ދެ ފަނޑިޔާރުންނަށް ކަނޑައެޅި އަދަބު ދިރާސާކުރަން ދައުލަތަށް ހައި ކޯޓުން ފުރުސަތު ދީފި
ދެ ފަނޑިޔާރުންނަށް ކަނޑައެޅި އަދަބު ދިރާސާކުރަން ދައުލަތަށް ހައި ކޯޓުން ފުރުސަތު ދީފި

ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކްރިމިނަލް ކޯޓުން ކަނޑައެޅި އަދަބު އިތުރަށް ދިރާސާ ކުރުމަށް ހައި ކޯޓުން ދައުލަތަށް މިއަދު ފުރުސަތު ދީފި އެވެ.

ދަށު ކޯޓުތަކުގެ ދެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނުފޫޒު ފޯރުވުމުގެ ކުށަށް ގާނޫނުލް އުގޫބާތުގައި އޮންނަ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށްވިޔަސް، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ބޮޑު އަދަބެއް އައީ އެ އަދަބު ކަނޑައެޅީ އަދަބުގެ ހަތަރު ޖަރަޖަ މަތި ކުރުމުންނެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން އަދަބުގެ ދަރަޖަ މަތިކުރީ އެ ކުށް ކޮށްފައިވާ ގޮތަށް ރިއާޔަތްކޮށެވެ.

އަދަބާ ބެހޭގޮތުން އިތުރަށް ދިރާސާ ކުރަން ހައި ކޯޓުން ދައުލަތަށް ފުރުސަތު ދިނީ މިއަދު ބޭއްވި، އުއްތަމަ ފަނޑިޔާރުގެ އިސްތިއުނާފް ޝަރީއަތުގައި، އެމަނިކުފާނަށް ކަނޑައެޅި އަދަބުގެ ދަރަޖަ މަތިކުރީ ގާނޫނުލް އުގޫބާތާ ޚިލާފަށް ކަމަށް އުއްތަމަ ފަނޑިޔާރުގެ ވަކީލުން ފާހަގަ ކުރުމުންނެވެ.

އެކަމާ ގުޅިގެން، ދައުލަތުގެ ވަކީލް އަހުމަދު ތައުފީގް ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަކީ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ބާރުގައި ހިމެނޭ ފަރާތްތަކަށް ވާތީ އެ ބޭފުޅުންގެ މައްޗަށް އަދަބުގެ ދަރަޖަ މަތި ކުރެވިދާނެ ކަމަށެވެ. ތައުފީގް ފުރަތަމަ ވިދާޅުވީ ދައުލަތުން ގަބޫލުކުރާ ގޮތުގައި މަތި ކުރެވޭނީ އަދަބުގެ ދެ ދަރަޖަ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިތުރަށް ދިރާސާކުރަން ވަގުތު ބޭނުންވޭތޯ ބެންޗުން ސުވާލު ކުރެއްވުމުން ތައުފީގް އެދިވަޑައިގަތީ އިތުރު ވަގުތުކޮޅެއް ދެއްވުމަށެވެ. އެހެންވެ، ފަނޑިޔާރުންގެ ބެންޗުން ވަނީ އެ މައްސަލާގެ އަޑުއެހުން މެދުކަނޑާލައި، މެންދުރު 1:00 ގައި އަލުން ފަށާ ގޮތަށް ހަމަޖައްސަައިފަ އެވެ.

އެ މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އަދި ފަނޑިޔާރު އަލީ ސަމީރެވެ.