28 މެއި 2018 - 13:01

ސަރުކާރުގެ އިދާރާތަކުގެ މެދުގައި ލިޔުންތައް ބަދަލުކުރަން ބޭނުންކުރާ ނިޒާމު (ޖެމްސް)، ސުޕްރީމް ކޯޓުގެ ތެރޭގައި ހުއްޓައިލުމަކީ ކުށެއް ކަމަށް ބެލެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށާއި އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުށެއް ސާބިތު ނުކުރެވޭނެ ކަމަށް އެ މަނިކުފާނުގެ ވަކީލުން ހައި ކޯޓުގައިި މިއަދު ބުނެފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ޖެމްސް ސިސްޓަމް ސުޕްރީމް ކޯޓުގައި ހުއްޓުވާލަން އެންގި މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވައިފަ އެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމް އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން، ހައި ކޯޓުގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އެ މަނިކުފާނުގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ޖެމްސް ސިސްޓަމާ ގުޅޭ ގޮތުން ދައުލަތުން ދަށު ކޯޓަށް ހުށަހެޅި، ރައީސް އޮފީހުގެ ލިޔުމުން އެނގެނީ ޖެމްސް އަކީ ސަރުކާރުގެ އިދާރާތަކުގެ މެދުގައި ލިޔުންތައް ބަދަލުކުރަން ބޭނުންކުރާ ނިޒާމެއް ކަން ކަމަށެވެ.
ސުޕްރީމް ކޯޓަކީ ސަރުކާރުގެ އިދާރާއެއް ނޫން ކަމަށާއި އެއީ ގާނޫނީ ގޮތުން މިނިވަން ބާރެއް ކަން ފާހަގަ ކުރައްވައި، ނޫރު ވިދާޅުވީ ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވައިލުމަކީ ކުށެއް ކަމަށް އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ޖެމްސް ހުއްޓުވައިލިޔަސް، ސުޕްރީމް ކޯޓުގެ ކައުންޓަރު މެދުވެރިކޮށް އެ ކޯޓަށް ހުށަހަޅަން ބޭނުންވާ ލިޔުންތައް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށާއި އެކަން ހެކިންގެ ބަހުން އެނގޭ ކަމަށް ވެސް ނޫރު ވިދާޅުވި އެވެ.
ވަކީލް ނޫރު ވިދާޅުވި ގޮތުގައި ޖެމްސް ހުއްޓުވުމަކީ ކުށެއް ކަމުގައި ބެލިޔަސް، އެ މައްސަލައިގައި ގާނޫނުލް އުގޫބާތުގައި ބުނާ ކުށުގެ އުންސުރުތައް ފުރިހަމަވެފައެއް ނެތެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރެއް ނެރެފި ނަމަ، އެކަމާ ގުޅިގެން ދައުލަތުގެ އިދާރާއަކުން އިތުރު ލިޔުންތަކެއް ހުށަހަޅާނެ ކަމަށް މީހަކަށް ގަބޫލު ކުރެވިފައި ނޯންނާނެ ކަމަށާއި އެންމެން ވެސް ގަބޫލު ކުރާނީ އަމުރެއް ނެރެފި ނަމަ އެ އަމުރެއް ތަންފީޒު ކުރާނެ ކަމަށް ކަމަށެވެ.
އެހެންވެ، ޖެމްސް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އެންގިޔަސް، އެކަން ކުރީ ދައުލަތުން ހުށަހަޅާ ލިޔުންތަކަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ބެލެވެން ނޯންނާނެ ކަމަށް ވިދާޅުވެ، ނޫރު ވިދާޅުވީ ގާނޫނުލް އުގޫބާތުގައި ބުނާ، އެނގި ހުރުމުގެ މިންގަނޑުން އެ މައްސަލައިގައި ކުށުގެ އުންސުރު ފުރިހަމަ ނުވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ޖެމްސް މެދުވެރިކޮށް ދައުލަތުން އެ ކޯޓަށް ލިޔުންތަކެއް ހުށަހަޅަން އުޅުނު ކަން ހެކިންގެ ބަހުން އެނގެން ނެތް ކަމަށް ވެސް ނޫރު ވިދާޅުވި އެވެ.
ނޫރު ވިދާޅުވި ގޮތުގައި އެ މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އަދަބު ކަނޑައަޅާފައިވަނީ ވެސް ގާނޫނުލް އުގޫބާތާ ޚިލާފަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ދައުލަތުން ދައުވާކުރީ އަދި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވި ކުށަކީ ވެސް ޖެމްސް ހުއްޓުވާލަން އެންގުން ކަމަށް ވުމެވެ. ގާނޫނުލް އުގޫބާތު އޮތް ގޮތުން ކުށެއް ކުރަން އެންގުމަކީ އަދަބުގެ ދަރަޖަ އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ ދަށްވާނެ ކަމެއް ކަމަށާއި އެހެންވެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް އެ މައްސަލައިގައި އަންނަން ޖެހޭނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވެސް ނޫރު ވިދާޅުވި އެވެ.
މީގެ އިތުރުން ނޫރު ވަނީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ދަށު ކޯޓުގައި ހެކިބަސް ދިން ހެކިންގެ ހެކިބަހާ މެދު ވެސް ބައެއް ކަންކަން ފާހަގަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ސިއްރުން ހެކިބަސް ދިން އެކަކީ ޖެމްސް ސިސްޓަމްގެ ކޭބަލް އުފުރައިލި މީހާ ކަމަށް އޭނާގެ ހެކިބަހުގައި ބުނެފައި ވާ އިރު، ދައުލަތުން ތުހުމަތުކުރާ އަސްލު އަމަލުކުރި މީހަކީ އެއީ ކަމަށެވެ.
