28 މެއި 2018 - 13:11

ޕިއޮންޔަން (މެއި 28) - އެމެރިކާ އާއި ނޯތު ކޮރެއާގެ ވެރިންގެ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ދެ ގައުމުގެ އޮފިޝަލުން ދެ ކޮރެއާ ގުޅޭ ބޯޑަރުގެ ޓްރޫސް ވިލެޖުގައި ބައްދަލުކޮށްފި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޯތު ކޮރެއާ އަކީ ކޮންމެވެސް ދުވަހަކުން އިގްތިސާދީ އަދި މާލީ ގޮތުން ވަރުގަދަ ގައުމަކަށް ވާނެ ކަމަށް ގަބޫލް ކުރާ ކަމަށެވެ.
"ކިމް ޖޮން-އުން ވަނީ މިކަމުގައި އަޅުގަނޑާ އެއްބަސްވުމަށް ވަޑައިގެންފައި. އެހެންވެ ސަމިޓަށް ތައްޔާރުވާން އެމެރިކާގެ އޮފިޝަލުން ނޯތު ކޮރެއާ އަށް ދަތުރުކޮށްފައި ވަނީ،" ޓްރަމްޕުގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
ކިމްއާ އެކު ބާއްވާ ސަމިޓް ކެންސަލް ކުރިކަން ޓްރަމްޕް އިއުލާން ކުރެއްވި ނަމަވެސް ފަހުން ވަނީ އެ ސަމިޓް އަލުން ބޭއްވޭތޯ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކޮށްފަ އެވެ. އެންމެ ބޮޑު ރޯލެއް އަދާކުރަމުން ދަނީ ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން އެވެ. އޭނާ ވަނީ މިދިޔަ ހޮނިހިރު ދުވަހު ދެ ކޮރެއާގެ ބޯޑަރުގައި ކިމްއާ ބައްދަލު ކުރައްވައިފަ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ހީތާ ނުއާޓް ވިދާޅުވީ ސަމިޓުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ. ވޮޝިންޓަން ޕޯސްޓުން ބުނީ ދެ ކޮރެއާ ގުޅޭ ބޯޑަރުގައިވާ ޕަންމުންޖޮމް އަވަށުގައި ބޭއްވި ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން ދެ މަންދޫބަކު ބައިވެރިވި ކަމަށެވެ. އަދި ނޯތު ކޮރެއާގެ ފަރާތުން ބައިވެރިވީ ވައިސް ފޮރިން މިނިސްޓަރު ޗޮއެ ސޮން ހުއި ކަމަށް ވެސް ބުނެފައިވެ އެވެ.
ޓްރަމްޕް އާއި ކިމްގެ ސަމިޓް ބާއްވާ ނަމަ އެ ސަމިޓުގައި ރައީސް މޫން ޖައި-އިން ވެސް ބައިވެރިވުމުގެ ފުރުސަތު ބޮޑު ކަމަށް ސައުތު ކޮރެއާގެ އޮފިޝަލުން ވަނީ ބުނެފަ އެވެ. ނަމަވެސް މޫން ބައިވެރިވާނީ ސަމިޓުގެ ތައްޔާރީތައް ކުރިއަށްދާ ގޮތުގެ މައްޗަށް ބަލާފައި ކަމަށް ވެސް ބުނެފައިވެ އެވެ.
ޓްރަމްޕާއި ކިމްގެ ސަމިޓް ޕްލޭންކޮށްފައި ވަނީ ޖޫން 12 ގައި ސިންގަޕޫރުގަ އެވެ.