އޮޅާލެވޭ އޯލެޑް ޑިސްޕްލޭ ވާވޭ ފޯނުތަކަށް އުފައްދަނީ
އޮޅާލެވޭ އޯލެޑް ޑިސްޕްލޭ ވާވޭ ފޯނުތަކަށް އުފައްދަނީ

ސްމާޓްފޯން ކުންފުނިތަކުން މިހާރު ތިބީ ރޭހަކަށް ނިކުމެ އެވެ. ސްކްރީން އޮޅާލެވޭ ފޯނެއް އެންމެ ފުރަތަމަ އުފެއްދެނީ ކޮން ބަޔަކަށްތޯ ބެލުމަށެވެ. ސެމްސަންގް އުންމީދުކުރަނީ ސްކްރީން އޮޅާލެވޭ ފޯނެއް، އަންނަ އަހަރު މާކެޓަށް ނެރުމަށެވެ. ވާވޭ ބުނަނީ ސެމްސަންގަށް ވުރެ ކުރިން އެކަން ކާމިޔާބުކުރާނެ ކަމަށެވެ.

ޗައިނާއިން އިވޭ އަޑުތައް ބުނާ ގޮތުގައި، ސްމާޓްފޯންތަކުގެ ސްކްރީން އޮޅާލުމަށް ވާވޭ ފޫގަޅައިފި އެވެ. ފޯނުތަކަށް ބޭނުންވާ އޯލެޑް ޑިސްޕްލޭ އުފެއްދުމަށްޓަކައި، ބީއޯއީ ޓެކްނޮލޮޖީޒްއާ މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބީއޯއީ ޓެކްނޮލޮޖީޒް އަކީ ޗައިނާ ކުންފުންޏެކެވެ. ފަތާ ޑިސްޕްލޭ ޕެނަލްތައް އުފެއްދުމަކީ އެ ކުންފުންޏަށް ލިބިފައިވާ ހުނަރެކެވެ. އެ ކުންފުނިން ވަނީ އޯލެޑް ޑިސްޕްލޭތައް ފަސޭހަކަމާ އެކު ފަތްފަތްޖަހައި، އޮޅާލުމަށް ބޭނުންކުރާނެ ފާޑުވެރިކަން ދަސްކޮށްފަ އެވެ. ބުނެވޭ ގޮތުގައި، ބީއޯއީ ޑިސްޕްލޭތައް ބޭނުންކުރުމަށް ވާވޭ އަންނަނީ ތައްޔާރުވަމުންނެވެ.

ސްމާޓްފޯންތަކަށް ޚާއްސަކޮށް އުފައްދާ ޑިސްޕްލޭތައް ޓެސްޓްކުރުމަށްޓަކައި ބީއޯއީ ވަނީ އަޖުމަބެލުމަށް، އަށް އިންޗީގެ ޑިސްޕްލޭތަކެއް އުފައްދަން ފަށައިފަ އެވެ. މިއީ މުޅި ސިނާއަތަށް ވެސް އަދި އާ ޓެކްނޮލޮޖީއެކެވެ. އެހެންކަމުން، ޓެސްޓްކުރުމުގެ މަރުހަލާތައް ދުވަސްތަކަކަށް ކުރި އަށް ގެންދާނެ ކަމަށް ބެލެވެ އެވެ.

ވާވޭ އިން ވާދަވެރި މާކެޓަކަށް ނިކުންނައިރު، ވާދަކުރަން ޖެހިފައި ވަނީ ސެމްސަންގްއާ އެވެ. ސެމްސަންގް އަކީ އޯލެޑް ޑިސްޕްލޭ އުފެއްދުމަށް ދެވަނައެއް ނެތް ވަރުގެ ކުންފުންޏެވެ. އެކަމާ ގުޅޭ ގޮތްފޮތް ދެނެތިބެ ފާޑުވެރިކަން، އެހެން ބަޔަކަށް ނެތް ވަރުގެ ކުންފުންޏެކެވެ. އެހެން ނަމަވެސް ވާވޭ ބުނަނީ ސެމްސަންގެ މައްޗަށް ކުރި ހޯދާނެ ކަމަށެވެ. ޑިސްޕްލޭ އޮޅާލެވޭ ގޮތަށް ސްމާޓްފޯނެއް ދުނިޔެ އަށް އެންމެ ފުރަތަމަ ނެރޭ ބަޔަކަށް އެ މީހުން ވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރަން އެ މީހުން ވިސްނާ ގޮތް ހިއްސާކޮށްފައެއް ނުވެ އެވެ.

އިންޓަނެޓް ރިޕޯޓްތައް ބުނާ ގޮތުގައި، އޮޅާލަން ފަސޭހަ އޯލެޑް ޑިސްޕްލޭތައް އުފެއްދުމަށް، ބީއޯއީ އަށް އޯޑަރުތައް ލިބެމުން އެބަ ދެ އެވެ. ވާވޭގެ އިތުރުން އެހެން ދެ ކުންފުންޏަކުން ވަނީ ބީއޯއީ އަށް ފުރުސަތު ދީފަ އެވެ. އެހެން ނަމަވެސް އެ އަދަދަށް އޯލެޑް ޑިސްޕްލޭ އުފެއްދުމުގެ ގާބިލުކަން ބީއޯއީ އަށް ލިބިފައިވާކަން ކަށަވަރެއް ނޫނެވެ.