ހެނދުނުގެ ނާސްތާއަށް ޖޫސް ބޯ ކުދިން މާބޮޑަށް ފަލަވެދާނެ
ހެނދުނުގެ ނާސްތާއަށް ޖޫސް ބޯ ކުދިން މާބޮޑަށް ފަލަވެދާނެ

ހެނދުނުގެ ނާސްތާއަކަށް ދަރިފުޅަށް މޭވާ ޖޫސް ދިނުން އާދަކޮށްފި ނަމަ، މާބޮޑަށް ފަލަވުމުގެ ބިރު އެބަ އޮތް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މޭވާ ޖޫސް އާދަކޮށް ހެނދުނުގެ ނާސްތާއަކަށް ދަރިންނަށް ދޭ ނަމަ، ކުދިން އާދަޔާހިލާފަށް ފަލުވުމުގެ ނުރައްކާ 50 ޕަސަންޓަށް އިތުރުވެ އެވެ.

ތާޒާ މޭވާއިން ގިރާ ޖޫހަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި އެއްޗެއް ނަމަވެސް، އާދަކޮށް މޭވާ ޖޫސް ނުދޭން ސިއްހީ ތަޖުރިބާކާރުން މިހާރު އިރުޝާދު ދެ އެވެ. އެއީ ޖޫހުގައި ހަކުރު އެކުލެވޭ މިންވަރު މަތިކަމުންނެވެ.

ދިރާސާގައި ބުނީ މޭވާ އިން ޖޫސް ގިރާފައި ދިނުމަށް ވުރެ ރަނގަޅީ މޭވާ ކޮށާ ލައިފައި ކާންދިނުން ކަމަށެވެ.

ދާދި ފަހުން އޮސްޓްރިއާގެ ވިއެނާ ޔުނިވަސިޓީން ހެދި ދިރާސާއެއްގައި ވެސް، އާންމުކޮށް ހެނދުނު ނާސްތާއަކަށް އާފަލު ނުވަތަ އޮރެންޖް ޖޫސް ބޯ ކުދިންނަކީ އާދަޔާހިލާފަށް ފަދަ ކުދިންގެ ގޮތުގައި ފާހަގަ ކުރެވިފައިވެ އެވެ.

އެހެންވެ ހަފުތާއަކު ތިން ދުވަހަށް ވުރެ ގިނައިން ހެނދުނުގެ ނާސްތާއަކަށް ޖޫސް ދިނުމަކީ ރަނގަޅު އާދައެއް ނޫން ކަމަށް ބުނެފައިވެ އެވެ.

ހަމަމިއާ އެކު ދަރިންނަށް ހެނދުނު ނާސްތާ ރަނގަޅަށް ދޭން ޖެހެ އެވެ. ނޫނީ އެއީ އަނެއްކާ ވެސް ފަލަވުމަށް މަގުފަހި ވާނެ ކަމެކެވެ. ހެނދުނުގެ ފެށުން ރަނގަޅު ނާސްތާއަކުން ނުފަށާ ނަމަ، ދިމާވާނެ މައިގަނޑު މައްސަލައަކީ ބަނޑުހައިވުން އިހުސާސް ކުރެވި ފާޑުފާޑުގެ އެއްޗެހި ކާން މަގުފަހިވުމެވެ.

އެހެންވެ ބެލެނިވެރިންނަށް ދޭން އޮތް ނަސޭހަތަކީ ދުޅަހެޔޮ ނާސްތާއެއް ދަރިންނަށް ހެނދުނު ދިނުމަށް ސަމާލުވުން ކަމަށް ވިއެނާ ޔުނިވަސިޓީން ބުންޏެވެ.