ޓީމް ޕްރޮފައިލް: ސާބިއާ
ޓީމް ޕްރޮފައިލް: ސާބިއާ

ސާބިއާ މިނިވަން ގައުމަކަށް ވުމުގެ ކުރިން، ފުޓްބޯޅައިގެ ތާރީހުގައި ގުޅިފައި އޮތީ ކުރީގެ ޔޫގޮސްލާވިއާ އަދި ސާބިއާ އެންޑް މޮންޓެނީގްރޯއާ އެވެ. ކުރީގެ ޔޫގޮސްލާވިއާ އިން ވަނީ ދެ ފަހަރު ވޯލްޑް ކަޕްގެ ހަތަރު ވަނަ މަގާމު ހޯދައިފަ އެވެ. އަދި ގިނަ އަހަރުތަކެއްގައި ވޯލްޑް ކަޕްގައި ވާދަކުރި އެވެ. ޔޫގޮސްލާވިއާގެ ފަހު ވޯލްޑް ކަޕަކީ 1998 ގެ މުބާރާތެވެ. ޔޫގޮސްލާވިއާ ރޫޅުމަށް ފަހު، އުފެދުނު ސާބިއާ އެންޑް މޮންޓެނީގްރޯ އިން 2006ގެ ވޯލްޑް ކަޕްގައި ވާދަކުރި އެވެ. ސާބިއާ ވަކި ދައުލަތަކަަށް ވީ ފަހުން އެ ގައުމުން ވަނީ 2010ގެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ.

ޓީމް ޕްރޮފައިލް: ސާބިއާ
ޓީމް ޕްރޮފައިލް: ސާބިއާ

ސާބިއާ މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި ސާބިއާ ކުޅުނު 10 މެޗުން ހަ މެޗުން މޮޅުވި އެވެ. ބަލިވީ އެންމެ މެޗަކުންނެވެ. ސާބިއާ އިން ގުރޫޕްގެ އެއްވަނަ ހޯދީ 21 ޕޮއިންޓާ އެކު އެވެ. ކޮލިފައިންގައި ސާބިއާ އިން 20 ލަނޑު ޖެހިއިރު، ބައިކޮޅަށް ވަނީ 10 ލަނޑެވެ.

ސާބިއާގެ ކޯޗު މްލަޑެން ކްރިސްޓަޖިކް އަކީ އެ ގައުމުގައި ނަން މަޝްހޫރު ކޯޗެކެވެ. ސާބިއާގެ ޓީމަށް 2006ގެ ވޯލްޑް ކަޕްގައި އޭނާ ކުޅުނެވެ. އަދި ކްލަބު ކެރިއަރުގައި ޖަރުމަން ލީގާއި ސާބިއާގެ ބައެއް ކްލަބްތަކަށް ވެސް ކުޅެފައިވެ އެވެ. ސާބިއާގެ ގައުމީ ޓީމާ އެންމެ ފުރަތަމަ ކްރިސްޓަޖިކް ހަވާލުވީ ވަގުތީ ގޮތުންނެވެ. އެކަމަކު ޑިސެމްބަރު 2017 ގައި އޭނާ ވަނީ ރަސްމީކޮށް ޓީމާ ހަވާލުވެފަ އެވެ. ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ކްރިސްޓަޖިކް އަށް ކޯޗިންގެ އެއްވެސް ތަޖުރިބާއެއް ނުލިބެ އެވެ.

ނެމަންޔާ މަޓިޗް: ސާބިއާ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ނެމަންޔާ މަޓިޗަކީ އެ ޓީމަށް މުހިންމު ކުޅުންތެރިއެކެވެ. މެންޗެސްޓާ ޔުނައިޓެޑަށް މިހާރު ކުޅެމުން އަންނަ މަޓިޗަކީ މެދުތެރެ ޑޮމިނޭޓްކުރާ ކުޅުންތެރިއެކެވެ. ޕްރިމިއާ ލީގުގައި އޭނާ އެންމެ ފުރަތަމަ ފާހަގަވީ ޗެލްސީންނެވެ. މަޓިޗް ސާބިއާގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅެން ފެށީ 2009 ވަނަ އަހަރެވެ. ސީނިއާ ޓީމަށް ކުޅުމުގެ ކުރިން މަޓިޗް ވަނީ ސާބިއާގެ 21 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ.

ސެރްގޭ މިލިންކޮވިޗް-ސަވިޗް: ސާބިއާ ޓީމުގައި މި ވަގުތު ހުރި އެންމެ އުންމީދީ ކުޅުންތެރިޔަކީ ސެރްގޭ މިލިންކޮވިޗް – ސަވިޗްވެ. އިޓަލީގެ ލާޒިއޯ އަށް ކުޅެމުން އަންނަ ސަވިޗް ،22، އަކީ މިހާރު ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ސަމާލުކަން ހޯދާފައިވާ ކުޅުންތެރިއެކެވެ. ސަވިޗް ގައުމީ ޓީމަށް ކުޅެން ފެށީ 2017 ވަނަ އަހަރެވެ. ވޯލްޑް ކަޕްގައި އޭނާގެ ބޭނުން އެ ގައުމަށް ވަރަށް މުހިންމުވާނެ އެވެ.

ބްރެޒިލް އަކީ މި ގުރޫޕްގެ ފޭވަރިޓެވެ. އެކަމަކު ސާބިއާ އަކީ ހަމަގައިމު ވެސް ބްރެޒިލްގެ ފަހަތުން ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރާނެ ގައުމެކެވެ. މި ގުރޫޕްގައި ދެން ދެވަނަ ބުރުގެ ޖާގައަކަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވެނީ ސްވިޓްޒަލޭންޑެވެ. އެހެންކަމުން ސާބިއާ އާއި ސްވިޓްޒަލޭންޑް ބައްދަކުރާ މެޗުގެ ވާދަވެރިކަން ވަރަށް ބޮޑުވާނެ އެވެ.