01 ޖޫން 2018 - 00:00

އެންމެ ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބުކުރުމުން އުރުގުއޭ އަކީ ފުޓްބޯޅައިގެ ތާރީހުގައި ހާއްސަ ޖާގައެއް ހޯދާފައިވާ ގައުމެކެވެ. އަމިއްލަ ގައުމުގައި 1930ގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕްގެ ތަށި އުފުލައިލުމުގެ އިތުރުން 1950ގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކުރީ އުރުގުއޭ އެވެ.

ފުޓްބޯޅައިގެ ފޯރި ގަދަ ދެކުނު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ އުރުގުއޭ އެ ސަރަހައްދުގެ ފުޓްބޯޅައިގައި ވެސް ފާހަގަކޮށްލެވެ އެވެ. ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ ޖުމްލަ 15 ފަހަރު ކާމިޔާބުކޮށް، އުރުގުއޭ އަކީ އެ މުބާރާތް އެންމެ ގިނަ ފަހަރު ހޯދި ގައުމެވެ.
ވޯލްޑް ކަޕަށް ކޮލިފައިވި ގޮތް:
ދެކުނު އެެމެރިކާގެ ކޮލިފައިން ބުރުން އުރުގުއޭ މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ވާދަވެރި ކޮލިފައިން ބުރުން އުުރުގުއޭ ވޯލްޑް ކަޕުން ޖާގަ ހޯދީ ކޮލިފައިންގެ ފަހު މެޗުގައި ބޮލީވިއާ އަތުން 4-2 އިން މޮޅުވެގެންނެވެ. އުރުގުއޭ ތާވަލްގެ ދެވަނަ ހޯދީ ޖުމްލަ 31 ޕޮއިންޓާ އެކު އެވެ. ކުޅުނު 18 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވި އެވެ. ފަސް މެޗުން ބަލިވިއިރު، ހަތަރު މެޗު ވަނީ އެއްވަރުކޮށްފަ އެވެ. މިއީ ވޯލްޑް ކަޕްގައި އުރުގުއޭ ވާދަކުރާ 13 ވަނަ ފަހަރެވެ.
ކޯޗު:
އޮސްކާ ޓަބަރޭޒް: އުުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް އަކީ އެ ގައުމުގައި ލޯތްބާއި އިހުތިރާމް ލިބިފައިވާ، ތަޖުރިބާކާރު ކޯޗެކެވެ. ކޯޗިންގައި 30 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ އޮސްކާ ،71، އަކީ މާ ބޮޑަށް ފާހަގަކުރެވުނު ކުޅުންތެރިއެއް ނޫނެވެ. ޕްރައިމަރީ ސްކޫލް ޓީޗަރެއްގެ ގޮތުގައި ވެސް ކުރިން މަސައްކަތްކުރި އޮސްކާ ކޯޗިން ކެރިއަރު ފެށީ 1980 ވަނަ އަހަރެވެ. އުރުގުއޭގެ ގައުމީ ޓީމާ އެންމެ ފުރަތަމަ އޮސްކާ ހަަވާލުވީ 1988 އިން 1990 އަށެވެ. އޮސްކާގެ އިރުޝާދުގެ ދަށުން އުރުގުއޭ ވާދަކުރި ފުރަތަމަ މުބާރާތަކަށް ވީ 1989 ގެ ކޮޕާ އެމެރިކާ އެވެ. އެ މުބާރާތުުގެ ފައިނަލްގައި އުރުގުއޭ ވާދަކުރި އެވެ.
ދެވަނަ ފަހަރަށް އުުރުގުއޭގެ ގައުމީ ޓީމާ އޮސްކާ ހަވާލުވީ 2006ގަ އެވެ. އޮސްކާގެ އިރުޝާދުގެ ދަށުން އުރުގުއޭ 2010ގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދި އެވެ. އަދި 2011 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކުރި އެވެ. އޮސްކާގެ އިރުޝާދުގެ ދަށުން އުރުގުއޭ ވަނީ މީގެ ކުރިން ތިން ފަހަރު ވޯލްޑް ކަަޕަށް ކޮލިފައިވެފަ އެވެ.