ދެވަނަ އަށް ހެކިބަސް ދިން މީހަކީ ޖެމްސް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އެންގި ކަމަށް ބުނެ، އެކަން އެގޮތަށް ކުރަން އަމުރުކުރި މީހާ ކަމަށާއި އޭނާގެ ހެކިބަހަކީ އެ މައްސަލަ ސާބިތުކުރަން ފުދޭނެ ހެއްކެއް ނޫން ކަމަށެވެ. ސަބަބަކީ ޖެމްސް ހުއްޓުވަން އޭނާ އަށް އުއްތަމަ ފަނޑިޔާރު އެންގެވި ނަމަ އެ މީހާ ވެގެންދާނީ ކުށުގެ އަމަލުގެ ސަބަބުން އަނިޔާ ލިބުނު ފަރާތެއްގެ ގޮތުގައި ކަމަށާއި އެހެންވުމުން އޭނާގެ ހެކިބަސް އެއީ ފުރިހަމަ ހެކިބަހެއް ކަމުގައި ނުބެލެވޭނެ ކަމަށް ނޫރު ވިދާޅުވި އެވެ. އަދި ހެކިބަސް ދިން ދެ މީހުންނަކީ ވެސް ދައުލަތުގެ މުވައްޒަފުންތަކެއް ކަން ވަކީލް ނޫރު ފާހަގަ ކުރެއްވި އެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި އިރު، ޖެމްސް ހުއްޓުވި ކަމަށް ބުނާ ވަގުތު ދައުވާގައި ނެތް މައްސަލަ ވެސް ވަކީލް ފާހަގަކުރެއްވި އެވެ. ޖެމްސްއަކީ އިލެކްޓްރޯނިކް ވަސީލަތެއް ކަން ފާހަގަކޮށް، ވަކީލް ވިދާޅުވީ ޖެމްސް ހުއްޓުވި ނަމަ އެކަން ކުރި ވަގުތު އެ ސިސްޓަމުން އެނގެން އޮންނާނެ ކަމަށާއި އެ މައުލޫމާތު ދައުވާގައި ނެތުމުން، އެއީ ހަގީގަތުގައި ވެސް ހިނގި ކަމެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވަކީލް ނޫރު ވިދާޅުވި އެވެ. އަދި އެ މައުލޫމާތު ދައުވާގައި ނެތުމުން، ކުށުގެ އަމަލު ހިނގި ތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއު ނެގުމަށް އުއްތަމަ ފަނޑިޔާރަށް ހުރަސް އެޅިފަައިވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
ވަކީލް ނޫރު އިތުރަށް ވިދާޅުވީ އެ މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ތަހުގީގު ހިންގީ ގާނޫނާ ޚިލާފް ބަންދެއްގައި އެ މަނިކުފާނު ބަހައްޓަައިގެން ކަމަށާއި ދައުވާ އުފުލީ އެ ތަހުގީގުގެ މައްޗަށް ބިނާކޮށް ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހު އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ ފަނޑިޔާރުން ހައްޔަރު ކުރުމުގައި ޚާއްސަ އިމްތިޔާޒް ލިބިދޭ މާއްދާ ސަސްޕެންޑް ކުރުމަށް ފަހު ކަމަށް ވިޔަސް، ގާނޫނީ އިިމުން ބޭރުން ފަނޑިޔާރުން ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ގާނޫނުގައި އޮންނަ މާއްދާ ސަސްޕެންޑް ކޮށްފައި ނުވާ ކަމަށް ވަކީލް ވިިދާޅުވި އެވެ.
މީގެ އިތުރުން ވެސް ނޫރު ވަނީ އިތުރު ބައެއް ކަންކަން ވެސް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އެ މައްސަލަ ބެއްލެވި ގާޒީ ބަދަލުވި ސަބަބު ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފަދައިން އަންގާފައި ނެތް ކަމަށާއި އަދި ބައެއް ލިޔުންތައް ދިފާއީ ވަކީލުންނަށް ނުދިނުމުގެ އިތުރުން ދައުވާ ފޯމްގައި ސޮއިކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ ހުއްދަ ދެއްވާފައިވާ ބޭފުޅެއް ކަން އެނގެން ނެތް ކަމަށް ވިދާޅުވެ، އެކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އުއްތަމަ ފަނޑިޔާރު ވެސް ހާޒިރުވެ ވަޑައިގެން އިންނެވި އެ އަޑުއެހުމުގައި އެ ކަންކަން ފާހަގަ ކުރުމަށް ފަހު، ނޫރު އޭނާ އެދިވަޑައިގަތީ ދަށު ކޯޓުގެ ހުކުމް ބާތިލް ކޮށްދިނުމަށެވެ. މިއަދުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު އެއްވެސް ވާހަކަފުޅެއް ނުދައްކަވަ އެވެ.
ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު ހަސަން އަލީ ބައްލަވާ އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުން ޖަވާބުދާރީވާން ޖެހޭނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ. އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
ޖެމްސް ހުއްޓުވި މައްސަލައިގެ އިތުރުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ އިތުރު އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ވެސް އައިސްފަ އެވެ. އެ މައްސަލަ ވެސް އެ މަނިކުފާނުގެ ފަރާތުން ވަނީ އިސްތިއުނާފްކޮށްފަ އެވެ.
އެ މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާތައް ނިމޭ އިރު، ދަށު ކޯޓުގެ ހުކުމްތައް ދަމަހައްޓައިފި ނަމަ އުއްތަމަ ފަނޑިޔާރު އޮޓަމެޓިކުން އެ މަގާމުން ވަކިވާނެ އެވެ.