ހުރިހާ ރަށެއްގައި ނަޝީދަށް ކެމްޕެއިން ކޮށްފިން: އަސްލަމް
ހުރިހާ ރަށެއްގައި ނަޝީދަށް ކެމްޕެއިން ކޮށްފިން: އަސްލަމް

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ހޯދުމަށް ކެމްޕެއިން ކޮށްފައިވާ ކަމަށް އެ މަނިކުފާނުގެ ކެމްޕެއިން މެނޭޖަރު މިއަދު ވިދާޅުވެއްޖެ އެވެ.

ހުރިހާ ރަށެއްގައި ނަޝީދަށް ކެމްޕެއިން ކޮށްފިން: އަސްލަމް
ހުރިހާ ރަށެއްގައި ނަޝީދަށް ކެމްޕެއިން ކޮށްފިން: އަސްލަމް

ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނުގެ ކެމްޕޭން މެނޭޖަރު މުހައްމަދު އަސްލަމް ވިދާޅުވީ ކެމްޕެއިން ޓީމްތައް އެކި ރަށްރަށަށް ގޮސްގެންނާއި ސްކައިޕް މެދުވެރިކޮށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކެމްޕެއިން ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން 79 ރަށަކަށް ކެމްޕެއިން ޓީމުތައް ގޮސްފައިވާ އިރު 115 ރަށެއްގައި ނަޝީދު ވަނީ ސްކައިޕް މެދުވެރިކޮށް ކެމްޕެއިންކޮށްފަ އެވެ. އަދި މިއަދު ވެސް ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

ނަޝީދު އެކަނި ކުރިމަތިލެއްވި ޕްރައިމަރީގެ ވޯޓުލުން މާދަމާ މުޅި ރާއްޖޭގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން ސްރީލަންކާ އާއި އިންޑިއާގައި ވެސް ވޯޓުލުން އޮންނާނެ އެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ޖިނާއީ ކުށެއް ސާބިތުވެފައިވާ އެއްވެސް މީހަކަށް ސިޔާސީ ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށް ބުނެ، ގާނޫނާއި ގަވާއިދާ ޚިލާފަށް ބާއްވާ ޕްރައިމަރީތައް ބާތިލުކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ޕްރައިމަރީ އަށް ކުރިމަތިލެއްވި އިރު ނަޝީދު މިހާރު ވެސް ހުންނެވީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކޮށްފައި ބެހެއްޓި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ.

ނަޝީދަށް ފުރުސަތު ދީފި ނަމަ، އެ ޕްރައިމަރީ ބާތިލްކޮށް، ޕާޓީ އުވާލާނެ ކަމުގެ އިންޒާރު ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފަ އެވެ.

އެކަމަށް ރައްދު ދެއްވައި އަސްލަމް ވިދާޅުވީ އެމްޑީޕީ އުވާލުމަކީ އިލެކްޝަންސް އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ކޮމިޝަނަކީ މިނިވަން ކޮމިޝަނެއް ނޫން ކަމަށް ވެސް އަސްލަމް ތަކުރާރުކޮށް ވިދާޅުވި އެވެ.

"ޕާޓީތަކަކީ އެހެން އުވޭ އެއްޗެއް ނޫން. ސިޔާސީ ޕާޓީއަކީ ސިޔާސީ ފިކުރެއް. ވަކި އައިޑިއޮލޮޖީއެއް. ތަނެއްގައި އޮންނަ ފޮތުން އަކުރެއް ކަނޑާލުމަކުން އެހެން އުވެދާ އެއްޗެއް ނޫން ސިޔާސީ ޕާޓީއަކީ،" އަސްލަމް ވިދާޅުވި އެވެ.

"ޖަޒީރާ ރައީސް"ގެ ނަމުގައި ނަޝީދު ކެމްޕެއިން ފައްޓަވާފައިވާ އިރު އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވަމުންނެވެ. ޕްރައިމަރީގައި ވެސް އެކަން ހުށަހުއްވާފައި ވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.