29 މެއި 2018 - 11:21

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފޯނު ފުލުހުންނަށް ދޭން އިންކާރު ކުރެއްވި ކަމަށް ބުނާ މައްސަލައިގައި އެ ބޭފުޅުންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިރޭ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ މިދިޔަ ފެބްރުއަރީ މަހު އެ ބޭފުޅުން ހައްޔަރުކޮށް، ފޯނު ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި އެ ބޭފުޅުންގެ މައްޗަށް ކުރަނީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ހަމަޖައްސާފައިވަނީ މިރޭ 9:30ގަ އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އެ ބޭފުޅުންގެ މައްޗަށް އަންނާނެ އެވެ.
އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން އެ ތިން ބޭފުޅުންގެ މައްޗަށް ކުރެ އެވެ. އެކަމަކު މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް މިހާރު ވެސް ވަނީ ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ފޯރުވިކަން ސާބިތުވެ، އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އަދި ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ޑައުންކުރަން އެންގި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަަނީ އިތުރު ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް އައިސްފަ އެވެ.