28 މެއި 2018 - 22:27

ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ބައެއް ފަހަރު ހީނަރުކަމެއް އައި ނަމަވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ނުކެނޑޭނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސުވަރާޖް މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝުޝްމާ ވިދާޅުވީ އިންޑިއާގެ ދައުރަކީ ރާއްޖެ އަށް ލަފާ ދީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
"ރާއްޖެއަކީ އަޅުގަނޑުމެންގެ އަވައްޓެރި ގައުމެއް. "ފުރަތަމަ އިންޑިއާ" އެއީ އެ ގައުމުގެ ހާރިޖީ ސިޔާސަތުގެ ބައެއް. އިންޑިއާގައި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެ ގުޅުމަށް އަޑިގުޑަން އަންނާނެ،" ޝުޝްމާ ވިދާޅުވި އެވެ.
"މީގެ ކުރިންވެސް ދެ ގައުމުގެ ގުޅުމަށް އަޑިގުޑަން އައި، މިހާރުވެސް އެކަން އެބަދިމާވޭ. އެކަމަކު ރާއްޖެއާ އޮންނަ ގުޅުމެއް ނުއެއް ކެނޑޭނެ، ކަނޑައެއް ނުވެސް ލެވޭނެ،"
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެގައުމުގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ސުނިލް ލަންބާ ވިދާޅުވީ ރާއްޖޭގެ މިހާރުގެ ސަރުކާރުން ޗައިނާއާ ގާތް ގުޅުމެއް ބާއްވާތީ ރާއްޖެއަކީ މި ވަގުތަށް އިންޑިއާ އަށް ގޮންޖެހުމެއް ކަމަށެވެ.
ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޗައިނާގެ ނުފޫޒު ރާއްޖެ އަށް ބޮޑުވެފައިވުމަކީ އިންޑިއާ އަށް ކަންބޮޑުވުމެކެވެ.