28 މެއި 2018 - 15:35

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމުގައި، އެ މަނިކުފާނުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ބާއްވާ ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.
މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގެ ވަކި ހިސާބަކުން އަޑުއެހުން ސިއްރު ކުރީ އެ މަނިކުފާނުގެ ސިއްހީ ހާލަތާ ބެހޭ ގޮތުން އާންމުންނާއި މީޑިއާ އަށް ހިއްސާކުރަން ބޭނުންނުވާ ބައެއް މައުލޫމާތުތަކެއް އެބަހުރި ކަމަށް ބުނެ، އަޑުއެހުން ސިއްރުކުރަން އެ މަނިކުފާނުގެ ވަކީލުން އެދުމުންނެވެ. އަޑުއެހުން ސިއްރު ކުރުމަށް ފަހު އެ އަޑުއެހުން ފަށަން ހަމަޖައްސާފައިވަނީ 3:45 ގަ އެވެ.
އަޑުއެހުން ސިއްރު ކުރުމުގެ ކުރިން މައުމޫންގެ ވަކީލުން ވަނީ މައުމޫންގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން ޑޮކްޓަރުން ދީފައިވާ އާ ލަފާތަކެއް ގާޒީގެ ސަމާލު ކަމަށް ގެންނަވައިފަ އެވެ. އޭގެ ތެރޭގައި އާއިލާގެ ބޭފުޅަކު އަބަދުވެސް މައުމޫންގެ އަރިހުގައި ބެހެއްޓުމާއި ވަކި ބާވަތުގެ ތަކެތި މައުމޫނަށް ފަރިއްކުޅުއްވަން ދެއްވުން ހިމެނެ އެވެ.
މައުމޫން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވަނީ އެ މަނިކުފާނުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ. އެ މަނިކުފާނު ބަންދުގައި ހުންނެވުމުން ސިއްހީ ގޮތުން ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ، ބަންދަށް ލުޔެއް ދޭން އެ މަނިކުފާނުގެ އާއިލާ އާއި ވަކީލުން ގެންދަވަނީ އެދިވަޑައިގަންނަވަމުންނެވެ.