26 ޖުލައި 2016 - 07:12

ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން ގާތްގަނޑަކަށް 30 ޕަސެންޓް ހިއްސާކުރަނީ ޗައިނާއިންނެވެ. ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމަކީ އެއީ އެވެ. އެކަމަކު ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު ވަނީ ކަންބޮޑުވާ މިންވަރަށް މަދުވަމުންނެވެ.

ޗައިނާ އާއި ޖަޕާން އަދި ސައުތު ކޮރެއާ ހިމެނޭ އުތުރު އިރުމަތީ އޭޝިއާ އިން މި އަހަރުގެ މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ 159،949 ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.7 ޕަސެންޓް ދަށް އަދަދެއް ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މެއި މަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެ އައިސްފައި ވަނީ 129،111 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 11.7 ޕަސެންޓް ދަށް އަދަދެކެވެ.
ޓޫރިސްޓް އަންނަ ގައުމުތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހު އެ ގައުމުން އެ އައި އަދަދު ވެސް ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 19 ޕަސެންޓް ދަށް އަދަދެކެވެ.
ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވި ނަމަވެސް، ރާއްޖޭގެ ޓޫރިޒަމްގެ 60 ވަރަކަށް ޕަސެންޓް އަދިވެސް ހިފަހައްޓަނީ ޔޫރަޕްގެ އެކި ސަރަހައްދުތަކުން އަންނަ ޓޫރިސްޓުންނެވެ. ޔޫރަޕްގެ ބައެއް ސަރަހައްދުތަކުން އަންނަ އަދަދު މަދުވި ނަމަވެސް ޔޫރަޕްގެ އެންމެ ބޮޑު މާކެޓްތައް ކަމަށްވާ އިނގިރޭސިވިލާތާއި ޖަރުމަން އަދި އިޓަލީ ފަދަ ގައުމުތަކުން ދާދި އެއް މިންވަރަކަށް އަދިވެސް ޓޫރިސްޓުން ރާއްޖެއަށް އަންނަމުންދެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ޗައިނާއަށް ބަރޯސާވެފައިވާތީ ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ފަރާތްތަކުން ބުނެފައި ވަނީ ޗައިނާގެ މާކެޓަކީ ދާއިމީ ގޮތެއްގައި ކުރިއަރާނެ ނޫން ކަމަށެވެ. ނަމަވެސް އެކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން މާބޮޑު ފަރުވާލެއް ނުބަހައްޓަ އެވެ. ޓޫރިޒަމް މިނިސްޓްރީން އެކި ފަހަރުމަތިން ބުނެފައި ވަނީ ޗައިނާ މާކެޓް ކުރިއަރާނެ ކަމަށާއި އެ މާކެޓް ދަމަހައްޓައިފި ނަމަ އޭގެ ފައިދާކުރާނެ ކަމަށެވެ. ނަމަވެސް މަންޒަރު މިހާރު ވަނީ ބަދަލުވާން ފަށައިފަ އެވެ.
ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ޗައިނާ މާކެޓަކީ ދުނިޔޭގެ އެހެން މާކެޓްތަކަށް ވުރެ ވަރަށް ތަފާތު މާކެޓެކެވެ.
"އަޅުގަނޑުމެން ކުރިން ވެސް ބުނެފައިވާނެ ޗައިނާ މާކެޓަކީ ދެމެހެއްޓެނިވި މާކެޓެއް ނޫން ކަމަށް. އެ މީހުންނަށް ބަރޯސާވެއްޖެ ނަމަ އޭގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއްވާނެ ކަމަށް. މިހާރު މިދަނީ އެކަން ފެންނަމުން،" ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޗައިނާ މާކެޓް ދަށްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޗައިނާގެ އިގްތިސާދު އަޑި އަޅާލުމެވެ. އޭގެ އިތުރުން އެ ގައުމުގައި އެކަށީގެންވާ ގޮތަކަށް މިހާތަނަށް ރާއްޖެ ޕްރޮމޯޓްވެފައި ނެތުމަކީ އޭގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ތަޖުރިބާކާރު ވިދާޅުވި އެވެ.
"ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރު ފާހަގަކުރަމުން އަންނައިރު އަޅުގަނޑުމެންނަށް ނުފެނޭ އެ ގައުމުގައި މާބޮޑު ހަރަކާތެއް ހިންގަމުންދާ ތަނެއް. މި އަހަރުގެ ކުރީކޮޅު ރޯޑް ޝޯއެއްގައި ރާއްޖެ ބައިވެރިވި. ވަރަށް ފަހުން އެ ގައުމުގައިި ރާއްޖެ ޕްރޮމޯޓްކުރުމަށް އެޖެންޓަކު ވެސް ކަނޑައެޅީ. ޗައިނާގައި ރާއްޖެ ޕްރޮމޯޓް ކޮށްފި ނަމަ މިހާރަށް ވުރެ ރަނގަޅުވެދާނެ،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުމުގެ އެންމެ ބޮޑު އަސްލަނީ ޔޫރަޕްގެ ގައުމުތަކުގައި ރާއްޖެ މަންޒިލެއްގެ ގޮތުގައި ބަލައިގަނެފައިވާތީ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ރަޝިއާ ހިމެނޭ މެދު ޔޫރަޕުން މިއަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެއަށް 46،361 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.3 ޕަސެންޓްގެ ކުރިއެރުމެކެވެ. އޭގެ އިތުރުން އިނގިރޭސިވިލާތް ހިމެނޭ އުތުރު ޔޫރަޕުން މެއި މަހުގެ ނިޔަލަށް 59،275 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ 13 ޕަސެންޓްގެ ކުރިއެރުމެކެވެ. ހަމަ އެގޮތަށް އިޓަލީ ހިމެނޭ ދެކުނު ޔޫރަޕުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 46،878 އަރައިފަ އެވެ. މިއީ އަށް ޕަސެންޓްގެ އިތުރުވުމެކެވެ. ޖަރުމަނާއި ފްރާންސް އަދި ސުވިޒަލެންޑް ހިމެނޭ ހުޅަނގު ޔޫރަޕުން މެއި މަހުގެ ނިޔަލަށް 104،988 ޓޫރިސްޓުން އައިސްފައިވެ އެވެ. މި ސަރަހައްދަށް މާބޮޑު ކުރިއެރުމެއް ނުލިބުނު ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ އެއްވަރެއްގައި ހިފަހައްޓައިފަ އެވެ.
ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަދިވެސް ރާއްޖޭގެ ޓޫރިޒަމަށް އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޔޫރަޕުންނެވެ. އެހެންވެ ޔޫރަޕްގައި އަދިވެސް ރާއްޖެ ޕްރޮމޯޓްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އިންޑަސްޓްރީގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.
އެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ޔޫރަޕްގެ މާކެޓް ފުޅާކުރުމަށް މާބޮޑު މަސައްކަތެއް ކުރެވިފައި ނެތް ނަމަވެސް ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް ޔޫރަޕުން އަންނަ މީހުންގެ އަދަދު އިތުރުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކުގެ މީހުން ދެކޭ ހުވަފެނެއް ހަޔާތުގައި އެއް ފަހަރު ނަމަވެސް ރާއްޖޭގެ ގޮނޑުދޮށުގައި ފައި ބީއްސާލުމަކީ. އެކަން އަޅުގަނޑުމެންނަށް އެނގޭ އެ މީހުން ފޮނުވާފައި ހުންނަ ކޮމެންޓްތަކުން. އެއް ފަހަރު ވެސް އާދެވިއްޖެ ނަމަ ދެ ފަހަރު އަންނަން ބޭނުންވެފައި ގިނަ މީހުން ތިބެނީ،" ޓޫރިޒަމް ދާއިރާގެ އިސްބޭފުޅަކު ވިދާޅުވި އެވެ.
ޗައިނާއާ ހިލާފަށް ޔޫރަޕުން އަންނަ ރިޕީޓަރުންގެ އަދަދު އިތުރުވަމުން އަންނަކަން ޓޫރިޒަމް އިންޑަސްޓްރީން ފާހަގަކުރެ އެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުން ރާއްޖެއަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު އަންނަ ކަމަށް ބައެއް ރިސޯޓްތަކުން ވެސް ފާހަގަކުރެ އެވެ.
