29 މެއި 2018 - 12:22

ޕިއޮންޔަން (މެއި 29) - ނޯތު ކޮރެއާގެ އިސް ޖެނެރަލަކު މާދަމާ އެމެރިކާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.
ޖެނެރަލް ކިމް ޔޮން ޗޮލް އިއްޔެ ވަނީ ބެއިޖިން އަށް ވަޑައިގެންފަ އެވެ. އޭނާ އެމެރިކާ އަށް ވަޑައިގަންނަވާނީ ޗައިނާގެ އޮފިޝަލުންނާ މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭ އެމެރިކާ އަށް ވަޑައިގަންނަވާ ނޯތު ކޮރެއާގެ އިސް އޮފިޝަލުގެ ދަތުރު އިންތިޒާމްކޮށްފައި މި ވަނީ އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަމިޓް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ. އެމެރިކާގެ އިސް އޮފިޝަލުންތަކެއް ވެސް މި ހަފުތާގައި ވަނީ ނޯތު ކޮރެއާ އަށް ދަތުރުކޮށް އެ ގައުމުގެ އޮފިޝަލުންނާ އެކު ދެ ކޮރެއާ ގުޅޭ ބޯޑަރުގައިވާ ޕަންމުންޖޮމްގައި ބައްދަލުކޮށްފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ވައިޓް ހައުސްގެ އެހެން ޓީމެއް ސިންގަޕޫރަށް ދަތުރު ކުރާނެ ކަމަށެވެ.
ޖެނެރަލް ކިމްގެ ރަސްމީ މަގާމަކީ ނޯތު ކޮރެއާގެ ވޯކާސް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ވައިސް ޗެއާމަން އެވެ. އޭނާ އަކީ އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުންގެ ވަރަށް އަރިސް ބޭފުޅެކެވެ. ނޯތު ކޮރެއާ އިން ދާދި ފަހުން ފެށި ޑިޕްލޮމެޓިކް މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ތަން ފެންނަނީ ވެސް ޖެނެރަލް ކިމް އެވެ.
ވިންޓަ އޮލިމްޕިކްސް ނިންމުމުގެ ރަސްމިއްޔާތަށް ފެބްރުއަރީ މަހު ސައުތު ކޮރެއާ އަށް ދިޔަ ނޯތު ކޮރެއާގެ ވަފުދުގެ އިސް ބޭފުޅަކަށް ހުންނެވި ޖެނެރަލް ކިމް ވަނީ ރައީސް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ އެކު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. ކިމް ޖޮން-އުން ދާދި ފަހުން ޗައިނާ އަށް ކުރެއްވި ދެ ދަތުރުގައި ވެސް ޖެނެރަލް ކިމް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ނޯތު ކޮރެއާ އަށް ކުރެއްވި ދަތުރުގައި ވަނީ ޖެނެރަލް ކިމްއާ ބައްދަލު ކުރައްވައިފަ އެވެ.
އެންމެ ފަހުން އެމެރިކާ އަށް ދަތުރުކުރި ނޯތު ކޮރެއާގެ އިސް އޮފިޝަލަކީ ވައިސް މާޝަލް ޖޯ މިއޮން ރޮކް އެވެ. އޭނާ ވަނީ 2000 ވަނަ އަހަރު އެމެރިކާ އަށް ވަޑައިގެން ރައީސް ބިލް ކްލިންޓަނާ ބައްދަލު ކުރައްވައިފަ އެވެ.