30 މެއި 2018 - 00:14

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިޔަ އަހަރުގެ އާމްދަނީ 26 ޕަސެންޓް ދަށްވެ، 40،941 ޑޮލަރު (631،310ރ)ގެ ގެއްލުމަކާ ކުރިމަތިވުމުން އެ ކުންފުނީގެ ހިއްސާދާރުން މި އަހަރު ވެސް ހުސް އަތާ ގެއަށް ދާންޖެހިއްޖެ އެވެ.
ޓޫރިޒަމްގެ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން އުފެއްދި އެމްޓީޑީސީގެ ހިއްސާދާރުންނަށް 2009 ވަނަ އަހަރުގެ ފަހުން ހިއްސާގެ ފައިދާ ބަހާފައެއް ނުވެ އެވެ.
މާާލީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 4.4 މިލިއަން ޑޮލަރު (67.8 މިލިއަން ރުފިޔާ) އެވެ. އަހަރުން އަހަރަށް އާމްދަނީ ދަށް ވަމުން އަންނަ ކުންފުންޏަށް 2016 ވަަނަ އަހަރު، އާމްދަނީގެ ގޮތުގައި ލިބުނީ ހަ މިލިއަން ޑޮލަރު (92.5 މިލިއަން ރުފިޔާ) އެވެ.
ޗަންޕާ ސެންޓްރަލް ހޮޓަލުގައި މިރޭ ބޭއްވި އަހަރީ ޖަލްސާގައި ބައިވެރިވީ 39 ހިއްސާދާރުންނެވެ. އަދި ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ގޮތަށް ހިއްސާގެ ފައިދާ ނުބަހާ ގޮތަށް ފާސްކުރީ ޖަލްސާ އަށް ހާޒިރުވި ހިއްސާދާރުންގެ 93 ޕަސެންޓް ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް ވޯޓުދިނީ 7 ޕަސެންޓް މީހުންނެވެ.
ހިއްސާދާރުންނަށް ފައިދާ ނުބަހަން ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅީ، ކުންފުނީގެ ހާލަތާއި، ކުރިމަގަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ޗެއާމަން އަލީ ނިޝާން ވިދާޅުވި އެވެ.
އެމްޓީޑީސީގެ ފައިދާ މިދިޔަ އަހަރު ދަށްވި މައިގަނޑު ސަބަބަކީ ކުއްޔަށް ނަގާފައިވާ ރަށްތައް ސަބްލީސް ކުރުން ފިޔަވައި އިތުރު ވިޔަފާރިއެއް ނުކުރުމެވެ. އަދި ދ. އެނބޫދޫ އަދި އޮޅުވެލި (ނިޔާމަ ރިސޯޓު) ހެޑްލީސް ރައިޓްސް ވިއްކާލާފައިވުމުން ވެސް މިދިޔަ އަހަރުގެ އާމްދަނީ ދަށަށް ދިޔަ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި އެންމެ ބޮޑު ފައިދާއެއް ލިބޭ އިންޑަސްޓްރީގައި ވިޔަފާރި ކުރަން ސަރުކާރުން އުފެއްދި ކުންފުނީގެ ދަރަަނި މިދިޔަ އަހަރު ނިމުނު އިރު ވަނީ 26.1 މިލިއަން ޑޮލަރު (402.4 މިލިއަން ރުފިޔާ) އަށް އަރައިފަ އެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ވިދާޅުވެފައި ވަނީ، ކުރިން ބާތިލް ކޮށްފައިވާ ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހިފައިވާ ދަރަނި ކުންފުނީގެ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ދުވަހުން ދުވަހަކަށް ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ދަރަނި އިތުރުވަމުން ގޮސްފައިވާތީ، ކުންފުނީގެ ވިޔަފާރި ފުޅާކޮށް، ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަނެވޭނެ ގޮތްތަކެއް ކޮންމެހެން ވެސް ހޯދަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެން އަހަރުތަކުގެ ޖަލްސާތަކާއި އެއްގޮތަށް، މިރޭގެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ވެސް ވަނީ ކުންފުނި ހިންގަމުން އަންނަ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.