"ޒުވާން ޓޫރިސްޓުން ވެސް މިހާރު ރިޕީޓްވާ މިންވަރު އެބަ އިތުރުވޭ ވަރަށް ބޮޑަށް. އެކަމަކު އަޅުގަނޑުމެންނަށް ޗައިނާ ރިޕީޓަރުން ވަރަށް ނުފެނޭ. ވެދާނެ އެ މީހުންގެ މާކެޓް މާބޮޑުވީމަ އަދި ފާހަގަނުކުރެވެނީ ކަމަށް ވެސް،" މާލެ ކައިރީގައި އޮންނަ ރިސޯޓަކުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ޗައިނާ ޓޫރިސްޓުންގެ އަދަދު އިތުރުވުމުން އިންޑަސްޓްރީގެ ގިނަ ވިޔަފާރިވެރިން އެކަމާ ވަރަށް އުފާކުރި ކަމަށެވެ. އެކަމަކު މިހާރު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފެންނަން ފެށި ތަފާސްހިސާބުތަކުން ވަރަށް ބޮޑަށް މާޔޫސްވަމުން އަންނަ ކަމަށް އެ ބޭފުޅާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރިސޯޓްގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައެއް މިދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ވިއްކާފައި ވަނީ ޗައިނާ މާކެޓަށް. އެއަށް ބަރޯސާވެގެން ތިއްބާ މިހާރު މިފެންނަނީ މުޅިން އެހެން މަންޒަރެއް. އެހެންވެ މިހާރު އަނެއްކާ ވެސް މި މަސައްކަތްކުރަނީ ޔޫރަޕްގެ މާކެޓް އަލުން އިތުރުކުރެވޭތޯ. އަޅުގަނޑުމެން މި އަހަރު ވާނީ ޖަރުމަނާއި އިޓަލީ އަދި އިނގިރޭސިވިލާތުގައި ބޭއްވި އެކިއެކި ފެއާތަކުގައި ބައިވެރި ޕްރޮމޯޓްކުރަން ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު ފަހަކަށް އައިސް މަދުވަމުން އަންނަ ކަމަށެވެ. އެހެންވެ އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ޗައިނާގައި މިއަހަރު ރޯޑްޝޯވްތަކެއް ވެސް ބާއްވައިފި. އަދި އެ ގައުމުގައި ޓޫރިޒަމް ޕްރޮމޯޓްކުރަން އެޖެންޓަކު ވެސް ވަނީ ކަނޑައަޅާފައި. މީގެ ސަބަބުން ވެސް ކޮންމެ ވަރެއްގެ ކުރިއެރުންތަކެއް އަންނާނެ ކަމަށް ލަފާކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ފްރާންސް ކަހަލަ މަދު ގައުމަކުން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވި ނަމަވެސް ޖުމްލަކޮށް ޔޫރަޕުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ޔޫރަޕްގެ މާކެޓަށް ހާއްސަ އިސްކަމެއް ދެން. މިއަހަރު ޖަރުމަނުގެ ބާލިން ފެއާގައި ވެސް ވަނީ ވަރަށް ރަނގަޅަށް ރާއްޖެ ޕްރޮމޯޓްކުރެވިފައި. އަދި ވެސް އިތުރު ގައުމުތަކުގައި މިދަނީ މަސައްކަތްކުރަމުން. އަޅުގަނޑު އުއްމީދުކުރަނީ މިދިޔަ އަހަރަށް ވުރެ މިއަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލު އޮތީ ޗައިނާއާ ގުޅިފައި ނޫން ކަން ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދަނީ ފެންނަމުންނެވެ. އެހެންކަމުން އަދިވެސް ރާއްޖޭގެ ޓޫރިޒަމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބެން އޮތީ ޔޫރަޕްގައި ވިހާ ވެސް ބޮޑަށް ރާއްޖެ ވިއްކައިގެންނެވެ.