24 މެއި 2016 - 18:50

ބިނާކުރުމުގެ އެކި މަސައްކަތުގައި ލަކުޑި ބޭނުންކުރަމުން އަންނަތާ އެތައް ހާސް އަހަރެއް ވެއްޖެ އެވެ. ލަކުޑި އަކީ ހަރު، އެތެރެ ނުފެންނަ އެއްޗެކެވެ. އެކަމަކު ސައިންސްވެރިން ބުނަނީ އިންސާނުން ދުވަހަކު ވެސް ނުދެކޭ ފަދަ ލަކުޑިއެއް އުފެއްދިދާނެ ކަމަށެވެ. އެއީ ބިއްލޫރި ފަދައިން، ޓްރާންސްޕޭރެންޓް ގޮތަށެވެ.
ތިމާވެއްޓާ ރަހުމަތްތެރި އާ ވަސީލަތްތައް ހޯދުމަށް ކުރަމުން އަންނަ ދިރާސާތަކެއްގައި، ޓްރާންސްޕޭރެންޓް ލަކުޑި އުފެއްދޭ ފަދަ ގޮތެއް ހޯދުނީ ހީނުކުރާ ފަދަ ގޮތަކަށް ކަމަށް ޔުނިވަސިޓީ އޮފް މެރީލޭންޑްގެ ސައިންސްވެރިން ވަނީ ބުނެފަ އެވެ. އެތަނުގެ ސައިިންސްވެރިން ބުނެފައި ވަނީ މިއީ ބިއްލޫރި ގޮތަށް ޓްރާންސްޕޭރެންޓް ކޮށް ހުއްޓަސް ވަރުގަދަ ލަކުޑިއެއް ކަމަށެވެ.
ޔުނިވަސިޓީގެ ޑިޕާޓްމަންޓް އޮފް މެޓީރިއަލް ސައިންސް އެންޑް އިންޖިނިއަރިންގެ ވެރިޔާ ޑރ. ލިއަންގްބިންގް ހޫ އާ ހަވާލާދީ ސީއެންއެންގައި ބުނެފައި ވަނީ މިއީ ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވިދާނެ ތިމާވެއްޓާ ރަހުމަތްތެރިކަން ބޮޑު އުފެއްދުމެއް ކަމަށެވެ.
ހަލާކު ނުވެ ޒަމާންތަކެއް ވަންދެން ހުންނަ ދަގަނޑާއި ބިއްލޫރި ފަދަ ތަކެއްޗަކީ މި ޒަމާނުގެ އިމާރާތްކުރުމާއި މިފަދަ އެކި މަސައްކަތްތަކުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ތަކެއްޗަށް ވިޔަސް "ޓްރާންސްޕޭރެންޓް ލަކުޑި" ވެގެން ދާނީ ފަނާވެގެންދާ، ތިމާވެއްޓާ ރަހުމަތްތެރި އެއްޗަކަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެހެންވެ މިއީ އިންގިލާބީ އުފެއްދުމަކަށް ވެގެން ދާނެ ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.
ބިއްލޫރި ހުންނަ ގޮތަށް ލަކުޑި އުފެއްދުމަށް، ލަކުޑީގައި އޭގެ ކުލަ އުފައްދައިދޭ މާއްދާ ކެމިކަލްގެ އެހީގައި ނައްތާލަނީ އެވެ. އޭގެ ފަހުން، ލަކުޑި ވަރުގަދަކުރުމަށް ބޭނުންކުރާ މާއްދާއެއް އޭގެ ތެރެއަށް ފޮނުވަ އެވެ. ޑރ. ހޫ ވިދާޅުވެފައި ވަނީ މިއީ އެހާ އުނދަގޫ މަރުހަލާތަކެއް ނޫން ކަމަށެވެ.
"މިގޮތަށް ހެދުމުން ލަކުޑި ވަރަށް ވަރުގަދަވާނެ،" ހޫ ވިދާޅުވެފައިވެ އެވެ.
ސައިންސްވެރިން ބުނަނީ ބިއްލޫރި ބޭނުންކުރާ ހުރިހާ ތަނެއްގައި ޓްރާންސްޕޭރެންޓް ލަކުޑި ބޭނުންކުރެވިދާނެ ކަމަށާއި ދަގަނޑަށް ވުރެ މި ވަރުގަދަވާނެ ކަމަށެވެ. އެހެންވެއްޖެ ނަމަ މިއީ ވަރަށް ބޮޑު އިންގިލާބަކަށް ވެގެން ދާނެ އެވެ.