ޝާހްރުކް ހާންގެ "ޒީރޯ" ގެ މަންޒަރުތަކެއް އެމެރިކާގެ ނާސާގައި ނަގަނީ
ޝާހްރުކް ހާންގެ "ޒީރޯ" ގެ މަންޒަރުތަކެއް އެމެރިކާގެ ނާސާގައި ނަގަނީ

ޝާހްރުކް ހާން މިހާރު ކުޅެމުން އަންނަ ފިލްމް "ޒީރޯ" ގެ ބައެއް މަންޒަރުތައް އެމެރިކާގެ ނާސާގައި ނަގަން ފަށައިފި އެވެ.

ބަތަލާ އަނުޝްކާ ޝަރްމާ އާއި ޝާހްރުކް އެކުގައި ފެނިގެންދާ މަންޒަރުތަކެއް އެމެރިކާގައި ޝޫޓްކުރަން ފުރީ މި މަހުގެ ކުރީކޮޅު އެވެ. އެ ގައުމަށް ފުރުމުގެ ކުރިން ފިލްމްގެ ޑައިރެކްޓަރު އާނަންދް އެލް ރާއީއާ އެކު، ޝާހްރުކާއި އަނުޝްކާ ވަނީ މުމްބާއީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓްގެ އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކް ޑްވާފެއްގެ ރޯލު ކުޅޭ "ޒީރޯ" ގެ ވަރަށް މުހިއްމު މަންޒަރުތަކެއް ނާސާގައި ނަގާ އިރު، އެމެރިކާގައި ކުރިއަށް ގެންދާ ޝޫޓިން ޝެޑިއުލް 45 ދުވަހަށް ދެމިގެން ދާނެ އެވެ. މި ޝެޑިއުލް ނިމޭ އިރު، ފިލްމްގެ ޝޫޓިން އެއްކޮށް އޮންނާނީ ނިންމައިލެވިފަ އެވެ.

މީގެ ކުރިން ވެސް ޝާހްރުކްގެ ފިލްމެއް ވަނީ ނާސާގައި ޝޫޓްކޮށްފަ އެވެ. އެއީ 2004 ގައި އަޝުތޯޝް ގޮވަރިކާ ޑައިރެކްޓް ކުރި "ސްވަދޭސް" އެވެ.

"ޒީރޯ" އަކީ މިދިޔަ އަހަރު ރިލީޒްކޮށް، އެކަމަކު ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު "ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު، އަނުޝްކާ އާއި ޝާހްރުކް އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އަދި މިއީ ދެ ތަރިން އެކުގައި ކުޅޭ 4 ވަނަ ފިލްމެވެ.

އަންނަ ޑިސެމްބަރު މަހުގެ 21 ގައި ރިލީޒް ކުރާ "ޒީޒޯ" ގެ ކާސްޓުންގެ ތެރޭގައި ކެޓްރީނާ ކެއިފް ވެސް ހިމެނެ އެވެ.

ޝާހްރުކާއި އަނުޝްކާ އަދި ކެޓްރީނާ އެކުގައި އެންމެ ފުރަތަމަ ފެނިފައި ވަނީ ޔާޝް ޗޯޕްޅާގެ މަރުވުމުގެ ކުރިން ޑައިރެކްޓް ކުރި އެންމެ ފަހު ފިލްމް 2012 ގެ "ޖަބް ތަކް ހެ ޖާން" އިންނެވެ.

މި ތިން ތަރިންގެ އިތުރުން ވެސް ހާއްސަ ފެނިލުންތަކުން ގިނަ ތަރިން ފެނިގެންދާ "ޒީރޯ" ގެ ޓީޒާ ވަނީ މިދިޔަ ޖެނުއަރީ މަހު ދައްކާލައިފަ އެވެ.