15 އޯގަސްޓް 2016 - 09:56

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.
މުންދު ޖަޕާނުގެ ސަފީރު ކަމަށް އައްޔަން ކުރަނީ އެ މަގާމުގައި މިހާރު ހުންނެވި އަހުމަދު ހަލީލްގެ ސަފީރުކަމުގެ މުއްދަތު ހަމަވުމުންނެވެ.
ޖަޕާންގެ ސަފީރަކަށް މުންދު އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބުމަށް ފަހުގަ އެވެ.
ރައީސް އޮފީހުގެ މިނިސްޓަރުކަމުން މުންދު އިސްތިއުފާ ދެއްވީ މިދިޔަ އޮކްޓޯބަރު 25، 2015 ގަ އެވެ. އޭނާގެ މިނިސްޓަރުކަމުގައި ވަނީ ހާރިޖީ ގުޅުންތައް ބަދަހިކުރުމަށާއި ބޭރުގެ އެހީ ހޯދުމާއި އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ކުރައްވައިފަ އެވެ.
މުންދު ވަނީ ޑިޕްލޮމަސީގެ ދާއިރާ އިން މާސްޓާސް ނަންގަވައިފަ އެވެ.