ކުޅުންތެރިން:
ލުއިސް ސުއަރޭޒް: އުރުގުއޭގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ލުއިސް ސުއަރޭޒް އަކީ އުރުގުއޭގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ސްޕެއިންގެ ބާސެލޯނާ އަށް ކުޅޭ ސުއަރޭޒް ،31، ވަނީ މީގެ ކުރިން ދެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. ދެކުނު އެފްރިކާގައި 2010 ގައި އޮތް ވޯލްޑް ކަޕްގެ ހަތަރު ވަނަ އުުރުގުއޭ ހޯދިއިރު، ސުއަރޭޒްގެ ދައުރު ބޮޑެވެ. މުބާރާތުގައި ސުއަރޭޒް ތިން ލަނޑު ޖެހި އެވެ. އަދި މުބާރާތުގެ ކުއާޓާ ފައިނަލްގެ އިތުރު ވަގުތުގައި ގާނާ އިން ފޮނުވާލި ހަމަލާއެއް އޭނާ ވަނީ ގޯލުގެ ރޮނގު މަތިން ސަލަމާތްކޮށްފަ އެވެ. އެކަމަކު އެ ހަމަލާ ސަލާމަތްކުރަން ގަސްދުގައި ބޯޅައިގައި އަތް ލުމުން އޭނާ އަށް ދެއްކި ރަތް ކާޑާ އެކު، ސެމީ ފައިނަލްގެ ފުރުސަތު ގެއްލުނެވެ.
ބްރެޒިލްގައި 2014 ގައި އޮތް ވޯލްޑް ކަޕްގެ ދެވަަނަ ބުރަށް އުރުގުއޭ ދަތުރުކުރި ނަމަވެސް، މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިޓަލީގެ ޖިއޮޖިއޯ ކިއެލީނީގެ ކޮނޑުގައި ސުއަރޭޒް ދަތް އެޅި މައްސަލައިގައި އޭނާ ނުވަ މެޗަށް ފީފާ އިން ސަސްޕެންޑްކުރި އެވެ. އެހެންކަމުން ދެވަނަ ބުރުގެ މެޗުގައި ސުއަރޭޒަށް ނުކުޅެވުނެވެ.
އެޑިސަން ކަވާނީ: ޕީއެސްޖީ އަށް ކުޅޭ ފޯވަޑް އެޑިސަން ކަވާނީ އަކީ މި ފަހަރުގެ ކޮލިފައިންގައި ދެކުނު އެމެރިކާ ސަރަހައްދުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ކޮލިފައިންގައި ޖުމްލަ 10 ލަނޑު ކަވާނީ ޖެހި އެވެ. މި ސީޒަންގައި އޭނާ ހުރީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. މިއީ ކަވާނީ ވޯލްޑް ކަޕްގައި ކުޅޭ ތިން ވަނަ ފަހަރެވެ. މީގެ ކުރިން 2010 އަދި 2014ގެ މުބާރާތުގައި ކުޅެފަ އެވެ.
ޑިއޭގޯ ގޮޑިން: އުރުގުއޭގެ ކެޕްޓަން ޑިއޭގޯ ގޮޑިން އަކީ އެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. އުރުގުއޭގެ ގައުމީ ޓީމަށް ގޮޑިން ކުޅެން ފެށީ 2005 ވަނަ އަހަރެވެ. އޭގެ ފަހުން ގޮޑިން ވަނީ 2010 އަދި 2014ގެ ވޯލްޑް ކަޕްގައި ވެސް ކުޅެފަ އެވެ. އުރުގުއޭ އިން 2011 ވަނަ އަހަރުގެ ކޮޕާ އެެމެރިކާ ކާމިޔާބުކުރިއިރު، ގޮޑިންގެ ދައުރު ބޮޑެވެ. އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ގޮޑިން ،32، އަކީ އުރުގުއޭގެ ޑިފެންސްގެ މައި ތަނބެވެ. އަދި ކޯޗު އޮސްކާ ޓަބަރޭޒްގެ ޕްލޭންގައި ގޮޑިން އަކީ މުހިންމު ކުޅުންތެރިއެކެވެ.
ގުރޫޕްގައި އޮތް ފުރުސަތު: އުރުގުއޭ އަކީ ގުރޫޕް އޭގެ އެއް ފޭވަރިޓެވެ. މި ގުރޫޕުން ދެވަނަ ބުރުގެ ޖާގައަކަށް އުރުގުއޭއާ އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވެނީ މިސްރެވެ. ވޯލްޑް ކަޕް ބާއްވާ ގައުމު ކަމަށްވާ ރަޝިއާ އިން ވެސް، ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އުރުގުއޭގައި ތިބި ކުޅުންތެރިންގެ ފެންވަރާއި، ތަޖުރިބާ އަށް ބަލާއިރު، ދެވަނަ ބުރުން ޖާގަ ހޯދުމަށް މާ ބޮޑު އުނދަގުލެއް ކުރިމަތިވާނެ ކަމަކަށް ނުބެލެވެ އެވެ.