01 ޖޫން 2018 - 00:00

މިއީ އައިސްލޭންޑް ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އައިސްލޭންޑަކީ މީގެ ކުރިން ފުޓްބޯޅައިގައި މަޝްްހޫރު ނަމެއް ނޫނެވެ. އެކަމަކު ކުޑަކުޑަ ގައުމުގެ ފުޓްބޯޅަ ތަރައްގީއަށް ގެނައި ހަރުދަނާ ބަދަލުތަކާ އެކު، އައިސްލޭންޑްގެ ގައުމީ ޓީމު ވަރުގަދަވި އެވެ. ޔޫރޯ 2016 އަށް ކޮލިފައިވެ، އެ މުބާރާތުގައި ވަރުގަދަ ޓީމުތައް ބަލިކޮށް، ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ. މިއީ ފަހުގެ ތާރީހުގައި ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ އެވެ.

އައިސްލޭންޑް ވޯލްޑް ކަޕަށް ކޮލިފައިވީ ޔޫރަޕްގެ ކޮލިފައިންގެ ގުރޫޕް އައިގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އައިސްލޭންޑް ވަނީ ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެެރެއިން ހަތް މެޗު ކާމިޔާބުކޮށްފަ އެވެ. ބަލިވީ ދެ މެޗުންނެވެ. މި ގުރޫޕްގައި ކްރޮއޭޝިއާ ވެސް ދިޔައީ އައިސްލެންޑަށް ވުރެ ފަހަތަށެވެ. އައިސްލޭންޑަކީ ވޯލްޑް ކަޕަށް މިހާތަނަށް ކޮލިފައިވި އެންމެ އާބަދީ ކުޑަ ގައުމެވެ.
އައިސްލޭންޑްގެ ކޯޗަކީ އެ ގައުމުގެ ހެލްމާ ހެލްގްރިމްސަނެވެ. ފަހުގެ ތާރީހެއްގައި އައިސްލޭންޑުން ހޯދި ކާމިޔާބީތަކުގެ މުގުލުގައި ހުރީ ހެލްގްރިމްސަނެވެ. ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން އެނާ މުޅިން ވެސް ކޯޗުކޮށްދިނީ އައިސްލޭންޑްގެ ޓީމުތަކަށެވެ. ޔޫރޯގައި މުޅި ޔޫރަޕް ހައިރާންކޮށްލި ނަތީޖާތައް އައިސްލޭންޑް ހޯދީ ހެލްގްރިމްސަންގެ އިރުޝާދުގެ ދަށުންނެވެ.
ގިލްފީ ސިގަޑްސަން: މިއީ އައިސްލޭންޑް ޓީމުގެ އެންމެ ނަން މަޝްހޫރު ކުޅުންތެރިޔާ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަން އަށް ކުޅެމުން އަންނަ ސިގަޑްސަން އަކީ މެދުތެރެއަށް ކުޅުނު ނަމަވެސް، ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. ސިގަޑްސަން ވަނީ ކުރިން ޓޮޓެންހަމް ހޮޓްސްޕާ އާއި ސްވަންސީ ސިޓީ އަށް ވެސް ކުޅެފަ އެވެ. އޭނާ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 55 މެޗުގައި 18 ލަނޑު ޖަހައިފައިވެ އެވެ.
އަރޮން ގުނާރްސަން: ވޭލްސްގެ ކާޑިފް ސިޓީ އަށް ކުޅެމުން އަންނަ ގުނާރްސަން އަކީ އައިސްލޭންޑްގެ ކެޕްޓަނެވެ. އަދި މި ވަގުތު އައިސްލޭންޑް ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ޔޫރޯ 2016ގައި ގުނާރްސަން ވަނީ އައިސްލޭންޑްގެ ޓީމުގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ. ގައުމީ ޓީމަށް އޭނާ ވަނީ މިހާތަނަށް 70 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ.
ޔޫރޯގެ ނަތީޖާއަށް ފަހު، ގުރޫޕް ޑީގެ ހުރިހާ ޓީމެއް ވެސް އައިސްލޭންޑާ މެދު ސަމާލުވާނެ އެވެ. ފިޒިކަލީ ވަރުގަދަ ކުޅުންތެރިންތަކެއް ހިމެނޭ އައިސްލޭންޑްގެ ޓީމަކީ ބަލިކުރަން އެހާ ފަސޭހަ ޓީމެއް ނޫންކަން އެ ޓީމުން ވަނީ ދައްކައިފަ އެވެ. އެހެންކަމުން މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް އައިސްލޭންޑްގެ ފަރާތުން ސަޕްރައިޒެއް ފެނިދާނެ އެވެ. އެކަމަކު މި ގުރޫޕަކީ އައިސްލޭންޑަށް އުނދަގޫވާނެ ގުރޫޕެކެވެ. އާޖެންޓީނާ އާއި ކްރޮއޭޝިއާ އަދި ނައިޖީރިއާ އަކީ ތަޖުރިބާގެ ގޮތުން އައިސްލެންޑަށް ވުރެ ކުރީގައި އުޅޭ ގައުމުތަކެވެ.