ޑެނިއެލް ކްރެއިގަށް "ބޮންޑް 25" އިން 66 މިލިއަން ޑޮލަރުގެ އާމްދަނީއެއް
ޑެނިއެލް ކްރެއިގަށް "ބޮންޑް 25" އިން 66 މިލިއަން ޑޮލަރުގެ އާމްދަނީއެއް

އަންނަ ޑިސެމްބަރު މަހު ޝޫޓިން ފަށާ ޖޭމްސްގެ ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމް ޑެނިއެލް ކްރެއިގް ކުޅެނީ 25 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓްތައް ކުރިން ބުނި ނަމަވެސް، އެ ފިލްމުން އޭނާ އަށް 66 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބުނެފި އެވެ.

އުމުރުން 50 އަހަރުގެ އެކްޓަރަކީ މިހާރު ވެސް ހޮލީވުޑްގައި ހުރި އެންމެ އަގު ބޮޑު އެކްޓަރެވެ. އޭނާ އަށް ބޮންޑްގެ 25 ވަނަ ފިލްމް ހުށަހެޅީ 2015 ގައި ރިލީޒް ކުރާ "ސްޕެކްޓްރާ" އަށް ފަހު، ބޮންޑްގެ ރޯލް ދެން ނުކުޅޭނެކަން އިއުލާންކޮށްފައި ވަނިކޮށެވެ.

އެކަމަކު ފިލްމްގެ ޕްރޮޑިއުސަރު ބާބަރީ ބްރޮކޮލީ ހުރީ ކޮންމެ ފަދަ އަގެއް ވެސް ދީގެން، ޑެނިއެލް ލައްވައި ބޮންޑްގެ ރޯލް ކުޅުވުން ތައްޔާރަށެވެ. ރިޕޯޓްތައް ބުނާ ގޮތުން، އޭނާ ބޮންޑްގެ ރޯލް ކުޅޭ ފަސް ވަނަ ފިލްމުން 66 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެނީ ފިލްމްގެ ސެޓްލައިޓްސް ރައިޓްސް އާއި ޑީވީޑީ ވެސް ވިއްކައިގެން ލިބޭ އާމްދަނީ ވެސް ބައިއަޅާ ގޮތަށް އެއްބަސްވުމުންނެވެ.

ޑިސެމްބަރު މަހުގެ 3 ގައި ޝޫޓީން ފަށާ ބޮންޑް 25 ގެ ޑައިރެކްޓަރަކީ އޮސްކާ ހާސިލްކޮށްފައިވާ ޑެނީ ބޮޔެލް އެވެ.

މި ފިލްމް ސިނަމާތަލަށް އަންނާނީ ނޮވެމްބަރު، 8، 2019 ގަ އެވެ. އެކަމަކު ޑެނިއެލްގެ އުފަން ގައުމު އިނގިރޭސިވިލާތުގައި ފިލްމް ޕްރިމިއާ ކުރަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ޑެނިއެލް ބުނެފައިވާ ގޮތުގައި ބޮންޑް 25 އަށް ފަހު، ދެން އޭނާ އިނގިރޭސި ޖާސޫސީ އެޖެންޓްގެ ރޯލް މުޅި އުމުރަށް ދޫކޮށްލާނެ އެވެ.