01 ޖޫން 2018 - 00:00

އާޖެންޓީނާ އަކީ ވޯލްޑް ކަޕްގައި އެންމެ ކާމިޔާބު އެއް ގައުމެވެ. ފުޓްބޯޅައިގެ ފޯރި އާދަޔާ ހިލާފަށް ގަދަ ގައުމެކެވެ. އާޖެންޓީނާ ވަނީ 1978 އަދި 1986 ގެ ވޯލްޑް ކަޕްގެ ތަށި އުފުލާލައިފަ އެވެ. އަދި 1990 ވަނަ އަހަރާއި 2014ގެ ވޯލްޑް ކަޕްގެ ފައިނަލްގައި ވާދަކުރި އެވެ.

އާޖެންޓީނާ އަކީ އަބަދުވެސް މޮޅެތި ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ. މިހާރު އޮތް ޓީމަށް ބަލާއިރު ވެސް، ފެންނަނީ ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގައި ކުޅޭ ތަރިންނެވެ. އެކަމަކު 1986ގެ ފަހުން ވޯލްޑް ކަޕްގެ ތަށި އުފުލާލެވޭ ގޮތެއް ނުވެ އެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް އާޖެންޓީނާ އަކީ ފޭވަރިޓެކެވެ.
ވާދަވެރި ކޮލިފައިން ބުރަކަށް ފަހު، އާޖެންޓީނާ މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފައިންގެ ފަހު މެޗުގައި ލިއޮނެލް މެސީ ދައްކާލި ޖާދުލުންނެވެ. ރަށުން ބޭރުގައި އިކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި 1-0 އިން އާޖެންޓީނާ ބަލިވަމުންދަނިކޮށް، އާޖެންޓީނާ އިން މެޗު ކާމިޔާބުކުރީ މެސީގެ ހެޓްރިކަކުންނެވެ.
ކޮލިފައިންގައި އާޖެންޓީނާގެ ނަތީޖާތައް ދަށްވެ، އެ ގައުމަށް ވޯލްޑް ކަޕުން ޖާގަ ނުލިބިދާނެ ކަމުގެ ބިރު ވެސް ކުރިމަތިވި އެވެ. އެކަމަކު ކޮލިފައިންގެ ފަހު ކޮޅު އާޖެންޓީނާ އިން ވަނީ ނަތީޖާތައް ރަނގަޅުކޮށް، ވޯލްޑް ކަޕުން ޖާގަ ހޯދައިފަ އެވެ. އާޖެންޓީނާ މުބާރާތަށް ކޮލިފައިވީ ތިން ވަނަ ޓީމުގެ ގޮތުގަ އެވެ. ފަސް ވަނައިގައި އޮތް ޕެރޫ އާއި ހަ ވަނައިގައި އޮތް ޗިލީ އޮތީ އާޖެންޓީނާ އަށްވުރެ ދެ ޕޮއިންޓް ފަހަތުގަ އެވެ.
އާޖެންޓީނާގެ ކޯޗު ޖޯޖޭ ސަމްޕައޮލީ އަކީ އެޓޭކިން ފުޓްބޯޅަ އަށް އިސްކަންދޭ ކޯޗެކެވެ. ލިބުނު ބޮޑު އަނިޔާއަކާ ގުޅިގެން ކުޅުން ހުއްޓާލުމަށް ފަހު، 2002 ގައި ކޯޗިންނަށް ނިކުތް ސަމްޕައޮލީ އަކީ ދެކުނު އެމެރިކާ ސަރަހައްދުގައި މަޝްހޫރު ކޯޗެކެވެ. ޗިލީން 2015 ގެ ކޮޕާ އެމެރިކާ ކާމިޔާބުކުރީ ސަމްޕައޮލީގެ އިރުޝާދުގެ ދަށުންނެވެ. ޗިލީ އަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްދިނުމަށް ފަހު، ސަމްޕައޮލީ ވަނީ ސްޕެއިންގެ ސެވިއްޔާގައި އެއް ސީޒަން ހޭދަކޮށްފަ އެވެ. ކޯޗިންގައި ތަފާތު ސްޓައިލެއް ގެންގުޅޭ ސަމްޕައޮލީ އަކީ އާޖެންޓީނާގައި މިހާރު އޮތް ޓީމަށް އެކަށީގެންވާ ކޯޗެއް ކަމަށް ގިނަ ތަޖުރިބާކާރުން ބުނެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ސަމްޕައޮލީ އާންމުކޮށް ކުޅޭ އެޓޭކިން ފުޓްބޯޅަ އެވެ.
