28 މެއި 2018 - 13:46

ޕެރިސް (މެއި 28) - ފްރާންސްގެ ވެރިރަށް ޕެރިހުގެ އުތުރުގެ ސަރަހައްދެއްގެ އިމާރާތެއްގެ ހަތަރު ވަނަ ބުރީގެ ބެލްކަނީގައި އެލިގެން އޮތް ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ސަލާމަތްކުރި މީހާ އަށް އެތައް ބަޔަކު ތައުރީފް ކުރަން ފަށައިފި އެވެ.
މާލީން ފްރާންސަށް ހިޖުރަކޮށްފައިވާ އުމުރުން 22 އަހަރުގެ މަމޫސޯ ގައްސާމާގެ ހިތްވަރަށް ސޯޝަލް މީޑިއޯގައި ތައުރީފް ކުރުމުގެ އިތުރުން ކުއްޖާ ސަލާމަތް ކުރާ ވީޑިއޯ ގިނަ ބަޔަކު ދަނީ ޝެއާ ކުރަމުންނެވެ. އިމާރާތުގެ އެއް ބެލްކަނީން އަނެއް ބެލްކަނީން ގައްސާމާ މައްޗަށް އަރައި ކުއްޖާ ސަލާމަތް ކުރަން މިނިޓެއް ވެސް ނުނަގަ އެވެ. އޭރު ޖެހިގެން ހުރި ބެލްކަނީގައި ތިބި ބަޔަކު އެ ކުއްޖާގެ އަތުގައި ހިފޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ.
ގައްސާމާ އަށް ޝުކުރު އަދާކުރަން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަނީ އޭނާ އަށް އެލީސީ ޕެލަސް އަށް ދައުވަތު ދީފަ އެވެ. ޕެރިހުގެ މޭޔަރު އޭން ހިޑަލްގޯ ވެސް ވަނީ ގައްސާމާގެ ހިތްވަރަށް ތައުރީފް ކުރައްވައިފަ އެވެ. އަދި މޭޔަރު ވަނީ ގައްސާމާ އަށް ގުޅާ ޝުކުރު އަދާކޮށްފަ އެވެ. މޭޔަރު، ގައްސާމާ ސިފަކޮށްފައި ވަނީ "ސްޕައިޑާ މޭން"ގެ ގޮތުގަ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަށެއް ޖަހާކަންހާ އިރު ހިނގި މި ހާދިސާއާ ގުޅޭ ގޮތުން ގައްސާމާ ބުނީ އޭނާ ހިނގާލާފައި އެ ސަރަހައްދަށް ދިޔަ އިރު ބަޔަކު އެއްވެގެން އުޅޭތީ ބެލި އިރު ކުޑަ ކުއްޖަކު އޮތީ ބެލްކަނީގައި އެލިގެން ކަމަށެވެ. އަދި އެ މަންޒަރު ފެނުމާ އެކު ކުއްޖާ ސަލާމަތް ކުރަން ވަގުތުން އިމާރާތަށް އެރީ ކަމަށެވެ.
ޕެރިހުގެ ފަޔާ ސާވިސް އިން އެ ސަރަހައްދަށް ދިޔަ އިރު ކުއްޖާ ވަނީ ސަލާމަތްކޮށްފަ އެވެ.
"ޖިސްމާނީ ގޮތުން ފިޓް އަދި ހިތްވަރުގަދަ މީހަކު ވަނީ އެ ކުއްޖާ ސަލާމަތްކޮށްފައި،" ފަޔާ ސާވިސްގެ ތަރުޖަމާނަކު އޭއެފްޕީ އަށް ވިދާޅުވި އެވެ.
ފްރާންސްގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި އެ ކުއްޖާ ބެލްކަންޏަށް ނުކުމެގެން އުޅުނު އިރު ކުއްޖާގެ ބެލެނިވެރިން ގޭގައި ނޫޅެ އެވެ. ކުޑަ ކުއްޖާ އެކަނި ގެއަށް ދޫކޮށްލާފައި ދިޔުމުން އެ ކުއްޖާގެ ބައްޕައާ ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ.