޗު ޔަކިމް ލޯވް އެ މަގާމާ ހަވާލުވީ 2006 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ހުރީ ޖަރުމަން ޓީމުގެ އެސިސްޓަންޓް ކޯޗަކަށެވެ. ޖަރުމަނުން 2014 ގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ލޯވްގެ އިރުޝާދުގެ ދަށުންނެވެ. މިއީ ލޯވްގެ އިރުޝާދުގެ ދަށުން ޖަރުމަން ކުރިމަތިލާ ތިން ވަނަ ވޯލްޑް ކަޕެވެ. އަދި 2017 ވަނަ އަހަރުގެ ކޮންފެޑަރޭޝަންސް ކަޕްގައި ވާދަކޮޮށް، ޖަރުމަނުން އެ މުބާރާތް ކާމިޔާބުކުރީ ވެސް ލޯވްގެ އިރުޝާދުގެ ދަށުންނެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ޖަރުމަންގެ ގިނަ ކްލަބުތަކަކަށް ކުޅުނު ލޯވް ކޯޗިން ކެރިއަރު ފެށީ 1995 ވަނަ އަހަރެވެ. ޖަރުމަންގެ ދައުމީ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ޖަރުމަނާއި ތުރުކީގެ ބައެއް ކްލަބުތަކަށް ކޯޗުކޮށްދީފަ އެވެ.

ޓޯނީ ކްރޫސް: ޖަރުމަންގެ މިޑްފީލްޑްގެ "އިންޖީން"ގެ ގޮތުގައި މިހާރު ސިފަކުރެވެނީ ޓޯނީ ކްރޫސް އެވެ. ޖަރުމަނުން 2014ގެ ވޯލްް ކަޕް ކާމިޔާބުކުރިއިރު، އެ މުބާރާތުގައި ކްރޫސް މޮޅު ކުޅުމެއް ދެއްކި އެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުންނައިރު، ޖަރުމަންގެ މިޑްފީލްޑްގައި އެންމެ މުހިންމު ކުޅުންތެރިއަކަށް ވާނީ ކްރޫސް އެވެ. ޖަރުމަންގެ ގައުމީ ޓީމަށް 2012 އިން ފެށިގެން ކުޅެމުން އަންނަ ކްރޫސްގެ ތަފާތު މި އަހަރުގެ ވޯލްޑް ކަޕުން ވެސް ފެންނާނެ ކަމަށް ސަޕޯޓަރުން އުންމީދުކުރާނެ އެވެ. ރެއާލް މެޑްރިޑުން ފާއިތުވި ތިން ސީޒަންގައި ހޯދި ކާމިޔާބީތަކުގައި ވެސް ކްރޫސްގެ ދައުރު ބޮޑެވެ.

މެސުތު އޮޒިލް: ޖަރުމަންގައި މިހާރު ހުރި އެންމެ ކްރިއޭޓިވް އެއް ކުޅުންތެރިއަކީ މެސުތު އޮޒިލް އެވެ. އޭނާ އަކީ ޖަރުމަންގެ ޖޯޒީގައި އަބަދުވެސް މޮޅު ކުޅުމެއް ދައްކާ ކުޅުންތެރިއެކެވެ. ޖަރުމަންގެ ޓީމަށް 2010 އިން އަހަރުން ފެށިގެން ކުޅެމުން އަންނަ އޮޒިލް އަކީ ޖަރުމަންގެ ކޯޗު ލޯވްގެ ޕްލޭންގައި މުހިންމު ކުޅުންތެރިއެކެވެ. އާސެނަލް އަށް މިހާރު ކުޅޭ އޮޒިލް ވަނީ މީގެ ކުރިން ރެއާލް މެޑްރިޑަށް ވެސް ކުޅެފަ އެވެ.

ތޯމަސް މުލާ: ޖަރުމަން ޓީމުގެ ވައިސް ކެޕްޓަން ތޯމަސް މުލާ އަކީ ޖަރުމަންގެ އެންމެ މުހިންމު އެއް ފޯވަޑެވެ. ގައުމީ ޓީމަށް 2010 އިން ފެށިގެން ކުޅެމުންދާ މުލާ އަކީ ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. ޤައުމީ ޓީމަށް މިހާތަނަށް ކުޅުނު 90 މެޗުގައި އޭނާ ވަނީ 38 ލަނޑު ޖަހައިފަ އެެވެ. ޖަރުމަނުން 2014 ގެ ވޯލްޑް ކަޕް ކާމިޔާބުކުރީ އޭނާ ޖެހި ފަސް ލަނޑާ އެކު އެވެ.

ގުރޫޕް އެފްގެ ފޭވަރިޓަކީ ޖަރުމަނެވެ. މިއީ ނިސްބަތުން ޖަރުމަނަށް ފަސޭހަ ގުރޫޕެކޭ ވެސް ބުނެވިދާނެ އެވެ. މި ގުރޫޕްގައި އޮތް ޓީމުތަކުގެ ތެރެއިން ކުޅުންތެރިންގެ ގޮތުން ޖަރުމަންގެ ޓީމު ފެންނަނީ މާ ވަރުގަދަކޮށެވެ. މި ގުރޫޕުން ޖަރުމަން ސަލާމަތްނުވެއްޖެ ނަމަ، އެއީ މުޅި މުބާރާތުގެ އެންމެ ބޮޑު "ސަޕްރައިޒް" އަށް ވެސް ވެގެންދާނެ އެވެ.