ލިއޮނެލް މެސީ: އޭނާ އަކީ އާޖެންޓީނާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަން ގިނަ ބަޔަކު ގަބޫލްކުރާނެ އެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ މެސީ ވަނީ ކްލަބު ފެންވަރުގައި ހޯދޭނެ ހުރިހާ ކާމިޔާބެއް ބާސެލޯނާއާ އެކު ހޯދައިފަ އެވެ. މެސީ އަށް މިހާރު މަދުވަނީ ގައުމީ ޓީމާ އެކު ތައްޓެކެވެ. ވޯލްޑް ކަޕްގެ ފައިނަލްގައި 2014 ވަނަ އަހަރު އާޖެންޓީނާ ބަލިވެ، ޖެހިގެން އައި އަހަރު ކޮޕާ އެމެރިކާގެ ފައިނަލްގައި ވެސް އާޖެންޓީނާ ބަލިވުމުން މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލި އެވެ. އެކަމަކު ފަހުން ވަނީ އެ ނިންމުން ބަދަލުކޮށް، އަލުން ގައުމީ ޓީމަށް ކުޅެން ފަށައިފަ އެވެ. އާޖެންޓީނާގެ އުންމީދުތައް ގުޅިފައިވަނީ މެސީއާ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިކޮށްދިނުމުގައި މެސީގެ ދައުރު ބޮޑެވެ.
ޕައުލޯ ޑިބާލާ: ޔުވެންޓަސްގެ ތަރި ޕައުލޯ ޑިބާލާ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ޓީމުން ފާހަގަކުރެވޭނެ ކުޅުންތެރިއެކެވެ. މި ވަގުތު ޔޫރަޕްގައި އެންމެ ފޯމުގައި ހުރި އެއް ފޯވަޑަކީ ޑިބާލާ އެވެ. މިއީ ޑިބާލާ ،24، ގެ ފުރަތަމަ ވޯލްޑް ކަޕެވެ. މީގެ ކުރިން އޭނާ ކުޅުނީ 2015 ވަނަ އަހަަރު ކޮޕާ އެމެރިކާ އެވެ. އާޖެންޓީނާގެ ވަރުގަދަ ފޯވަޑް ލައިންގައި ތިބި ކުޅުންތެރިންގެ ތެރެއިން އިދިކޮޅު ޓީމުތަކުން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ކުޅުންތެރިޔަކީ ޑިބާލާ އެވެ.
ސާޖިއޯ އަގުއޭރޯ: މެންޗެސްޓާ ސިޓީގެ ފޯވަޑް ސާޖިއޯ އަގުއޭރޯ އަކީ ޔޫރަޕްގެ އެންމެ ނުރަައްކާތެރި އެއް ފޯވަޑެވެ. އެތުލެޓިކޯ މެޑްރިޑަށް ވެސް ކުރިން ކުޅުނު އަގުއޭރޯ ،29، އަކީ މި ވަގުތު އާޖެންޓީނާ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ގައުމީ ޓީމަށް މިހާތަނަށް 30 އަށް ވުރެ ގިނަ ލަނޑު ޖަހާފައިވާ އަގުއޭރޯ އަކީ މި ފަހަރު އާޖެންޓީނާ ޓީމުގައި މުހިންމު ރޯލެއް އަދާކުރާނެ ކުޅުންތެރިއެކެވެ.
އާޖެންޓީނާ ހިމެނޭ ގުރޫޕް ޑީގައި ދެން އޮތީ އައިސްލެންޑާއި ކްރޮއޭޝިއާ އަދި ނައިޖީރިއާ އެވެ. ތިބި ކުޅުންތެރިންނަށް ބަލާއިރު ގުރޫޕްގެ ފޭވަރިޓުންނަކީ އާޖެންޓީނާ އެވެ. އަދި މިއީ ނިސްބަތުން އާޖެންޓީނާ އަށް މާ އުނދަގޫވާނެ ގުރޫޕެއް ކަމަކަށް ނުބެލެވެ އެވެ.