"ސަންޖޫ"ގެ ޓްރެއިލާ ބަލާފައި ރިޝީ ކަޕޫރްގެ ތައުރީފު ދަރިފުޅު ރަންބީރަށް
"ސަންޖޫ"ގެ ޓްރެއިލާ ބަލާފައި ރިޝީ ކަޕޫރްގެ ތައުރީފު ދަރިފުޅު ރަންބީރަށް

އަންނަ މަހުގެ 29 ގައި ރިލީޒް ކުރާ ސަންޖޭ ދަތުގެ ބައޮޕިކް "ސަންޖޫ" ގެ ޓްރެއިލާ ބަލާފައި، އެ ފިލްމުގައި ސަންޖޭގެ ރޯލް ކުޅެފައިވާ ރަންބީރު ކަޕޫރަށް އޭނާގެ ބައްޕަ ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

މިއަދު ރިލީޒްކުރާ ފިލްމްގެ ޓްރެއިލާ އެންމެ ފުރަތަމަ ދައްކައިލި މީހުންގެ ތެރޭގައި ރިޝީ ހިމެނެ އެވެ. އޭނާ ވަނީ އެކަމަށްޓަކައި ޑައިރެކްޓަރު ރާޖްކުމާރް ހިރާނީ އާއި ޕްރޮޑިއުސަރު ވިންދޫ ވިނޯދް ޗޯޕްޅާ އަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

"ސަންޖޫ" ގެ ޓްރެއިލާ ބަލާފައި ރިޝީ ބުނި ގޮތުގައި އޭގައި ފެންނަނީ އޭނާގެ ދަރިފުޅު ރަންބީރުކަން ގަބޫލު ކުރަން ވެސް ދަތިވި އެވެ.

"އެހާ ވެސް ސަންޖޭއާ ވައްތަރުކޮށް ރަންބީރު ދައްކުވައި ދީފައި ހުރީ. ބައެއް ސީންތަކުން ހަމަ ހީވޭ ހަމަ ސީދާ ސަންޖޭހެން އެއީ. ރަންބީރު ލައްވައި ހިރާނީ ކުރުވާފައި ހުރި މަސައްކަތަށް އައްސަރި ބަހާއި ސާބަސް ހައްގު،" ރިޝީ ބުންޏެވެ. "އަދި ރަންބީރު މި ފިލްމް ތައްޔާރު ވާން ކުރި މަސައްކަތް ގާތުން ފެނުނު މީހެއްގެ ހައިސިއްޔަތުން ވެސް އަހަރެން ބުނާނީ މިއީ އޭނާގެ އެކްޓިން މުޅިން އާ ހަރުފަތަކަށް ގެންގޮސް ދޭނެ ފިލްމަކަށް ވާނޭ. ފިލްމް ބަލައިލީމަ ބެލުންތެރިންނަށް ވެސް އެކަން ގަބޫލުކުރެވޭނެ."

ރިޝީ ބުނި ގޮތުގައި އޭނާ މިހާރު ހުރީ އަންހެނުން އަދި ރަންބީރުގެ މަންމަ ނީޓޫ ސިންގްއާ އެކު ފިލްމް ބަލައިލާ ހިތުން ކެތްމަދުވެފަ އެވެ.

"އަހަރެން ނީޓޫ އަށް ވެސް ދޭން އޮތް ޔަގީން ކަމަކީ އަހަރެމެންގެ ދަރިފުޅުގެ އަސްލު ހުނަރު މި ފިލްމުން އިންތިހާ އަށް ފެނިގެން ދާނެކަން. އަހަރެން ފަހުރުވެރިވަން ރަންބީރާ ދޭތެރޭ،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރިޝީ ބުންޏެވެ. "އަދި ޓްރެއިލާ ބަލައިލަން ލިބުނީމަ އަހަރެން މިހުރީ ރަންބީރުގެ މަސައްކަތް ފެނިފައި ވަރަށް ޖަޒުބާތީވެފައި."

ރިޝީއަކީ ރަންބީރު ކުޅެން ހޮވާ ފިލްމްތަކަށް އަބަދުވެސް ވަރަށް ތައުރީފު ކުރާ ބައްޕައެކެވެ. އެގޮތުން "ބަރްފީ" ކަހަލަ ފިލްމްތައް ރަންބީރު ކުޅެފައިވާތީ އެކަމާ ފަހުރުވެރިވާ ކަމަށް ބުންޏެވެ. އެކަމަކު އެކްޓަރެއްގެ ހަޔާތުގައި އަބަދު ވެސް ކާމިޔާބީ އާއި ނާކާމިޔާބީއާ އޮންނާނެ ކަމަށް ބުންޏެވެ.

"ސަންޖޫ" އިން ރަންބީރު ބެލުންތެރިންނާ ބައްދަލު ކުރާ އިރު، މި ފަހުން އޭނާ ކުޅުނު ގިނަ ފިލްމްތައް ވީ ފްލޮޕެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ރިލީޒް ކުރި ރަންބީރްގެ އެންމެ ފަހުގެ ފިލްމް "ޖައްގާ ޖާސޫސް" ވެސް ހިމެނެ އެވެ.

"ބޮމްބޭ ވެލްވެޓް" އާއި "ރޯއި" އަދި "ތަމާޝާ" ފަދަ ފިލްމްތައް ފުލުފުލުގައި 2015 ގައި ފްލޮޕްވަމުން ދަނިކޮށް، ރަންބީރު އަލުން ކޮޅަށް ޖަހައި ދިން ފިލްމަކީ 2016 ގައި ރިލީޒް ކުރި "އޭ ދިލް ހޭ މުޝްކިލް" އެވެ.

އެކަމަކު އޭގެ ފަހުން "ޖައްގާ ޖާސޫސް" ވެސް ފްލޮޕްވެފައިވާތީ، "ސަންޖޫ" ހިޓަކަށްވުން ރަންބީރަށް ވަރަށް މުހިއްމު ވާނެ އެވެ. ފިލްމީ ހަބަރުތައް ދިރާސާ ކުރާ ފަރާތްތަކުން މިހާރު ވެސް ލަފާ ކުރާ ގޮތުގައި "ސަންޖޫ" ވެގެން ދާނީ ރަންބީރުގެ އެންމެ ކާމިޔާބު އެއް ފިލްމަށެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ބްރައްމަސްތުރާ"، "ޝަމްޝޭރާ" އަދި ލަވް ރަންޖަންގެ އަދި ވަކި ނަމެއް އިއުލާންކޮށްފައި ނުވާ ފިލްމެއް ހިމެނެ އެވެ.