ނަބީލްގެ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
ނަބީލްގެ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

މީގެ ހަތް އަހަރު ކުރިން މާޗް، 2009 ގައި މަޖިދީމަގުގައި ވަޅިއަކުން ހަމަލާދީ ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދު މަރާލި މައްސަލާގައި ގ. ރީފް މުހައްމަދު ނަބީލް މެރުމަށް ދަށު ކޯޓާއި ހައި ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް، ސުޕްރީމް ކޯޓުން މިއަދު އެ ހުކުމް ދަމަހައްޓައިފި އެވެ.

މަޖީދީމަގު ކުރީގެ ސޯސަން ސްޓޯރު ކުރިމަތީގައި އޮންނަ ޕާކް ތެރޭގައި ގްރޫޕަކުން ގޮސް ފަރުހަދާ މާރާމާރީ ހިންގަން ފެށުމުން އޭނާ ދުއްވައިގަތުމުން އޭނާގެ ބުރަކަށްޓަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ނަބީލް މެރުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމާ އެކު އެ މައްސަލާގެ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުނީ އެވެ.

ނަބީލަށް މަރުގެ އަދަބުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ފަރުހަދުގެ ވާރިސަކު ނަބީލްގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނުމެވެ.

ނަބީލް މެރުމަށް ކުރި ހުކުމް ކަށަވަރުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުގެ ފުލް ބެންޗުގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައިވަނީ ފަރުހަދު މަރާލީ ނަބީލްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަން ކަށަވަރުވެ، ޔަގީންވާ ކަމަށެވެ. ފަރުހަދުގެ ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ނަބީލަށް ދޭންޖެހޭ އަދަބަކީ މަރުގެ އަދަބު ކަމަށްވާތީ އޭނާ މެރުމަށް ކުރި ހުކުމް ރަނގަޅު ކަމަށް އެ ހުކުމުގައިވެ އެވެ.

މިއަދު ހަވީރު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ފަރުހަދުގެ ބުރަކަށްޓަށް ކަޓަރު ހެރީ ނަބީލް ކަމަށް އޭނާ ތަހުގީގުގައި އެއްބަސްވާއިރު ނަބީލްގެ ކޮއްކޮ ވެސް އެގޮތަށް ތަހުގީގަށް ބަޔާންދީފައިވާ ކަމަށެވެ. އެ ބަޔާނަށް ފަހުން އެ ދެ މީހުން އިންކާރު ކުރިޔަސް ހެކިބަސް ދީފައިވާ ހެކިންގެ ބަހާއި އެ ބަޔާންތަކާ ގުޅުވާލެވޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ސައީދު ވިދާޅުވީ ފަރުހަދާ މާރާމާރީ ހިންގި މީހުންގެ ތެރޭގައި ނަބީލް ހުރިކަން ހެކިންގެ ބަހުން އެނގޭ ކަމަށާއި އޭގެ ތެރެއިން ކޮންމެވެސް މީހަކު ފަރުހަދާ ދިމާލަށް ކަޓަރެއް އެއްލުމުން އޭނާގެ ބުރަކަށްޓަށް އޭތި ހެރުނުކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އަދި ނަބީލާއި އޭނާގެ ކޮއްކޮގެ ތަހުގީގު ބަޔާނަށް ބަލާއިރު ކަޓަރު އެއްލީ ނަބީލްކަން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ކުށަށް އިއުތިރާފްވެ ނަބީލް ތަހުގީގަށް ދިން ބަޔާނަކީ މަޖުބޫރު ކަމެއް ނެތި ދީފައިވާ ބަޔާނެއް ކަމަށް އޭނާ އަމިއްލައަށް ބުނެފައިވާތީ އެ ބަޔާނަކީ ޝަރީއަތުގެ މަޖިލީހުުގައި ކުށަށް އޭނާ ވެފައިވާ އިއުތިރާފެއް ކަމަށް ބަލަންޖެހޭނެ އެވެ. އެ ބަޔާނަށް ނަބީލް އިންކާރު ކުރާ ސަބަބަކީ އެ ބަޔާނަކީ ރަނގަޅަށް ނުކިޔާ ދީފައި އޮތް ބަޔާނެއް ކަމަށްވާތީ ކަމަށް ނަބީލް ބުންޏަސް އެ ބަޔާން އޭނާ ރަނގަޅަށް ކިޔާތަން ވީޑިއޯއިން ފެންނަ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެހެންވެ އެ ބަޔާނަކީ ޝަރީއަތަށް ގަބޫލު ކުރެވޭނެ ބަޔާނެއް ކަމަށާއި ހަމަ އެގޮތަށް ނަބީލްގެ ކޮއްކޮ ތަހުގީގަށް ދިން ބަޔާނަކީ ވެސް ގަބޫލުކުރެވޭނެ ބަޔާނެއް ކަމަށް ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ސައީދު ވިދާޅުވި އެވެ.

މީގެ އިތުރަށް ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ނަބީލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނެތުމަކީ ހައި ކޯޓުގެ ހުކުމް އޭނާ ގަބޫލު ކުރިކަމުގެ ހަރުދަނާ ގަރީނާއެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ފަރުހަދުގެ މަރާ ގުޅިގެން ނަބީލްގެ އިތުރުން އިތުރު ބަޔަކަށް ވެސް ދައުވާކުރި އެވެ. އެ މައްސަލާގައި ޣައިރު ގާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ދައުވާ އިތުރު ތިން މީހަކަށް ސާބިތުވެ، އެ މީހުން ހަތަރު އަހަރަށް ޖަލަށްލާން އޭރުގެ ޖިނާއީ ކޯޓުން، 2010 ގައި ހުކުމްކޮށްފައިވެ އެވެ. އަދި އެ މައްސަލާގައި ކުޑަކުއްޖަކު ވެސް އަށް މަހަށް ޖަލަށްލާން ޖުވެނައިލް ކޯޓުން ހުކުމްކޮށްފައިވެ އެވެ.

ނަބީލްގެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަކީ މަރުގެ ހުކުމް ދަމަހައްޓައި، އެ ކޯޓުން އިއްވި ތިން ވަނަ ހުކުމެވެ. މީގެކުރިން ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމާއި ވަކީލް ނަޖީބްގެ ގާތިލް އަހުމަދު މުއްރަތު މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުން ފަސްކުރަން ހައި ކޯޓުން އިއްޔެ ވަގުތީ އަމުރެއް ނެރުނަސް ރޭގެ ވަގުތެއްގައި ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ. އަދި މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގެ ސައްހަ ކަމާ ގުޅޭގޮތުން ހައި ކޯޓުން ބަލަމުންދިޔަ ދުސްތޫރީ މައްސަލަ ވެސް ސުޕްރީމް ކޯޓުން ވަނީ ރޭ ބާތިލްކޮށްފަ އެވެ.