މެލޭޝިއާ އާއި ސިންގަޕޫރާ ދެމެދު އަޅާ ހައި ސްޕީޑް ރޭލް މަޝްރޫއު ކެންސަލް
މެލޭޝިއާ އާއި ސިންގަޕޫރާ ދެމެދު އަޅާ ހައި ސްޕީޑް ރޭލް މަޝްރޫއު ކެންސަލް

ކުއާލަ ލަމްޕޫރު (މެއި 29) - މެލޭޝިއާ އާއި ސިންގަޕޫރާ ދެމެދު އަޅާ ހައި-ސްޕީޑް ރެއިލް މަޝްރޫއު ހުއްޓާލައްވާނެ ކަމަށް ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކުއާލަ ލަމްޕޫރާއި ސިންގަޕޫރާ ދެމެދު ބުލެޓް-ޓްރެއިން ލިންކެއް އަޅަން އެއްބަސްވެފައި ވަނީ މީގެ ދެ އަހަރު ކުރިންނެވެ. މި މަޝްރޫއު ފުރިހަމަ ކުރި ނަމަ މިހާރު އެއްގަމު މަގުން ގާތްގަނޑަކަށް ފަސް ގަޑިއިރުން ކުރެވޭ ދަތުރު ދޮޅު ގަޑިއިރަށް ކުޑަކުރެވޭނެ އެވެ. ފްލައިޓްގައި ދަތުރު ކުރާ ނަމަ ގަޑިއެއްހާ އިރު ވާނެ އެވެ.

"އެއީ މާލީ ގޮތުން ފައިދާ ހުރި ކަމަކަށް ނުވާނެ. އެއީ ވަރަށް ބޮޑު އަދަދެއްގެ ފައިސާ ޚަރަދުވާނެ ކަމެއް،" މަހާތިރު ވިދާޅުވި އެވެ.

ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމަކަށް ގެނެސް ބޮޑު ވަޒީރު ކަމަށް މި މަހު ވަޑައިގެންނެވި މަހާތިރު ވިދާޅުވީ އެމަނިކުފާނުގެ ނިންމުން ތަންފީޒް ކުރަން ކިހާ ދުވަހެއް ނަގާނެކަން ނޭނގޭ ކަމަށާއި އެކަމާ ގުޅޭ ގޮތުން ސިންގަޕޫރާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މަހާތިރު ވިދާޅުވީ ބަދަލެއްގެ ގޮތުން މެލޭޝިއާ އިން ވެސް 500 މިލިއަން ރިންގިޓް (125.7 މިލިއަން ޑޮލަރު) ދައްކަން ޖެހިދާނެ ކަމަށެވެ.

ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރެއިލް މަޝްރޫއު ކެންސަލް ކުރިކަން މެލޭޝިއާ އިން އަންގާފައި ނުވާ ކަމަށެވެ.

ދެ ގައުމުގެ މެދުގައި ހައި-ސްޕީޑް ރެއިލްވޭއެއް ގާއިމްކުރަން ސިންގަޕޫރާއި މެލޭޝިއާ އިން ސޮއިކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. މަސައްކަތް ނިންމަން ޕްލޭންކޮށްފައި ވަނީ 2026 ވަނަ އަހަރު އެވެ. ދެ ގައުމުގެ މެދުގައި 350 ކިލޯ މީޓަރު (217 މޭލު) ގެ ދިގު ރޭލް އަޅައިދިނުމަށް ކުންފުނިތަކުން ވަނީ ބިޑް ހުށަހަޅަން ފަށައިފަ އެވެ. ނަޖީބުގެ ވެރިކަން އޮތް ނަމަ އެ ޕްރޮޖެކްޓް ޗައިނާގެ ކުންފުންޏަކަށް ދިނުމުގެ ފުރުސަތު ބޮޑެވެ. ނަޖީބުގެ ވެރިކަމުގައި ޗައިނާއާ ވަނީ ގުޅުން ބަދަހިކޮށްފަ އެވެ. ޔޫރަޕުގެ ކުންފުނިތައް ކަމަށްވާ އެލްސްޓޮމް އާއި ސިއެމެންސް އިން ވަނީ ބިޑް ހުށަޅަން ތައްޔާރުވެފަ އެވެ. އަދި ޖަޕާނުގެ ކުންފުނިތަކުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ރެއިލްވޭގެ އަގު ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެނަލިސްޓުން 2016 ވަނަ އަހަރު އެސްޓިމޭޓްކޮށްފައި ވަނީ އެ މަޝްރޫއަށް 15 ބިލިއަން ޑޮލަރު ޚަރަދު ވާނެ ކަމަށެވެ.

މަހާތިރު ވިދާޅުވީ ނަޖީބުގެ ވެރިކަމުގައި މެލޭޝިއާގެ ދަރަނި 251 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.

މެލޭޝިއާގައި 1981 އިން 2003 އަށް މަހާތިރު ވެރިކަން ކުރެއްވި އިރު ސިންގަޕޫރާ އޮތް ގުޅުން ދޭތެރެ ދޭތެރެއިން ގޯސްވެފައިވެ އެވެ.