29 މެއި 2018 - 13:11

ތެލް އަވީވް (މެއި 29) - ރަޝިޔާގެ ބިލިއަނަރު އަދި ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އިޒްރޭލުގެ ރައްވެއްސަކަށްވުމުގެ އިންތިޒާމްތައް ކުރިއަށް އެބަދެ އެވެ.

އިޒްރޭލުގެ އިމިގްރޭޝަން އޮފިޝަލުން ބީބީސީ އަށް ބުނީ މޮސްކޯގައި ހުންނަ އިޒްރޭލް އެމްބަސީގައި އަބްރަމޮވިޗްއާ އިންޓަވިއު ކޮށްފައިވާ ކަމަށެވެ. އަބްރަމޮވިޗް ވެސް ވަނީ ދާދި ފަހުން ތެލް އަވީވް އަށް ދަތުރުކޮށްފަ އެވެ.
އިޒްރޭލުގެ ރައްވެހިކަން ލިބުމުން އަބްރަމޮވިޗް، 51، ވާނީ އިޒްރޭލުގެ އެންމެ މުއްސަނދި މީހާއަށެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 11.5 ބިލިއަން ޑޮލަރަށް އަރާ ކަމަށް ފޯބްސް އިން ބުނެ އެވެ.
އަބްރަމޮވިޗްގެ އިނގިރޭސި ވިލާތުގެ އިންވެސްޓް ވިސާ މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހަމަވެފަ އެވެ. ނަމަވެސް ވިސާ އާ ކުރުން ލަސްވާ މައްސަލާގައި އިނގިރޭސި ސަރުކާރުން ކޮމެންޓްކޮށްފައެއް ނުވެ އެވެ. ވިސާ އާ ކުރުން ލަސްވަމުންދާ އިރު އިނގިރޭސި ވިލާތާއި ރަޝިޔާއާ ދެމެދު ވަނީ ބޮޑު ޑިޕްލޮމެޓިކް މައްސަލައެއް އުފެދިފަ އެވެ. އެއީ ރަޝިޔާގެ ކުރީގެ ޖާސޫސަށް އިނގިރޭސި ވިލާތުގައި ވިހަ ދިން މައްސަލައިގަ އެވެ.
ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް މި މަހު ވެމްބްލީގައި ކުޅުނު އެފްއޭ ކަޕް ފައިނަލް މެޗަށް ވެސް އަބްރަމޮވިޗަށް ލަންޑަނަށް ދެވޭ ގޮތެއް ނުވި އެވެ.
އިޒްރޭލުގެ މީޑިއާތަކުން ބުނި ގޮތުގައި ލޯ އޮފް ރިޓާންގެ ދަށުން އަބްރަމޮވިޗް އަށް ވަނީ އިޒްރޭލުގެ އައިޑެންޓިޓީ ކާޑު ދީފަ އެވެ. ލޯ އޮފް ރިޓާންގެ ދަށުން ޔަހޫދިންނަށް އިޒްރޭލުގެ ރައްވެހިކަން ލިބެ އެވެ. އަބްރަމޮވިޗް އަކީ ޔަހޫދީއެކެވެ.
ޓައިމްސް އޮފް އިޒްރޭލުން ބުނެފައި ވަނީ މިދިޔަ ހޯމަ ދުވަހު އަބްރަމޮވިޗް އިޒްރޭލަށް ދިޔަކަން އިންޓީރިއާ މިނިސްޓްރީން ޔަގީންކޮށްދީފައިވާ ކަމަށެވެ. އަދި އޭނާ އިޒްރޭލަށް މިހާރު ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށް ވެސް އެ ނޫހުން ބުނެފައިވެ އެވެ.
އަބްރަމޮވިޗް އަކީ އިޒްރޭލަށް ގިނަގިނައިން ދަތުރުކުރާ މީހެކެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ތެލް އަވީވުން ހޮޓަލެއް ވެސް ގަނެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަބްރަމޮވިޗް މިހާރު ވަނީ އެ ހޮޓާ ދިރިއުޅޭ ތަނަކަށް ބަދަލުކޮށްފަ އެވެ.
އިޒްރޭލުގެ ޕާސްޕޯޓް އޮންނަ މީހުންނަށް ވިސާ ނެތި އިނގިރޭސި ވިލާތަށް ދަތުރު ކުރެވެ އެވެ. އަދި ކުރު މުއްދަތެއްގައި އިނގިރޭސި ވިލާތުގައި ދިރިއުޅެވެ އެވެ.
ރަޝިޔާގެ ވެސް އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ އަބްރަމޮވިޗް ޗެލްސީ ގަނެފައި ވަނީ 2003 ވަނަ އަހަރު އެވެ. ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ ގާތް ގުޅުމެއް އޮންނަ އަބްރަމޮވިޗް ވަނީ ރަޝިޔާގެ ޗުކޮޓްކާ ސަރަހައްދުގެ ގަވަރްނަރުކަން ވެސް ކޮށްފަ އެވެ.