ސީސީގެ ކެމްޕޭނުގައި އުޅުމަށް ފަހު އިދިކޮޅުވި މީހަކު ހައްޔަރުކޮށްފި
ސީސީގެ ކެމްޕޭނުގައި އުޅުމަށް ފަހު އިދިކޮޅުވި މީހަކު ހައްޔަރުކޮށްފި

ގާހިރާ (މެއި 28) - މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީގެ ކެމްޕޭނުގައި އުޅުއްވުމަށް ފަހު، ފަހުން އިދިކޮޅުވެ ސަރުކާރަށް ފާޑުކިޔަމުން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

ހާޒިމް އަބްދުލް އާޒިމް ހައްޔަރު ކުރި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނީ އޭނާ ހައްޔަރު ކުރީ ދޮގު ޚަބަރު ފެތުރުމާއި ސަރުކާރަށް ފާޑުކިޔަމުންދާތީ ކަމަށެވެ.

ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަމުގައި ޑެޕިއުޓީ ޓެލެކޮމް މިނިސްޓަރުކަން ކުރި އަބްދުލް އާޒިމް ވަނީ ސީސީގެ 2014 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި ޔޫތު ކޮމިޓީ ހިންގަވައިފަ އެވެ. އޭނާ އަކީ ޓްވިޓާގައި ވެސް ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. އަބްދުލް އާޒިމް އާއްމުކޮށް ދަނީ ސީސީގެ ސިޔާސަތުތަކަށް ފާޑު ކިޔަމުންނެވެ.

"އަޅުގަނޑަށް ވެސް މާޒީގައި ވަނީ ގޯސްތަކެއް ހެދިފައި. އޭގެ ތެރޭން އެންމެ ބޮޑު ގޯހަކީ ސީސީގެ ކެމްޕޭނުގައި ބައިވެރިވުން،" އަބްދުލް އާޒިމްގެ ޓްވިޓާ ޕްރޮފައިލްގައި ލިޔެފައިވެ އެވެ.

މިސްރުން މި މަހު ވެސް ވަނީ ގިނަ އަދަދެއްގެ ބްލޮގަރުންނާއި ނޫސްވެރިން ހައްޔަރުކޮށްފަ އެވެ. މިދިޔަ ހަފުތާގައި މިސްރުގެ އަސްކަރީ ކޯޓަކުން ވަނީ ނޫސްވެރިޔާ އަދި ރިސާޗާ އިސްމާއިލް އަލެގްޒަންޑްރާނީގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

މިދިޔަ މާޗް މަހު ސީސީ ވަނީ 97 ޕަސެންޓުގެ ވޯޓާ އެކު ވެރިކަމުގެ އާ ދައުރެއް ކާމިޔާބު ކުރައްވައިފަ އެވެ. އިންތިޚާބުގައި ސީސީއާ ވާދަކުރީ އެނާގެ ސަޕޯޓަރެކެވެ. އިދިކޮޅަށް ނުކުތް ކެންޑިޑޭޓުންނަށް ވަނީ ބިރު ދައްކައިގެން ނަން ނަގުވައިފަ އެވެ.