29 މެއި 2018 - 10:38

ޕެރިސް (މޭ 29) – ވޯލްޑް ކަޕަށް ތައްޔާރުވާން ފްރާންސް ރޭ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އަޔަލެންޑް އަތުން 2-0 އިން މޮޅުވިއިރު ޓިއުނީޝިއާ އާއި ޕޯޗުގަލް 2-2 އިން އެއްވަރުވެއްޖެ އެވެ.
ޕެރިހުގައި ފްރާންސް ކުޅުނު މެޗުގައި އެ ޓީމަށް ފުރަތަމަ ގޯލް ޖަހައިދިނީ 40 ވަނަ މިނެޓުގައި އޮލިވާ ޖިރޫ އެވެ. ދެ ވަނަ ގޯލް އޭގެ ތިން މިނެޓު ފަހުން ކާމިޔާބުކުރީ ނަބީލް ފެކީރެވެ. ލަނޑު ޖަހަން މަގުފަހިކޮށްދިނީ ކީލިއަން އެމްބާޕޭ އެވެ.
ވޯލްޑް ކަޕުގެ ކުރިން ފްރާންސުން އިޓަލީއާ ދެކޮޅަށް އަދި އެމެރިކާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅޭނެ އެވެ.
ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް ރޭ ކުޅުނު މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ލީޑު ނަގާފައިވަނިކޮށް ޓިއުނީޝިއާ އިން ފަހަރުން އަރައި އެއްވަރުކުރީ އެވެ. ޕޯޗުގަލަށް ފުރަތަމަ ގޯލް 22 ވަނަ މިނެޓުގައި ޖަހައިދިނީ އަންދްރޭ ސިލްވާ އެވެ. ދެ ވަނަ ގޯލް ޖެހީ 34 ވަނަ މިނެޓުގައި ޔޮއާއޯ މާރިއޯ އެވެ. ޓިއުނީޝިއާގެ ފުރަތަމަ ގޯލް 39 ވަނަ މިނެޓުގައި އެނީސް ބަދްރީ ކާމިޔާބުކުރިއިރު އެއްވަރުކޮށްދިނީ 64 ވަނަ މިނެޓުގައި ބެން ޔޫސުފެވެ.
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސްކޮޑާ އަދި ނުގުޅެ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު ކްލަބް އޭނާ ވީއްލާފައިވަނީ އަންގާރަ ދުވަހުގެރެ އެވެ.