އަރްޖުން ރާމްޕާލްގެ 20 އަހަރުވީ ކައިވެނި ރޫޅާލައިފި
އަރްޖުން ރާމްޕާލްގެ 20 އަހަރުވީ ކައިވެނި ރޫޅާލައިފި

ބޮލީވުޑްގެ އެކްޓަރު އަރްޖުން ރާމްޕާލާއި އަންހެނުން މެހެރް ޖެސިއާގެ 20 އަހަރުވީ ކައިވެންޏަށް ދެ ދަރިން ވެސް ލިބިފައި ވަނިކޮށް އެ ދެ މީހުން ވަކިވިކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

އެ ދެ މީހުންގެ ކައިވެނި ނިމުމަކަށް އައިކަން އިއުލާންކޮށްފައި މި ވަނީ ރިތިކް ރޯޝަނާއި އޭނާގެ އަންހެނުން ސުޒޭން ހާން 2013 ގައި ވަކިވި އިރު، އަރުޖުން އާއި ސުޒޭންއާ ދެމެދު ވަރަށް ހާއްސަ ގުޅުމެއް އޮންނަ ކަމަށް ބުނެ މީޑިއާތަކުން ވެސް އެ ވާހަކަ ވަރަށް ގަދައަށް ފަތުރާފައި ވަނިކޮށެވެ.

އެކަމަކު އަރްޖުން އާއި ސުޒޭން ވަނީ އެ ދެ މީހުން އަޅުވާކިޔާތީ މީޑިއާތަކަށް ކުރިން ވަރަށް ބޮޑަށް ފާޑު ވެސް ކިޔައިފަ އެވެ.

އަރްޖުން، 45، އާއި ކުރީގެ މޮޑެލް މެހެރް، 47، ކައިވެނި ކުރީ 1998 ގަ އެވެ. އެ ދެ މީހުންނަށް ލިބިފައި ވަނީ ދެ އަންހެން ކުދިންނެވެ. އެއީ މިހާރު ފުރާވަރަށް އަރާފައި ތިބި މާހިކާ ރާމްޕާލް، 16، އާއި މީރާ ރާމްޕާލް، 12، އެވެ.

އަރުޖުން އާއި މެހެރް ވަކިވިކަން އިއުލާން ކުރަން ދެ މީހުން ގުޅިގެން ނެރުނު ބަޔާނުގައި ބުނީ މިއީ ދެ މީހުން އަމިއްލަ އެއްބަސްވެގެން ނިންމި ނިންމުމެއް ކަމަށާއި އެކަމާ ބެހޭ ގޮތުން އިތުރަށް އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.

އަދި ދެ މީހުން ވަކިވި ނަމަވެސް ދަރިންގެ ކަންކަމުގައި މައިންބަފައިންގެ ގޮތުގައި އޮންނަން ޖެހޭ ގުޅުން އަބަދު ވެސް އޮންނާނެ ކަމަށް ބުނެފައިވެ އެވެ.

ދެހާސް އެއް ވަނަ އަހަރު ފިލްމް "ޕިޔާރް، އިޝް އޯރް މުހައްމަބު" އިން ބޮލީވުޑަށް ނުކުތް އަރްޖުންއަކީ މާ ކާމިޔާބު އެކްޓަރެއް ނޫނެވެ. އޭނާ ކުޅެފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި ޑޮން (2006)، އޯމް ޝާންތީ އޯމް (2007) އަދި ރޮކް އޯން (2008) ހިމެނެ އެވެ.

މިދިޔަ އަހަރު "ޑެޑީ" އިން ފެނިގެން ދިޔަ އެކްޓަރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސެޕްޓެމްބަރު މަހު ރިލީޒް ކުރާ ހަނގުރާމަ ފިލްމް "ޕަލްޓާން" އިންނެވެ.