01 ޖޫން 2018 - 00:00

އެފްރިކާ ފުޓްބޯޅައިގެ ވަރުގަދަ ޓީމެއް ކަމަށްވާ ނައިޖީރިއާ އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ކުޅުނީ 1994 ވަނަ އަހަރެވެ. އެ އަހަރު އެމެރިކާގައި އޮތް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި އެވެ. ންވަކްނޯ ކާނޫ އާއި ޖޭޖޭ އޮކޯޗާ އަދި އޮބަފެމީ މާޓިންސް ފަދަ ކުޅުންތެރިން އުފެއްދި ނައިޖީރިއާ، އޭގެ ފަހުން ތިން ވޯލްޑް ކަޕެއްގައި ކުޅުނެވެ. އެއީ އަބަދުވެސް ރަނގަޅު ކުޅުންތެރިންތަކެއް ތިބޭ ޓީމެކެވެ. އެކަމަކު އެކި ސަބަބުތަކާ ހެދި މިހާތަނަށް، ނައިޖީރިއާ އަށް ވޯލްޑް ކަޕެއްގައި މާ ދުރަށް ދެވޭ ގޮތެއްނުވެ އެވެ.

އެފްރިކާ ވޯލްޑް ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުގައި ނައިޖީރިއާ ލައްވާލީ މަރުގެ ގުރޫޕްގަ އެވެ. އެފްރިކާގެ ވަރުގަދަ ބާރެއް ކަަމަށްވާ ކެމަރޫން އާއި އަލްޖީރިއާ އަދި ޒެމްބިއާއާ އެއް ގުރޫޕެއްގައި ވާދަކޮށް ނައިޖީރިއާ ކޮލިފައިވީ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ފުރަތަމަ ދެ މެޗުގައި ޒެމްބިއާ އާއި އަލްޖީރިއާ ބަލިކުރި އެވެ. އަދި ކެމެރޫން އަތުން ތަފާތު ބޮޑުކޮށް ދެ މެޗުން ވެސް މޮޅުވި އެވެ.
ނައިޖީރިއާގެ ކޯޗަކީ ޖަރުމަންގެ ގެރްނޮޓް ރޯ އެވެ. އޭނާއަކީ އެފްރިކާގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗެވެ. އޭނާ ވަނީ ކުރިން ގެބޮން، ނައިޖާ އަދި ބުރްކިނަ ފާސޯގެ ކޯޗުކަން ކޮށްފަ އެވެ. ނައިޖީރިއާގެ ގައުމީ ޓީމާ ރޯ ހަވާލުވީ 2016 ވަނަ އަހަރެވެ. ރޯގެ އިރުޝާދުގެ ދަށުން ނައިޖީރިއާގެ ޓީމަށް ކުރިއެރުންތައް ލިބުނެވެ. އަދި ކޮލިފައިންގައި ބާކީ އެއް މެޗު އޮއްވައި ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރި އެވެ.
ޖޯން އޮބީ މިކޭލް: ނައިޖީރިއާގެ ކެޕްޓަން ޖޯން އޮބީ މިކޭލް އަކީ މި ވަގުތު އެ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ޗެލްސީގައި ގިނަ އަހަރުތަކެއް ހޭދަކުރި މިކޭލް ،30، ގައުމީ ޓީމަށް ކުޅެން ފެށީ 2004 ވަނަ އަހަރެވެ. މިހާތަނަށް ދެ ވޯލްޑް ކަޕްގައި ކުޅުނެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ހަތަރު މުބާރާތުގައި އޭނާ ވަނީ ނައިޖީރިއާ ތަމްސީލްކޮށްފަ އެވެ. ޗެލްސީގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު، މިކޭލް މިހާރު ކުޅެމުން އަންނަނީ ޗައިނާ ލީގުގަ އެވެ. ނައިޖީރިއާގެ ޓީމުގައި އޭނާ އަކީ މިހާރު ވަރަށް މުހިންމު ކުޅުންތެރިއެކެވެ.
އަޙްމަދު މޫސާ: އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި ނައިޖީރިއާގެ ޓީމުން އެންމެ ފާހަގަކޮށްލެވުނު އެއް ކުޅުންތެރިޔަކީ އަޙްމަދު މޫސާ އެވެ. އެ މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު ލެސްޓާ ސިޓީން އޭނާ ގެންދިޔަ އެވެ. އެކަމަކު އިނގިރޭސި ޕްރިމިއާ ލީގުގައި މޫސާ އަށް އޭނަގެ ފެންވަރު ދެއްކޭ ގޮތެއްނުވި އެވެ. މިހާރު އޭނާ ކުޅެނީ ކުރިން ވެސް ކުޅުނު ރަޝިއާގެ ސީއެސްކޭއޭ މޮސްކޯއަށެވެ. މޫސާ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 69 މެޗުގައި 13 ލަނޑު ޖަހައިފަ އެވެ.
ކެލީޗީ އިއަނާޗޯ: މެންޗެސްޓާ ސިޓީގައި ޕްރިމިއާ ލީގުގައި ފާހަގަވި އިއަނާޗޯ އަކީ ނައިޖީރިއާގެ އުންމީދީ ކުޅުންތެރިއެކެވެ. މިހާރު ލެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިއަނާޗޯ ،21، ގެ ތަޖުރިބާ ކުޑަ ނަމަވެސް، އޭނާ އަކީ މިހާރު ނައިޖީރިއާގެ ޓީމުގެ ފުރަތަމަ 11 އިން ޖާގަ ހޯދާ ކުޅުންތެރިއެކެވެ. މިއީ އިއަނާޗޯގެ ފުރަތަމަ ވޯލްޑް ކަޕެވެ. އޭނާގެ ފަރާތުން ރަނގަޅު ކުޅުމަކަށް ނައިޖީރިއާގެ ސަޕޯޓަރުން އުންމީދުކުރާނެ އެވެ.
ނައިޖީރިއާ އަކީ ފަސޭހަކޮށްލެވޭނެ ޓީމެއް ނޫނެވެ. މި ގުރޫޕްގެ ފޭވަރިޓަކީ އާޖެންޓީނާ އެވެ. އެކަމަކު އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި ވެސް ނައިޖީރިއާ އަކީ ފަސޭހަކޮށްލެވޭ ޓީމެއް ނޫންކަން އާޖެންޓީނާ އަށް ވަނީ ތަޖުރިބާކުރެވިފަ އެވެ. ނައިޖީރިއާ އަކީ މި ގުރޫޕުން ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރާނެ ޓީމެއްކަމަށް ބެލެވެ އެވެ.