28 މެއި 2018 - 14:28

ބީނޯސް އޭރީޒް، އާޖެންޓީނާ (މެއި 28) - މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ޓީމު އޮތީ އާޖެންޓީނާގައި ނޫން ކަމަށް އެ ޓީމުގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.
އެންމެ ފަހުން އޮތް މުބާރާތުގެ ފައިނަލށް ދިޔަ އާޖެންޓީނާ އަކީ މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ފާހަގަކޮށް ދައްކަމުން އަންނަ ވާހަކަތަކާ ގުޅޭގޮތުން މެސީ ވަނީ އޭނާގެ ހިޔާލުފާޅުކޮށްފަ އެވެ.
"ވަރަށް ބޮޑު ޗެލެންޖްތަކެއް އެބަހުރި. ވަރުގަދަ ގިނަ ޓީމުތަށް އެބައޮތް. ފްރާންސާއި ސްޕެއިން އަދި ޖާމަނީ ފަދަ ޓީމުތަކުގައި އޮތީ ވަރުގަދަ ސްކޮޑެއް. އެ ޓީމުތަކާ އަޅާކިޔާއިރު އާޖެންޓީނާގައި އޮތީ އެންމެ ވަރުގަދަ ޓީމޭ ބުނެވޭކަށެއް ނެތް،" އާޖެންޓީނާގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.
އެންމެ ވަރުގަދަ ޓީމެއް ނެތް ނަމަވެސް މެސީގެ ނަޒަރުގައި އެ ޓީމުގައި ތިބީ ކާމިޔާބު ހޯދަން ކެތްމަދުވެފައި ތިބި ކުޅުންތެރިންތަކެއް ކަމަށެވެ.
"އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މި ޓީމުގައި ތިބި ކުޅުންތެރިންނަކީ ކާމިޔާބު ހޯދަން ހުވަފެންތަށް ހާސިލްކުރަން ބޮޑު މަސައްކަތެއް ވެސް ކުރަން ތިބި ކުޅުންތެރިން. އެއީ މި ޓީމުގެ އެންމެ ބޮޑު ހިތްވަރު،" ބާސެލޯނާއާ އެކު މި ސީޒަނުގައި ޔޫރަޕްގެ ރަން ބޫޓު ހާސިލްކުރި މެސީ ބުންޏެވެ.
އޭނާ ބުނީ މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުންނާނީ ކުރިން ހެދުނު ގޯސްތަކުން ފިލާވަޅު ނަގައިގެން ކަމަށެވެ.
"އަހަރެމެންނަށް ގިނަ ގޯސްތަކެއް ހެދިފައި އެބަހުރި. އެކަމު އެކަންތައް ރަނގަޅު ކޮށްގެން އަހަރެމެން މި ހިސާބަށް މި އައީ. ދެން ހުރި ކަންތައްތައް ވެސް ރަނގަޅު ކުރެވޭނެ،" މެސީ ބުންޏެވެ.
މެސީގެ މުސްތަގުބަލާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ މި ވަގުތު ފޯކަސް އަކީ ވޯލްޑް ކަޕް ކަމަށެވެ.
"އަހަރެންގެ ޓީމަކީ ބާސެލޯނާ. ޔޫރަޕްގައި އެ ނޫން ޓީމަކުން ނުފެންނާނެ. ކްލަބްގެ ވާހަކަ އަށް ވުރެ ވޯލްޑް ކަޕްގެ ކަންތައްތައް މިހާރު އަހަންނަށް މުހިއްމީ،" މެސީ ބުންޏެވެ.
އޭނާ ބުނީ އާޖެންޓީނާ މި ފަހަރު ވޯލްޑް ކަޕްގައި ވާދަކުރަން ޖެހުނު ގްރޫޕްގައި އޮތް އައިސްލެންޑާއި ނައިޖީރިއާ އަދި ކްރޮއޭޝިއާ އަކީ ތަފާތު ތިން ސްޓައިލަކަށް ކުޅޭ ތިން ޓީމު ކަމަށްވުމުން އެ މެޗުތަކަށް ނުކުންނަން ޖެހޭނީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވެގެން ކަމަށެވެ.