ޓީމް ޕްރޮފައިލް: ކްރޮއޭޝިއާ
ޓީމް ޕްރޮފައިލް: ކްރޮއޭޝިއާ

ކްރޮއޭޝިއާ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1998 ވަނަ އަހަރެވެ. ފުރަތަމަ ފެނިލުން ވެސް ވެގެންދިޔައީ ކްރޮއޭޝިއާ އަށް ތަރީހީ މުބާރާތަކަށެވެ. ހައިރާންކުރެވުނު ނަތީޖާތަކަށް ފަހު، ކްރޮއޭޝިއާ ވަނީ އެ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ. ކްރޮއޭޝިއާގެ "ރަން ޖީލު"ގެ ގޮތުގައި ސިފަކުރެވުނު ކުޅުންތެރިންތަކަކާ އެކު، އެ އަހަރު ހޯދީ ކްރޮއޭޝިއާގެ ފުޓްބޯޅައިގެ ތާރީހުގެ އެންމެ ބޮޑު ކާމިޔާބެވެ.

ޓީމް ޕްރޮފައިލް: ކްރޮއޭޝިއާ
ޓީމް ޕްރޮފައިލް: ކްރޮއޭޝިއާ

އޭގެ ފަހުން ކްރޮއޭޝިއާ ވަނީ ތިން ފަހަަރު ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. އެކަމަކު ތިން ފަހަރު ވެސް ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭ ގޮތެއްނުވި އެވެ.

ކޮލިފައިންގެ ގުރޫޕް އައި ކްރޮއޭޝިއާ ނިންމާލީ ދެވަނައިގަ އެވެ. އެހެންކަމުން، ކްރޮއޭޝިއާ އަށް ޖެހުނީ ކޮލިފައިންގެ ޕްލޭއޮފް ކުޅޭށެވެ. ގުރޫޕް އައިގެ އެއްވަނަ ހޯދި އައިސްލޭންޑާއި ކްރޮއޭޝިއާގެ ދެމެދުގައި އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ. ޕްލޭއޮފް އިން ކްރޮއޭޝިއާ ކުރި ހޯދީ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި ގްރީސް އަތުން 4-1 އިން މޮޅުވެގެނެވެ. ގްރީސްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް އަކީ އެ ގައުމުގައި މަގުބޫލު ކޯޗެކެވެ. ކޯޗިން ކެރިއަރު 2005 ގައި ފެށި ޑަލިޗް ވަނީ ކްރޮއޭޝިއާގެ ބައެއް ކްލަބުތަކާއި މެދުއިރުމަތީގެ ބައެއް ކްލަބުތަކަށް ކޯޗުކޮށްދީފަ އެވެ. ކްރޮއޭޝިއާގެ ކޯޗުކަން 2017 ގައި ޑަލިޗް އަށް ހަވާލުކުރީ ވޯލްޑް ކަޕަށް އެ ޓީމުގެ ކޮލިފައިކޮށްދިނުމުގެ ޓާގެޓާ އެކު އެވެ. އެ ޓާގެޓް ޑަލިޗް ވަނީ ހާސިލްކޮށްފަ އެވެ. ދެން އޮތީ 1998 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް، ގުރޫޕް ސްޓޭޖުން ކްރޮއޭޝިއާ ސަލާމަތްކޮށްދިނުމުގެ މަސައްކަތެވެ.

ލޫކަ މޮޑްރިޗް: ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗަކީ ކްރޮއޭޝިއާގެ ކެޕްޓަނެވެ. މި ވަގުތު ދުނިޔެ އިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް މިޑްފީލްޑަރެވެ. ފަހުގެ ތާރީހުގައި ރެއާލް އިން ހޯދި ބޮޑެތި ކާމިޔާބީތަކުގައި މޮޑްރިޗްގެ ދައުރު ބޮޑެވެ. މޮޑްރިޑް ގައުމީ ޓީމަށް ކުޅެން ފެށީ 2005 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ ވަނީ ދެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ތަމްސީލްކޮށްފަ އެވެ.

އިވާން ޕެރިސިޗް: އިންޓަ މިލާނަށް ކުޅެމުން އަންނަ ޕެރިސިޗް އަކީ ކްރޮއޭޝިއާ ޓީމުގައި ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. ޔޫރަޕްގެ ގިނަ ކްލަބުތަކެއްގެ ސަމާލުކަން ހޯދާފައިވާ ޕެރިސިޗް އަކީ ކުރިން ޖަރުމަން ލީގުގައި ވިދާލި ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް އޭނާ ކުޅެން ފެށީ 2006 ވަނަ އަހަރެވެ. މިހާތަނަށް 60 އަށްވުރެ ގިނަ މެޗު އޭނާ ވަނީ ކުޅެފަ އެވެ.

އިވާން ރަކިޓިޗް: ކްރޮއޭޝިއާގެ ވަރުގަދަ މިޑްފީލްޑްގައި ދެން ހުރީ ބާސެލޯނާގެ އީވާން ރަކިޓިޗް އެވެ. ޔޫރަޕްގައި މި ވަގުތު ތިބި އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރޭގައި ރަކިޓިޗް ވެސް ހިމެނެ އެވެ. ސްޕެއިންގެ ސެވިއްޔާގައި ވިދާލި ރަކިޓިޗް ގައުމީ ޓީމަށް ކުޅެން ފެށީ 2009 ވަނަ އަހަރެވެ. މިހާރު އޭނާ އަކީ ކްރޮއޭޝިއާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.

ގުރޫޕް ސީގައި އާޖެންޓީނާ ނެގުމަށް ފަހު، ދެވަނަ ބުރަށް އެންމެ ވާދަކުރާނެ ކަމަށް ބެލެވެނީ ކްރޮއޭޝިއާ އެވެ. އެކަމަކު މި ގުރޫޕްގައި ދެން އޮތް ދެ ގައުމު ކަމަށްވާ ނައިޖީރިއާ އާއި އައިސްލޭންޑަކީ ވެސް ފަސޭހަކޮށް ނެގޭނެ ޓީމުތަކެއް ނޫނެވެ.