29 މެއި 2018 - 10:43

ލިވަޕޫލް (މެއި 29) - މޮނާކޯ އަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ އިންގްލެންޑުގެ ލިވަޕޫލަށް ސޮއިކޮށްފި އެވެ.
ލިވަޕޫލުން ފަބީނިއޯގެ ގެނައީ އެ ޓީމަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު އެމްރޭ ޗާން މި ހަފްތާ ތެރޭގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ގުޅޭނެ ކަމަށް މީޑިއާގައި އަޑުފެތުރިފައިވަނިކޮށެވެ.
އުމުރުން 24 އަހަރުގެ ފަބީނިއޯ ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ލިވަޕޫލާ ގުޅުނީ 43.7 މިލިއަން ޕައުންޑަށެވެ. އެއްބަސްވުމުގެ ތެރެއިން ފަބީނިއޯގެ ކުޅުމަށް ބަލާފައި އިތުރު ފަސް މިލިއަން ޕައުންޑް ދޭން ލިވަޕޫލުން ވަނީ އެއްބަސްވެފަ އެވެ.
ލިވަޕޫލާ ގުޅުމަށް ފަހު ފަބީނިއޯ ބުނީ މިއީ ކެރިއަރުގައި އާ ޗެލެންޖެއް ބޭނުންވި ވަގުތެއް ކަމަށާއި ލިވަޕޫލަކީ އެކަން ފުރިހަމަ ކުރަން އެންމެ ރަނގަޅު ޓީމު ކަމަށެވެ. އަދި ލިވަޕޫލާ އެކު ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށް ފަބީނިއޯ ވަނީ ބުނެފަ އެވެ.
ބްރެޒިލްގެ ފްލުމިނެންސޭ އިން ޔޫތު ކެރިއަރު ފެށި ފަބީނިއޯ ދެން ބަދަލުވީ ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ރިއޯ އޭވް އަށެވެ. ފަބީނިއޯ ދެން ފެނުނީ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑް ޔޫތު ޓީމުންނެވެ. ރެއާލް ޔޫތު ޓީމުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ސީނިއާ ޓީމަށް ނެގި އެވެ. އެކަމަކު މެޗެއް ކުޅެލަން ލިބުނީ އެންމެ ފުރުސަތެކެވެ. އެއީ 2013 ވަނަ އަހަރު މަލާގާއާ ދެކޮޅަށް ކުޅުނު މެޗެއްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އޭނާ މޮނާކޯ އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ.
މޮނާކޯއާ އެކު ފަބީނިއޯ ވަނީ ފްރެންޗް ލީގު ކާމިޔާބު ކޮށްފަ އެވެ. މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ފަބީނިއޯގެ ސޮއި ހޯދަން ވަރަށް މަސައްކަތް ކޮށްފަ އެވެ.
ފަބީނިއޯ ލިވަޕޫލާ ގުޅޭނީ ޖުލައި 1 ވަނަ ދުވަހު އެވެ. އޭނާގެ އިތުރުން އެ ދުވަހު ލިވަޕޫލާ ގުޅޭނެ އަނެއް ކުޅުންތެރިޔަކީ އާރްބީ ލިޕްޒިގުން ގެނައި ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ އެވެ.
ލިވަޕޫލުން ދެން ފާރަލަމުން އަންނަ ކުޅުންތެރިންނަކީ ލިޔޯންގެ ކެޕްޓަން ނަބީލް ފެކީރް، ބޮޮރޫޝިއާ ޑޯޓްމަންޑުގެ ކްރިސްޓިއަން ޕުލިސިޗް އަދި ރޯމާގެ ގޯލްކީޕަރު އެލިސަން ބެކާ އެވެ.